މީގެ ދެ ދުވަސް ކުރިއެވެ؛ އެރި އިރާއެކު ޓައި ގޮށް ކަރަށް ބާރުކޮށްލައިގެން އޮފީހާ ދިމާލަށް ހިނގައިގަތީމެވެ. މަގުމައްޗައް ނިކުތްއިރު ހޫނު ދުވަހުގެ ދިލަ އަވިގަނޑު ދިއްލާފައި އޮތެވެ. އެކަމަކު ބެލީ ވީހާވެސް އަވަހަށް އޮފީހަށް ދެވޭތޯއެވެ. ދެ ފަރާތަށް އަތް ހޫރަމުން ހިމަ ގޯޅިއަކުން އަޅައިގެން އޮފީހާ ދިމާލަށް މިސްރާބު ޖެހީމެވެ. ވަކި ހިސާބަކާ ހަމައިން ކުރިމަތިން އައި ސައިކަލަށް ޖާގަ ދިނުމަށް މަޑުކޮށްލާ، އެއްފަރާތްވެލީމެވެ. ސައިކަލު ހުރަސް ކުރުމުން ކުރިޔަށް ފިޔަވަޅު އަޅަން ފައި ހިތްލާލުމާއިއެކު ބާރު އަޑެއް އިވި ފިޔަވަޅު ކުރިމައްޗައް ބަރު އެއްޗެއް ވެއްޓި ފުންޑުފުންޑުވެގެން ދިޔައެވެ. ސިއްސައިގެން ފަހަތަށް ފުންމައިގެން ގޮސް ބިރުން ހުރެ ބަލައިލީމެވެ. ކުރިމަތީ އޮތީ ގަސް މުށިގަނޑެ ތަޅައިގެން ގޮއްސައެވެ. ޖެހިގެން ހުރި ގޭގެ ފުރަތަމަ ފްލޯގެ ބެލްކަނިން ބޭރަށް އިން ފާރުކޮޅެއް މަތީ ބަހައްޓާފައި ހުރި ގަސްމުށި ގަނޑުން އެކަތި ވެއްޓުނީ އެވެ. އެ ދުވަހު ހިނދުކޮޅެއް ކުރިން ހިނގައި ގަނެވުނު ނަމަވެސް އެ މުށިގަނޑު ބޮލަށް ވެއްޓި ކޮންމެ ފަދަ އަނިޔާއެއްވެސް ލިބުނީހެވެ.
މާލޭގައި ހިމަ ގޯޅިތަކުން ހިނގާފައި ދާއިރު ވަރަށް ގިނަ ގެތަކުން ބޭރަށް ނިކުމެފައި ހުންނަ ކުދި ފާރުގަނޑު މަތީ ނޫނީ ބެލްކަނީ ފާރުގެ މަތީގައި ގަސް އިންދާފައި ހުރެއެވެ. ގަސްމުށިތައް ބަހައްޓާފައި ހުރެ އެވެ. ބަލައިލަން ކިތަންމެހާވެސް ޗާލެވެ. އަދި އެ ގެތަކުގައި އުޅޭ މީހުންނަށް ގަސް އިންދުންވެސް ވަނީ ވަރަށް މަޖާ ކަމަކަށެވެ. ރަނގަޅަށް ބެލެހެއްޓޭނަމަ ވަރަށް ރަނގަޅުވެސް ކަމެކެވެ.
ނަމަވެސް ގިނަ ގޭގޭގެ ބެލްކަނީގައި ގަސްމުށިތައް އަތުރާފައި ހުންނަނީ ނުރައްކާތެރި ގޮތަކަށެވެ. އެއިން ހާދިސާއެއް ހިނގައި މީހަކަށް އަނިޔާއެއް ވާނީ ބުނެފައެއް ނޫނެވެ. އޭގެ ނަތީޖާ ހިތި ވެދާނެއެވެ. އެއްވެސް ހުރަހެއް ނެތި ރައްކާތެރި ނޫން ގޮތްގޮތަށް ބޯމަތީގައި ގަސް މުށިގަނޑުތައް ބަހައްޓާފައި ހުރެއެވެ.
"ރާއްޖެ ތެރޭ ރަށެއްގައި ނަމަ އޮންނާނެ ބޮޑު ގޯއްޗެއް. ގަސް އިންދާނެ ވަރަކަށް އިންދަންވީ. މާލެ ވީމަ އެފަދަ ގޮތަކަށް އުޅެން ޖެހޭނެ ކަން އިނގޭ. އެކަމަކު މަގުމައްޗައް ނެރެފައި އޮންނަ އިރު އެތަނުގައި ހިނގާ މީހުންގެ ހައްގުތަކަށްވެސް ވިސްނަން ޖެހޭ. އެމީހުންނަށް ނުރައްކަލެއް ނޫނީ ގެއްލުމެއް ލިބޭ ގޮތަކަށް އެފަދަ ކަންތައް ކުރާކަށް ނުވާނެ. ހީވެސް ނުކުރާހާ ބޮޑު އަނިޔާއެއް ވެދާނެ މިހެން ގަސްތައް ބަހައްޓާފައި ހުންނަންޏާ. މިކަން އެބަ ޖެހޭ ތަންކޮޅެއް ހަރުދަނާ ގޮތަކަށް ކުރަން.،" އެފަދަ ހާދިސާކާ ކުރިމަތިލާން ޖެހުން އެހެން މީހެއް ކިޔައިދިނެވެ.
އެ ނިމުނީކީ ނޫނެވެ. އެފަދަ ގޮތަކަށް ހުންނަ ގަސްތަކަށް ފެންދޭއިރު މީހަކަށް ބަލާނުލާ ފެން ޓައްޕު ބަންޑުން ޖަހާލައެވެ. އޭގެ ސަބަބުން ވެސް އެތަށް ބަޔަކަށް އުނދަގުލާ ކުރިމަތިވެއެވެ. ރީއްޗަށް ކުރާ ކަމެއްގެ ސަބަބުން އެހެން މީހުންނަށް ދަތިވާ ގޮތްގޮތަށް އަމަލު ނުކުރުމަށް ސަމާލުވާން ޖެހެއެވެ. މިކަން ކުރެވޭނެ ރަނގަޅު ގޮތެއްވެސް އޮވެއެވެ.
އެގޮތުން ގަސް މުށިގަނޑު ބަހައްޓާފައި ހުންނަ އިރު ބެލްކަނީގެ ތެރޭގައި ވެއްޓި މީހަކަށް ގެއްލުން ނުލިބޭ ގޮތަކަށް ބެހެއްޓިދާނެއެވެ. ނޫނީ ފާރުވަށައި ދަގަނޑު ޖަހާ ރައްކާތެރިކޮށް އެކަން ކުރުން މުހިންމެވެ.