މޯލްޑިވިއަން އައިޑޮލް

ޖަޖެއްގެ ގޮތު ކުޑައިއްބެ އެނބުރިއައި ސަބަބު ވަރަށް ބޮޑު

އެ ސަބަބެއްގެ މާ ބޮޑު ތަފްސީލަކަށް ވެސް ދާން އޭނާ ބޭނުމެއް ނުވި އެވެ. ސީޒަން އެކެއްގައި ވެސް ފަނޑިޔާރުކަންކުރި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް އަލީ (ކުޑައިއްބެ) ޖަޖުންގެ ޕެނަލަށް އެނބުރިއައިސްފައި މި ވަނީ ސީޒަން ދޭކުން ފުރުސަތު ލިބުނަސް އެ ފުރުސަތު ގަބޫލު ނުކުރާނެ ކަމަށް ބުނުމަށް ފަހު އެވެ.

އިއްބެ އެފަހަރު ބުނީ މިހެންނެވެ.

"ދެ ވަނަ ސީޒަނުން ޕީއެސްއެމްއިން އިއްބެ އަށް އެ ފުރުސަތު ދިނަސް ބަލައެއް ނުގަންނާނަން، އެ ސީޒަނަށް ދާން އަދިއެއް ހިޔާލެއް ނުކުރަން، އެ ޕްލެޓްފޯމްގައި ޖަޖުންގެ ގޮނޑީގައި އިނުމުގެ ސްޓްރެންތް އެބަހުރި، އެތާ ތިބި ދެ ޖަޖުންނަށްވުރެ ސީނިއާ ވެސް ވާނެ، ފުދޭވަރަކަށް ގިނަ މަސައްކަތް ވެސް ކޮށްފައިވާނެ މި ދާއިރާގައި، އެއްޗެހި އެނގެން ވެސް އެނގޭނެ، ކިޔަވަން ވެސް ކިޔެވިން،" މިހެންނެވެ.

ނަމަވެސް ދެ ވަނަ ސީޒަނާއެކު އިއްބެގެ ހިޔާލު މި ވަނީ ބަދަލުވެފަ އެވެ. ހަގީގަތަށް ބުނަނީ ނަމަ ކުޑައިއްބެ މޯލްޑިވިއަން އައިޑޮލް އަށް ޖަޖެއްގެ ގޮތުގައި އެނބުރި އައުމަކީ ހަމަ އަސްލަށް ވެސް ނިކަން ބޮޑު ސަޕްރައިޒެކެވެ.

އެކަމަކު އިއްބެ ބުނަނީ އެކަމުގެ ފަހަތުގައި އޮތް "ރީޒަން" މިދިޔަ އަހަރުގެ ސީޒަނަށްވުރެން ވެސް ބޮޑު ކަމަށެވެ.

"[ސީޒަން ދޭކަށް] ނާރާނަމޭ ބުނީ ރީޒަންއެއް އޮވެގެން. އަދި [އަލުން] މި އަރަނީ އެއަށްވުރެން ބޮޑު ރީޒަންއެއް އޮވެގެން،" އެނބުރި އައި ސަބަބަކީ ކޮބައިތޯ ސުވާލުކޮށްލުމުން އިއްބެ ދިން ކޮމެންޓަކީ މިއީ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

އިއްބެގެ އެނބުރި އައުންވާނީ ބެލުންތެރިންނާއި ފާޑުކިޔުންތެރިންނަށް ވެސް ސަޕްރައިޒަކަށެވެ. އިއްބެ އަކީ އައިޑޮލްގެ ޖަޖުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ޖަޖެވެ. އަދި ވަރަށް ގިނަ ބަޔަކު ނިންމައިގެން ތިބީ އައިޑޮލްގެ ސީޒަން ދޭކަށް ޖަޖުންގެ ގޮނޑި އަނބުރާލާއިރު އިއްބެ އަށް ގޮނޑިއެއް ލައްވައިނުލާނެ ކަމަށެވެ. ނަމަވެސް "އެންމެ ސަޅި މީހާ" އެނބުރިއައީ އެވެ.

"ވަރަށް ގިނަ މީހުން އިއްބެ ކޮމެންޓް ނުކުރާތީ ވެސް ވާހަކަ ދައްކާ، އަސްލު ގަބޫލެއް ނުކުރަން އެއީ އެހާ މޮޅެތި ކުދިންތަކެއް ކަމަކަށް، ކޮންމެ ކުއްޖަކާ ދިމާލަށް އެހާ ޓެކްނިކަލް އެއްޗެހި ބުނަން ބޭނުމެއް ނުވޭ، އެހެންވެ އެހާ ގިނައިން ކޮމެންޓް ނުކުރަނީ، އެނގޭ ދެން ތިބި ދެ ޖަޖުން ކުރާ ކަން ކޮމެންޓް، އިއްބެ ރެސްޕެކްޓް ކުރަން އެ ދެ މީހުންނަށް ވެސް، މިޔުޒިޝަނުން އެއީ، އެއްވެސް ކުއްޖަކާ ދޭތެރޭ ފޭވާއެއްގެ ގޮތަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" މިދިޔަ ސީޒަނަށް ފަހު އިއްބެ ބުނެފައިވެ އެވެ.