ކީރިތި ގުރުއާން

ޤުރުއާން ހިތު ދަސްކުރި ހަ ފަރާތަކަށް ޝަރަފުގެ ފިލާ ދީފި

ކީރިތި ޤުރުއާން ހިތު ދަސްކުރި ހަ ފަރަތާކަށް މިރޭ ޝަރަފުގެ ފިލާ އަރުވައިފި އެވެ. ޤުރުއާން ހިތު ދަސްކުރި ފަރާތަކަށް ފިލާ އަރުވާފައިވަނީ ގައުމީ ޤުރުއާން މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިރޭ އިސްލާމީ މަރުކަޒްގައި ބޭއްވި ރަސްމިއްޔާތުގައި ޤުރުއާން ހިތު ދަސްކުރި، ޤުރުއާނާ ބެހޭ މަރުކަޒްގެ ހަ ދަރިވަރުންނަށް ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރެވެ.

ޤުރުއާން ހިތު ދަސްކޮށްގެން ފިލާ ހާސިލުކޮށްފައިވަނީ، ހއ. ދިއްދޫ ފުނަކުރި، ބައްސާމާ ސުލައިމާނާއި ދ. މީދޫ ފެހިގެ، ސުލްތާން މުހައްމަދު ލަތީފާއި ހ. ލަކީ، ހިމްނާ މުހައްމަދު އިޔާޒާއި އައްޑޫ ސިޓީ އިހާ، މަރިޔަމް ހުލްމާ މަޝްކޫރު އާއި މއ. ނާރެސް އާލާ އަޖްމަތް ޖަމީލެވެ. މީގެއިތުރުން ހުޅުމާލެ ފްލެޓް ނަންބަރު 04 6G، އަހުމަދު ސުޖާއު ޝަރީފް ވެސް ޤުރުއާން ހިތު ދަސްކޮށްފަ އެވެ. ނަމަވެސް ރާއްޖޭގައި މިވަގުތު ނެތުމުން މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެފައެއް ނުވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ، ވިދާޅުވީ، މުސްލިމުން އުޅެންވީ ގޮތް އަންގަވާފައިވަނީ ކީރިތި ޤުރުއާނުގައި ކަމަށާއި އެހެންކަމުން ޤުރުއާން ދިރާސާކުރަން ޖެހޭ ކަމަށެވެ.

"ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރު، މުސްލިމުން އުޅެންވީ ގޮތް ބަޔާންކުރައްވާ މާތްﷲ ބާއްވާލެއްވި ފޮތް، ކީރިތި ޤުރުއާނަކީ ހިތްތަކުގެ ޝިފާ، އެ ފޮތެއްގައި އަޅުގަނޑުމެން ހިފަހައްޓައިފިނަމަ މަގު އޮޅިގެން ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހިންނަކީ ޤުރުއާނާ އެއްގޮތަށް ދިރިއުޅުން ބައްޓަންކޮށް، އެ ޤުރުއާނުގައި އަންގާފައިވާ ގޮތަށް އުޅޭ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.