ކީރިތި ގުރުއާން

183 ބައިވެރިންނާއެކު ގައުމީ ގުރުއާން މުބާރާތް ފަށައިފި

ޤުރުއާން ކިޔެވުމުގެ 31 ވަނަ ގައުމީ މުބާރާތް ބޮޑެތި ބަދަލުތަކަކާއެކު މިރޭ ފަށައިފި އެވެ. މި މުބާރާތް މިރޭ ފެށިއިރު މުބާރާތުގައި ޖުމްލަ 183 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. އެއީ 12 އަތޮޅަކުންނެވެ.

ކުރިން ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވާ ގޮތަށް ބައްޓަންކޮށްފައިވާ މި މުބާރާތް ބައިނަލްއަގްވާމީ މުބާރާތްތަކާ އެއްގޮތަށް ބަދަލުކޮށް، މުބާރާތް މިފަހަރު ބާއްވަނީ ގައުމީ މުބާރާތެއްގެ ގޮތުގަ އެވެ. މުބާރާތުގައި އަންހެން އަދި ފިރިހެން ވާދަކުރަނީ ވަކިންނެވެ. މިއީ ޤުރުއާނާ ބެހޭ މަރުކަޒުން މި މުބާރާތް ބާއްވާ އަށްވަނަ އަހަރެވެ.

މުބާރާތް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤުރުއާނާ ބެހޭ މަރުކަޒްގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، މި މުބާރާތް ބޭއްވުމުގެ އަމާޒަކީ ޤުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔުމުގެ ހުނަރު އާލާކޮށް ދިރުވުމާއި ޤުރުއާން ރީތިކޮށް ކިޔެވުމުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުން ކަމަށެވެ. އަދި، ގާރީންނާއި ގާރީއާއިންނާއި ހަފީޒުންނާއި ހަފިޒާއިން އުފެއްދުމާއި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރާނެ ދިވެހިން އުފެއްދުމާއި މުބާރާތްތައް ފަނޑިޔާރުކުރާނެ ގާބިލް ދިވެހި ފަނޑިޔާރުން އުފެއްދުމަކީ ވެސް މުބާރާތުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، މުސްލިމުން އުޅެންވީ ގޮތް އަންގަވާފައިވަނީ ކީރިތި ޤުރުއާނުގައި ކަމަށާއި އެހެންކަމުން ޤުރުއާން ދިރާސާކުރަން ޖެހޭ ކަމަށެވެ. ޤުރުއާނަށް ލޯބި ޖެއްސުމަށް މިފަދަ މުބާރާތެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ރާވާ ހިންގާ މި މުބާރާތުގައި 12 އަތޮޅަކުން 183 ބައިވެރިން ބައިވެރިވެފައިވެ އެވެ. އެއީ ހިތުން ކިޔެވުމުގެ ގޮފިން 52 ބައިވެރިން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 131 ބައިވެރިން އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން 20 ބައިވެރިންނެވެ.

މި މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް އަދި ކުލަބު ޖަމިއްޔާ ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން ވަކި އުމުރު ފުރާއެއް ކަނޑައަޅާފައިނުވެ އެވެ. އަދި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި އެ މީހަކީ ރާއްޖޭގައި މަޝްހޫރު ގާރީއަކަށް ވެގެން ނުވެ އެވެ.

މި މުބާރާތުގެ ހިތުން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވަން ހަމަޖެހިފައިވެ އެވެ. އަދި ކޮންމެ ގޮތްޕަކުން އެންމެ ރަނގަޅު އަންހެން އަދި ފިރިހެން ދަރިވަރު ހޮވަންވަނީ ހަމަޖެހިފައިވެ އެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު ސިޓީ ނުވަތަ އަތޮޅު އަދި ޖަމިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ލިބޭނެ އެވެ. އަދި ކޮންމެ ގޮތްޕަކުންވެސް އެންމެ މޮޅު އަންހެން އަދި ފިރިހެން ބައިވެރިޔާއަށް ރައީސް ދެއްވާ ހާއްސަ އިނާމް ލިބޭނެ އެވެ.