ރިޕޯޓް

ފެލިވަރު ވަޅުގަނޑުން ތެދުވެ، ޔޫރަޕު "ފަސްމީރު" ކޮށްލަނީ

Oct 3, 2016
1
  • އަންނަ މަހު އިނގިރޭސިވިލާތައް އެކްސްޕޯޓު ފަށާނެ
  • ފެލިވަރު ތަރައްގީކޮށް އިތުރު އާލާތްތައް ހޯދާފައިވޭ
  • ދަޅު އުފެއްދުމުގެ ގާބިލްކަން 50 ޓަނަށް އިތުރުކޮށްފި

"ފަސްމީރު ދަޅުމަސް" ކުރިން ވެސް މިހާރުވެސް އެއީ ދިވެހިން ފަހުރުވެރިވާ ނަމެކެވެ. ސަބަބަކީ ރާއްޖޭގެ އުފެއްދުމެއްގެ ގޮތުގައި ޔޫރަޕުގެ ބޮޑެތި ފިހާރަތަކުން މި ނަން ފެނުމެވެ. ނަމަވެސް 2010 ވަނަ އަހަރު މިފްކޯ ބައިކޮށްލުމުން، މަސް ފެކްޓްރީ އަށް މަސް ލިބުން ދަތިވެ، ދަޅު މަސް އުފެއްދުމުގެ ގާބިލްކަން 50 މެޓްރިކް ޓަނުން 15 ޓަނަށް ވެއްޓުނެވެ.

ނަމަވެސް މިދިޔަ އަހަރު ސަރުކާރުން އަނެއްކާ ވެސް ފެލިވަރު ދަޅު މަސް އުފެއްދުމުގެ ގާބިލްކަން އިތުރު ކުރުމަށް ބޮޑު މަޝްރޫއެއް ފެށި އެވެ. މި މަސައްކަތުގެ ފުރަތަމަ ބައި ނިމި، ފެލިވަރު ކާރުހާނާ އަނެއްކާ ވެސް މި ވަނީ ޔޫރަޕަށް ދަޅު އެކްސްޕޯޓު ކުރަން ތައްޔާރުވެފަ އެވެ. ވެއްޓިފައި އޮތް ވަޅުގަނޑުން އަރައިގަނެ، ޔޫރަޕު "ފަސްމީރު" ކޮށްލަން ތައްޔާރުވެފަ އެވެ.

"އިރާދަކުރެއްވިއްޔާ މިހާރު މި މަސައްކަތް މިއޮތީ ނިމިފައި. މިހާރު ކުރިއަށްދަނީ ކަސްޓަމަރުންގެ އޮޑިޓްތައް. އޮޑިޓްތަކުގެ 90 ޕަސެންޓް ނިމިފައިވަނީ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޔޫރަޕަށް އެކްސްޕޯޓް ކުރަން ފެށޭނެ،" ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެސިސްޓަންޓް ރީޖަނަލް މެނޭޖަރު ހާމިދު ނަޒީމް ވިދާޅުވި އެވެ.

ފެންވަރު މަތިކުރަން ބޮޑު އިންވެސްޓްމަންޓެއް ކުރި

މެޝިނަރީތައް ބާވެ، މުސްކުޅިވެފައި އޮތް ފެލިވަރު ކާރުހާނާ ފެންވަރު މަތި ކުރުމަށް ބޮޑު ހަރަދެއް ކޮށްފައިވެ އެވެ. މިގޮތުން ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް މިކަމަށް ކޮށްފައިވެ އެވެ. މި ގެނެވުނު ބަދަލާއެކު، ފަހުގެ ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްކުރާ ވަސީލަތްތައް ގެނެވިފައިވެ އެވެ. މިގޮތުން ފެލިވަރު ފެންވަރު މަތިކުރުމުގެ ފުރަތަމަ މަރުހަލާގައި ގެނެސްފައިވާ ބޮޑެތި ބައެއް މެޝިނަރީތަކުގެ ތެރޭގައި:

* މަސް ސާފުކުރަން އިތުރު ތިން ލައިން އިތުރުވުން: ފެލިވަރު ކާރުހާނާއަށް ގެންނަ މަސް ސާފު ކުރުމަށް ކުރިން ބޭނުންކުރަމުން ގެންދިޔައީ، ތިން ލައިން އެވެ. މި ނަމަވެސް ފަހުން ފެކްޓްރީއަށް ގެނެސްފައިވާ ބަދަލާއެކު އިތުރު ތިން ލައިން ވަނީ އިތުރުކޮށްފަ އެވެ. މި ބަދަލުގެ ސަބަބުން މަސް ސާފު ކުރުމަށް މިހާރު ޖުމްލަ ފަސް ލައިން ބޭނުންކުރާނެ އެވެ. މީގެ ސަބަބުން ފުލް ކެޕޭސިޓީގައި މަސައްކަތްކުރާއިރު، ދުވާލަކު 50 ޓަނުގެ ދަޅުމަސް އުފެއްދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް މަގު ފަހިވާނެ އެވެ.

* ޕެކްޝޭޕާސް އިތުރު ކުރުން: މި މަޝްރޫއުގެ ދަށުން ފެލިވަރަށް މުޅިންއާ ދެ ޕެކްޝޭޕާ ވަނީ އިތުރުކޮށްފަ އެވެ. ޕެކްޝޭޕާގެ ބޭނުމަކީ ދަޅަށް އަޅާ މަސް ދަޅަށް ފިޓުވާ ގޮތަށް ކޮށާލުމެވެ.

* މުޅިން އަލަށް ހަތަރު ރިޓޯޓް ގެނައުން: ކާރުހާނާގައި ކުރިން ބޭނުންކުރަމުން ގެންދިޔައީ އެންމެ ރިޓޯޓެވެ. ނަމަވެސް ފަހުން ގެނައި ބަދަލާއެކު މުޅީންއާ ދެ ރިޓޯޓް ގެނެސްފައިވެ އެވެ. ރިޓޯޓުގެ ބޭނުމަކީ މަސް ދަޅަށް އެޅުމަށްފަހު، ގިނަ ދުވަހު ހުންނާނެހެން ދެވަނަ ފަހަށް ގަދަ ހޫނުގައި ކައްކާލުމެވެ. މިގޮތުން 117 ޑިގްރީގެ ހޫނުގައި ދަޅުތައް ކައްކާލާނެ އެވެ.

* އަލަށް ދެ ކުކަރު ގެނައުންމަސް: ކެނޑުމަށްފަހު، އެންމެ ފުރަތަމަ ދަޅުމަސް ކެއްކުމަށް ހާއްސަ ދެ ކުކަރުވެސް ގެނެސްފައިވެ އެވެ. ކުކަރޭ ބުންޏަސް މިއީ އާއްމުކޮށް ހުންނަ ކުކަރުތަކަށްވުރެ ތަފާތު ވާނެ އެވެ. އިލެކްޓްރޯނިކް ނިޒާމަކުން ގަދަ ހޫނުގައި ކައްކައި އަދި ފިނިކޮށްލަ ދޭ ދެ ކުކަރު ގެނެސްފައިވެ އެވެ.

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެސިސްޓަންޓް ރީޖަނަލް މެނޭޖަރު ހާމިދު ވިދާޅުވީ މި މަޝްހޫރުގެ ދަށުން ޕައުޗް ބަންދު ކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.

"ޕައުޗް ބަންދު ކުރުމަށް ހަމަޖެހިފައިވާތީ އިތުރު ރިޓޯޓެއް ވެސް ބެހެއްޓުމަށް ހަމަޖެހިފައިވޭ. މީގެ އިތުރުން ކޯލްޓް ސްޓްރޯރޭޖް ވެސް އަޕްގްރޭޑް ކުރާނެ. ހީވާގޮތުން އިރާދުކުރެއްވިއްޔާ 2017 ގައި ދެވަނަ ފިޔަވަހި ކުރި އަށް ދާނެ،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ބޭރުކުރީ ޖަރުމަނު މާކެޓަށް ކަމަށާއި، ނަަމަވެސް އެކްސްޕޯޓު ކުރަން ފަށާނީ އިގިރޭސިވިލާތައް ކަމަށެވެ.

"ވަަރަށް ޕޮޒިޓިވްކޮށް ތިބީ ބަޔަރުން. މިހާރުން މިހާރަށްވެސް ދަޅު އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރިއަށްދޭ. ދަޅުގެ ޑިޒައިން ވެސް ކުރަމުން އެބަ ގެންދަން،" ހާމިދު ވިދާޅުވި އެވެ.

ދަޅު އުފައްދާ ފެކްޓްރީ

ފެލިވަރަކީ ރާއްޖޭގައި ހުރި ހަމައެކަނި ދަޅު ހަދާ ފެކްޓްރީ ހުރި ތަނެވެ. ފެލިވަރު ދަޅުމަސް އެޅުމަށް ބޭނުންކުރާ ދަޅު އުފައްދަނީ ވެސް ފެލިވަރުގަ އެވެ. މި ފެކްޓްރީގައި ދުވާލަކު 48،000 ދަޅު އުފައްދަ އެވެ. ދަޅު އުފެއްދުމަކަށްފަހު ބާކީ ހުންނަ ދަގަނޑު ފިލާ އެކްސްޕޯޓް ކުރަނީ އިންޑިޔާ އަށެވެ

ސަރުކާރުގެ މަސް ކުންފުނިން އަނެއްކާވެސް އެކްސްޕޯޓު ފެށުމަކީ ދިވެހި އުފެއްދުންތެރިކަން އިތުރު ވެގެންދާނެ ކަމެކެވެ. ސަބަބަކީ މީގެ ސަބަބުން ދިވެހި މަހަށް ރަނގަޅު އަގެއް ލިބިގެން ދިއުމެވެ.