ރާއްޖެ ކުޅިވަރު

އަޑޭ، ޝަންމޭ އަދި ބޮކްރީއާ ހަމްދާން ބާކީކޮށް ގައުމީ ސްކޮޑަށް ނާއްޓޭއާ ސަމޫހް އަދި މުއްކި

ޔުނައިޓަޑް އެރަބް އެމިރޭޓްސް 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިން ބުރުން ޖާގަ ހޯދުމަށް ލާއޯސްއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގް މެޗަށް އެކުލަވާލި ގައުމީ ސްކޮޑުން މާޒިޔާގެ އަސްހަދު އަލީ (އަޑޭ) އާއި އާއި ގާސިމް ޝަމާމް (ޝަންމޭ) އާއި ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) އާއި އަނިޔާގައި ހުރި ޓީސީގެ ނާއިޒު ހަސަން (ދާދު) އާއި އީގަލްސްގެ ހަމްދާންގެ އިބްރާހިމްގެ ބަދަލުގައި މާޒިޔާގެ އަހްމަދު ނާޝިދު (ނާއްޓޭ) އާއި ޑިފެންޑަރު ސަމޫހް އަލީ އާއި އީގަލްސްގެ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) އަށް ގައުމީ ޓީމުން ފުރުސަތު ދީފިއެވެ.

އަޑޭ ގައުމީ ޓީމުން ބާކީ ކުރިިއިރު ސިޔާސީ މައްސަލައްގައި އަޑޭ ވަނީ ކޯޓް އަމުރެއްގެ ދަށުން 15 ދުވަސް ވަންދެން ހައްޔަރު ވެސް ކޮށްފައެވެ. އޭގެ ސަބަބުން ލީގްގެ މުހިންމު މެޗްތައް އޭނަ އަށް ކުޅެވިފައެއް ނުވެއެވެ.

ޓީސީ ސްޕޯޓްސް އަށް ނިސްބަތްވާ ދާދު އަށް އަނިޔާވީ ލާއޯސްއާ ދެކޮޅަށް މަލޭގައި ކުޅުނު ފުރަތަމަ ލެގް މެޗަށް ތައްޔާރުވުމަށް ބަނގުލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗްގަ އެވެ.

އެ މެޗްގެ ފުރަތަމަ ހާފުގައި ކޮނޑު ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ދާދު ވަނީ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އޭނާގެ ކޮނޑު ހުޅުނު އޮޕަރޭޝަން ކުރުމަށްފަހު ޑޮކްޓަރުން ބުނެފައިވަނީ އަށް ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަންޖެހޭ ކަމަށެވެ.

ލާއޯސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗަށް އެކުލަވާލި ޓީމުން ނާއްޓޭ އާއި ސަމޫހް އަށް ފުރުސަތު ލިބިފައެއް ނުވެއެވެ. ނަމަވެސް ސަމޫހްގެ އެއްބަނޑު އެއްބަފާ ބޭބެ ޝަންމޭ އަށް ސްކޮޑުން ފުރުސަތު ލިބުނު ނަމަވެސް މިފަހައްރު ސްކޮޑުން ޝަންމޭ އަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

އީގަލްސްގެ ހަމްދާން އަށް ޓީމުން ފުރުސަތު ލިބިފައިވާއިރު، އޭނާގެ ބަދަލުގައި ޓީމުން ފުރުސަތު ދީފައިވަނީ އީގަލްސްގެ މުއްކި އަށެވެ. މިއީ އޭނާއަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަަހެރެވެ.

ލާއޯސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗަށް އެކުލަވާލި ގައުމީ ސްކޮޑުން ފުރުސަތު ނުލިބުނު ނާއްޓޭ އާއި ސަމޫހް އަށް އަލުން ޓީމުން ފުރުސަތު ދީފައިވާއިރު ބާކީ ތިން މެޗް އޮއްވައި މާޒިޔާއިން މިއަހަރު ދިވެހި ލީގް ޗެމްޕިއަންކަން ކަށަވަރުކުރިއިރު ލީގް ތިން ވަނަ ބުރުގައި އެ ދެކުޅުންތެރިން ވަނީ މާޒިޔާގެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިމަހު 11 ވަނަ ދުވަހު ލާއޯސްއާ ދެކޮލަށް ކުޅޭ ދެ ވަނަ ލެގް މެޗަށް ގައުމީ ޓީމްގެ ޕްރެކްޓިސް ވަނީ ފަށާފައެވެ. ލާއޯސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗް ދިވެހި ޓީމު ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ނަތިޖާއަކުންނެވެ.