ބޮލީވުޑް

ދިޕިކާ އާއެކު ހަރްޝް އަށް ފިލްމެއް ލިބުނީތަ؟

Oct 3, 2016

މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު، ހަރްޝްވަރްދަން ކަޕޫރު ބޮލީވުޑަށް ތައާރަފުވާ ފިލްމު "މިރްޒިޔާ" މިމަހުގެ 7 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، އޭނާގެ ފުރަތަމަ ފިލްމު ރިލީޒްކުރުމުގެ ކުރިން މިވަނީ އިތުރު ދެފިލްމެއްގެ ލީޑްރޯލު ކުޅުމުގެ ފުރުސަތު ލިބިފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން "މިރްޒިޔާ" ގެ ޓްރެއިލާ އާއި ހަރްޝް އަށް ތައުރީފުކުރަމުން އަންނައިރު، އޭނާ އަށް އެންމެ ބޮޑަށް ތައުރީފުކުރި ތަރިންގެ ތެރޭގައި ބަތަލާ ދިޕިކާ ޕަދުކޯން ހިމެނެ އެވެ.

ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން "ބަދްލާޕޫރް" ގެ ޑައިރެކްޓަރު ސްރީރާމް ރާގަވަން ޑައިރެކްޓްކުރާ ފިލްމެއްގައި ދިޕިކާ އާއެކު ލީޑްރޯލު ކުޅުމުގެ ފުރުސަތު ހަރްޝް އަށް ވަނީ ލިބިފަ އެވެ. މިފިލްމުގެ ބަތަލާގެ ރޯލު ދިޕިކާ އަށް ހުށަހަޅައި، އޭނާ އާއި ޑައިރެކްޓަރު ސްރީރާމް މިފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން އަންނަ ކަމަށްވެ އެވެ. އެގޮތުން ދިޕިކާ އަންނަނީ މިފިލްމުގެ ޝޫޓިން ތިން މަސްދުވަހުގެ ތެރޭގައި ނިންމާލެވޭ ގޮތަކަށް ސްރީރާމްއާ ވާހަކަދައްކަމުން ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މިދިޔަ އަހަރު ނިކުތް "ބަދްލާޕޫރް" ގައި ވަރުން ދަވަން ކުޅެފައިވާ ކަހަލް ބަދަލުހިފާ މީހެއްގެ ރޯލުން ދިޕިކާ ފެނިގެންދާނެ ކަމަށްވާއިރު، ހަރްޝް މިފިލްމުގައި ފެނިގެންދާނީ އެފިލްމުގައި ނަވާޒުއްދީން ސިއްދީގީ ފެނިގެންދިޔަ ރޯލުން ކަމަށްވެ އެވެ.

ދިޕިކާ އާއި ހަރްޝްއާ ދެތަރިންވެސް ރިވެންޖް ތްރިލާ މިފިލްމާ ގުޅޭގޮތުން ފިލްމުގެ ޑައިރެކްޓަރާއެކު މަޝްވަރާކުރަމުން އަންނަ ކަމަށްވާއިރު، ހަރްޝް މިފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ވަނީ ދެން އޭނާ ކުޅޭ ޑައިރެކްޓަރު ބާވެޝް ޖޯޝީގެ ފިލްމުގެ ޝޫޓިން ނިމުމުންނެވެ.

ބަތަލާ ސޯނަމް ކަޕޫރާއި ޕްރޮޑިއުސަރު ރީއާ ކަޕޫރުގެ ކޮއްކޮ ހަރްޝް އަކީ ބޮލީވުޑްގައި ކުރިއަށް ތަނުގައި ފެނިގެންދާނެ އެންމެ އުންމީދީ އެއް އެކްޓަރު ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.