އިދިކޮޅު ފަރާތްތަކުން އިއްޔެ ސަރުކާރަށް ހުށަހެޅި ޑިމާންޑްތަކުގެ ތެރޭގައި ގިނައީ ސަރުކާރާ ގުޅުމެއް ނެތް އަދި އެއްވެސް އަސާސެއް ނެތް ކަންތައްތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
"އަވަސް" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި މުއާޒު ވިދާޅުވީ އިއްޔެގެ މުޒާހަރާގެ މައިގަނޑު ޑިމާންޑަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލުން ކަމަށާއި ނަމަވެސް އެކަމަކީ ޕްރޮސިކިއުޓާ ޖެނެރަލާއި އެބޭފުޅުންގެ މައްސަލަތައް ހިނގަމުން އަންނަ ކޯޓުތަކުގެ އަތް މަތީގައި އޮތް ކަމެއް ކަމަށެވެ.
މި ސަރުކާރުން އެއްވެސް ސިޔާސީ ކުށްވެރިއަކު ބަންދުކޮށް، ދައުވާ އުފުލާފައި ނުވާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތަކަށް ގެނެވުނު އިސްލާހުތައް އަނބުރާ ގެނައުމަށް ގޮވާލި އިރު އެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ މަޖިލީހުން ކަމަށެވެ.
"އެއީ ޕީޖީ އާއި ޝަރުއީ ކޯޓުތަކުގެ އަތް މަތީގައި އޮތް ކަމެއް. އެއީ ސަރުކާރަކަށް ކޮށްދެވޭނެ ކަމެއް ނޫން. ދެން އޮތީ ގާނޫނުތަކަށް ގެނެވުނު އިސްލާހުތައް. އިއްޔެ މުޒާހަރާގައި އެބަ ތިއްބެވި މަޖިލީހުގެ މެންބަރުން. އެބޭފުޅުން ކުރައްވަން ޖެހޭ ކަމެއް ނުކުރައްވާ ސަރުކާރަށް ޑިމާންޑް ކުރުމަކީ ހަރުދަނާ ކަމެއް ނޫން. އެހެން ވީމާ މި ޑިމާންޑްތަކުގައި އަސާސެއް ނެތް. މީގައި ގިނައީ ތިން ބާރު ވަކިވެފައި މި އޮތް އިރު، ސަރުކާރަކަށް ނުކޮށްދެވޭނެ ކަންކަން،" މުއާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ބައެއް ވައުދުތަކާ ގުޅޭ ޑިމާންޑްތަކެއް ވެސް ހުރި ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބައެއް ކަންކަމަކީ މިހާރު ވެސް ފުއްދައި ރައްޔިތުން ބަލައިގެންފައި ހުރިކަންކަން ކަމަށެވެ. އަދި އަނެއްބައި ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތްތައް ކުރަމުން އަންނަކަމަށް މުއާޒު ވިދާޅުވި އެވެ. އެހެން ކަމަށް ވާއިރު، ޒިންމާދާރު އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލަނީ މި ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެއްބާރުލުން ދިނުން ކަމަށެވެ. ނަމަވެސް ކޮންމެ ރެއަކު މަގުތައް ހަލަބޮލިކުރާ ނަމަ، ވައުދުތައް ފުއްދުމުގައި ވެސް ސަރުކާރަށް ދަތިތަކެއް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތަކުން ސަރުކާރަށް ކުރާ ޑިމާންޑްތައް މާ ހަރުދަނާ ވާން ޖެހޭ. މިހިރީ ސަރުކާރަކަށް ކުރާ ކަހަލަ ޑިމާންޑްތަކެއް ވެސް ނޫން ކޮށްފައި. ކުރެވޭ ވަރު ކަންކަމަށް ޑިމާންޑްކުރަން ވާނީ. އަޅުގަނޑުމެންނަށްމި ފެނުނީ ސީދާ ވަކި ސިޔާސީ ބަޔަކު މަގުސަދުތަކެއް ހާސިލް ކުރަން ހަމަ ޑިމާންޑްތަކެއް ކޮށްލިތަން،" މުއާޒު ވިދާޅުވި އެވެ.
މަންޒަރެއް ދައްކާލުމަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާއެއް ކުރި ނަމަ އެ މަންޒަރު ސަރުކާރަށް ފެނި އަދި އެ އަޑުތައް ވެސް އިވިއްޖެ ކަމަށް މުއާޒު ވިދާޅުވި އެވެ. އަދި އެ ގޮވާލުންތަކުގައި ސަރުކާރަށް ކޮށްދެވެން ހުރި ކަންކަމަށް އިޖާބަ ދިނުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިއްޔެގެ މުޒާހަރާ ނިންމާލުމަށް ފަހު ވެސް ފަހުން އަނެއްކާ މަގުތަކަށް ނުކުމެ، ދަންވަރުގެ ވަގުތުތަކުގައި ވެސް މުޒާހަރާ ކުރުމަކީ ސަރުކާރުން ހިތާމަ ކޮށް ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ފުލުހުން ވެސް އެ އޮތީ ވިދާޅުވެފައި އެބޭފުޅުން ރޭވެސް އެތައް އިރެއް ވަންދެން ކުރި މުޒާހަރާ ފަހުން ސުލްހަވެރި ނޫން ކަމަށް. މިއީ ސަރުކާރުން ހިތާމަ ކުރާ ކަމެއް. ކިތަންމެ ކުޑަ ބަޔަކު ނަމަވެސް ޑިމާންޑެއް ކޮށްފިއްޔާ އެ އަޑު ސަރުކާރުން އަހާނެ. އެކަމާ ވިސްނާނެ. އެކަމަށް ފުރިހަމަޔަށް އިޖާބަ ދޭނެ. އެކަމަކު އެކަންކަން ވާން ޖެހޭނީ ސަރުކާރަށް ކޮށްދެވޭނެ ކަންކަމަށް،" މުއާޒު ވިދާޅުވި އެވެ.