ދުނިޔެ

އިދިކޮޅު ފަރާތްތަކަށް ޖާސޫސްކޮށްގެން ކޮލަމްބިއާގެ ކުރީގެ ޖާސޫސީ ވެރިޔާ ކުށްވެރިވެއްޖެ

ކޮލަމްބިއާގެ އިދިކޮޅު ފަރާތްތަކާއި ފަނޑިޔާރުންގެ އިތުރުން ނޫސްވެރިންނާ ދެކޮޅަށް ޖޫސޫސީ ހަރަކާތްތަކެއް ހިންގި މައްސަލައިގައި އެ ގައުމުގެ ކުރީގެ ޖާސޫސީ ވެރިޔާ އާއި އިތުރު މީހަކު ކުށްވެރިވާ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މީގެ ހަތް އަހަރު ކުރިން 2007 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދު ހިންގި އެ ހަރަކާތްތަކުގެ ޝިކާރައަކަށް ވެފައިވަނީ އޭރުގެ ރައީސް އަލްވަރޯ ޔުރިބާއާ އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންގެ އިތުރުން ނޫސްވެރިންތަކެކެވެ. އެ މައްސަލައިގައި އޭރުގެ ޖާސޫސީ ވެރިޔާ މާރިއާ ޑެޕިލާ ހާޓަޑޯ އާއި އޭރުގެ ރައީސް އަލްވަރޯގެ ޗީފް އޮފް ސްޓާފް ބާނާޑޯ މޮރީނޯ ކުށްވެރިވާ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅައިފަ އެވެ.

އެ ދެ ބޭފުޅުން ކުށްވެރިޔާ ކަމަށް ނިންމި ސުޕްރީމް ކޯޓުގެ ބެންޗުގައި، ޖާސޫސީ ހަރަކާތްތަކުގެ ޝިކާރައަކަށްވި އެއްވެސް ފަނޑިޔާރަކު ނުހިމެނޭއިރު ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި އެ ދެ މީހުންގެ މައްޗަށް އަދަބު ކަނޑައަޅާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ މީހުންގެ މައްޗަށް 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަދަބު ކަނޑައަޅަން ދެން ހާޓަޑޯ ޖަލުގައި ހުންނަންޖެހޭއިރު އެ މުއްދަތުގެ ތެރޭގައި މޮރީނޯ ހުންނާނީ ކަފާލާތުގެ އުސޫލުން ދޫކޮށްލައިފަ އެވެ.

އަށް އަހަރު ވަންދެން ވެރިކަން ކުރެއްވި އަލްވަރޯގެ ވެރިކަމުގައި ސަރުކާރުގެ އިސް ބޭފުޅުން ޚިޔާނާތްތެރިވުމާއި ގާނޫނާއި ޚިލާފަށް ކަންކަން ކުރި ކަމަށް ބުނެ އޭގެ ތެރެއިން ބައެއް ބޭފުޅުންގެ މައްޗަށް ދަނީ ޝަރީއަތް ހިންގަމުންނެވެ.