ރިޕޯޓް

ދަ ހެމާ: ޒުވާނުންނަށް ގެނެސްދިން ބޮޑު މަރުތެޔޮ!

Oct 2, 2016
1
  • ޕާސަނަލް ޓްރެއިނިން ދަނީ ފުޅާކުރަމުން
  • ގިނަ ޒުވާނުން ދާއިރާއަށް ނެރެން ބޭނުންވޭ
  • ޒުވާނުންނަށް ރަނގަޅު ދާއިރާއެއް

"ފިޓްނަސް" ދާއިރާއަކީ ހަމައެކަނި ދުޅަހެޔޮ ސިއްހަތެއްގައި ހުރުން ނޫންކަން މި ދަނީ ސާބިތުވަމުންނެވެ. މި ދާއިރާގައި ވަޒީފާގެ ގިނަ ފުރުސަތު ތަކެއް އެބަހުއްޓެވެ. އެކަން އެނގެނީ "ދަ ހެމާ ޖިމް" ގެ އިސް ނެގުމުންނެވެ. މި ތަނުގައި މަސައްކަތް ކުރާ ގިނަ އިންސްޓްރަކްޓަރުންނަކީ ނޫކަށިފުރައިގެ ޒުވާނުންނެވެ. މީގެ ތެރެއިން އެއް ޒުވާނަކީ 20 އަހަރުގެ، މުހައްމަދު ލުއައްޔު ހުސެއިން (ލުއައްޔު) އެވެ. އޭނާ މި ތަނުގެ ވަޒީފާ އަށް ނުކުމެ، މި ވަޒީފާގައި ހުރެ ދިރިއުޅުން ދަނީ އާރާސްތު ކުރަމުންނެވެ. ޒަވާޖީ ހަޔާތެއް ފަށައި، ހަރުދަނާ މީހަކަށް ވެއްޖެ އެވެ. މިއީ ހެމާގެ މައިގަނޑު މަގުސަދެވެ. ބޭނުމަކީ ފިޓްނަސް ދާއިރާ، ހާއްސަކޮން ޕާސަނަލް ޓްރެއިން އަކީ ރަނގަޅު އާމްދަނީ އެއް ލިބޭނެ ދާއިރާއެއްކަން ސާބިތު ކޮށްދިނުމެވެ.

"މިއީ ވަރަށް ގިނަ ފުރުސަތު ތަކެއް ހުރި ދާއިރާއެއް. ރަނގަޅު ކެރިއާއެއް ބިލްޑް ކުރުމުގެ ކުރުމަށް މިއީ ލިބޭނެ އެންމެ ރަނގަޅު ފުރުސަތު. ލިބޭ އެންމެ ބޮޑު އެއް އުފާ،" ހެމާ ޖިމްގައި އިންސްޓްރަކްޓަރެއްގެ ވަޒީފާގައި އުޅެމުންގެން ދާ ޒުވާން، ލުއައްޔު ބުންޏެވެ.

އޭނާގެ މުޅި ދިރި އުޅުން އޮތީ މި ދާއިރާއަށް ބިނާވެފަ އެވެ. މި ދާއިރާ އިން ދަސްވި ރަނގަޅު އަހުލާގަކީ ފަތިހު އަވަށް ތެދުވުމެވެ. ފަތިސް ނަމާދު ކޮށްގެން ކޮންމެ ދުވަހެއްގެ 5.30 ގައި އޭނާގެ މަންޒިލަކީ ޖިމެވެ. އެ ތަނަށް އަންނަ މީހުންގެ ހަށިގަނޑު، އެ މީހުން ބޭނުންވާ ގޮތަށް ބައްޓަން ކޮށްދިނުމަކީ ލުއައްޔުގެ އުފަލެކެވެ. އެހެންވެ މި ދާއިރާ ދެކެ އޭނާ ލޯބިވެ އެވެ. އުޅެނީ އުޅޭ ހިތުންނެވެ.

"މި ދާއިރާގައި އެންމެ ރަނގަޅު ކަމަކީ ވަޒީފާގައި އުޅެމުން ޓްރެއިން ވެގެން ކުރިއަށްދާން ފުރުސަތު ލިބުން. މިއީ އަސްލު ޒުވާނުން ނަށް ވަަރަށް ރަނގަޅު ދާއިރާއެއް. މި ދާއިރާގައި އެންމެ އުފަލަކީ އެހެން މީހުންގެ ހަށިގަނޑަށް ރަނގަޅު ބަދަލެއް ގެނެސްދީ އެހެން މީހުން އުފާކޮށް ތިބޭތަން ފެނުން،" ލުއައްޔު ބުންޏެވެ.

އެހެން އިންސްޓްރަކްޓަރެއް ކަމަށްވާ އަހުމަދު އަބްދުލް ސައްތާރު ބުނި ފިޓްނަސް ދާއިރާގައި އުޅެގެން ލިބޭ އާމްދަނީއިން އާއިލާއާއެކު އެންމެ ރަނގަޅު ގޮތުގައި ރީތިކޮށް އުޅެން ފުރުސަތު ލިބޭނެ ކަމަށެވެ.

"އެންމެ ރަނގަޅު ފެންވަރުގައި އުޅޭނެ އިންކަމެއް އެބަ ލިބޭ. އެހެންވެ އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ދުވަހެއް މި ދާއިރާ އަށް ވީހާ ވެސް ގިނަ މީހުން ނުކުންނާނެ ދުވަހަކީ،" އަހުމަދު ބުންޏެވެ.

ދަ ހެމާގެ މަގުސަދަކީ މި ދާއިރާ ފުޅާ ކުރުން

އަލިމަސް ކާނިވާ ތެރޭގައި ހަދާފައިވާ "ދަ ހެމާ" ޖިމް ފައްކާކޮށްފައިވަނީ އެ ތަނަށް ހިދުމަތް ހޯދުމަށްދާ އަންނަ މީހުންނަށް ހިތް ގައިމު މާހައުލެއް އޮންނާނެ ގޮތަކަށެވެ. މިގޮތުން އެތަނަށް އަންނަ ކޮންމެ ފަންތިއެެއްގެ، މީހަކަށްވެސް ހިނިތުންވުމާއެކު ތިބެ، ހިދުމަތް ކުރުމަކީ މި ޖިމްގެ އެންމެ ހާއްސަ އެއް ސިފައެވެ.

ހެމާގެ މެނޭޖަރު އިބްރާހިމް ވަހީދު ބުނި ގޮތުގައި ގިމަށް އަންނަ މީހުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމުގައި ދެމިހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މިކަން މިކުރަނީ ވަރަށް މުހިންމު މަގުސަދެއްގައި، ވަރަށް މާތް މަގުސަދެއް އޮވޭ. އަޅުގަނޑުމެން ބޭނުންވަނީ ޕާސަނަލް ޓްރެއިނިންއަކީ ހަރުދަނާ އެކަށީގެންވާ އާމްދަނީއެއް ލިބޭ ޕްރޮފެޝަންއަކަށް ހެދުން،" އިބްރާހިމް ބުންޏެވެ.

މި ޖިމްގައި މަސައްކަތްކުރާ އިސްމާއިލް ޝުއާއު އަބްދުﷲ ބުނި ގޮތުގައި މި ދާއިރާއަކީ އެހެނިގެން ވަޒީފާތައް ފަދައިން ރަނގަޅު އާމްދަނީއެއް ލިބޭނެ ދާއިރާއެއް ކަމަށެވެ.

"ވަރަށް ސަޅި ދާއިރާއެއް މިއީ ޒުވާނުންނަށް. މިދާއިރާގައި އުޅެގެން ރަނގަޅު ކެރިއާއެއް ބިލްޑް ކޮށްލެވިދާނެ. ފުރުސަތުތައް ވަރަށް ގިނަ،" ޝުއާއު ބުންޏެވެ.

"ދަ ހެމާ" ގެ މި މަސައްކަތާއެކު، އެތަން މިވަނީ ވިދާލާފަ އެވެ. މިގޮތުން ދާދިފަހުން ބޭއްވި މިސްޓަ މޯލްޑިވްސްގެ އެންމެ ޝަރަފުވެރި "މިސްޓަ މޯލްޑިވްސް" ލިބުނީވެސް މި ޖިމަށެވެ. އަދި ދެވަނަ އާއި ފިސީކް ކެޓްގަރީގެ ދެވަނަ ވެސް ހޯދީ މި ޖިމް އެވެ.