ބޭރު ކުޅިވަރު

މެޗު ގެއްލުނީ މޮޅަށް ކުޅެފައި. ހަ ލަނޑު ޖެހެންވާނެ: މޮރީނިއޯ

ސްޓޯކް ސިޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް 1-1އިން އެއްވަރުވީ މިސީޒަނުގައި އެންމެ މޮޅަށް ކުޅުނު މެޗުން ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީ އަތުން ޔުނައިޓެޑް އެއްވަރުވީ އެންތަނީ މާޝިއަލް ލަނޑު ޖަހާފައިވަނިކޮށް ކީޕަރު ޑޭވިޑް ޑެހެޔާ އަށް ހެދުނު ގޯހަކުން ޖޯ އަލެން ޖެހި ލަނޑުންނެވެ.

"މިއީ އަހަރުމެން މި ސީޒަނުގައި އެންމެ މޮޅަށް ކުޅުނު މެޗު. ސްކޯ ވަރަށް ބޮޑުވާންޖެހޭ މި މެޗުގައި. އެކަމަކު ކުރާނެ ކަމެއްނެތް. އަހަރެންނާއި ކުޅުންތެރިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރިން. އަހަރެން ބަދަލު ގެނައިން. ކުޅުންތެރިން ހިތްވަރުކުރި،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ރަނގަޅަށް ނުކުޅޭ މެޗުތަކުން ޔުނައިޓެޑް ފަސޭހަކަމާއެކު މޮޅުވާ ކަމަށެވެ. މި މެޗުގައި ޔުނައިޓެޑުން ގޯލާ އަމާޒުކޮށް 24 ޝޮޓްނެގި އެވެ. މީގެ ތެރެއިން ނުވަ ސޮޓް ގޯލާ އަމާޒުވި އެވެ. އެންމެ ކުރިއަށް ކުޅުނު ޒްލަޓާން އިބްރަހިމޮވިޗަށް މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ހުސް ފުރުސަތުތައް ލިބި ދިޔައީ ބޭކާރުވަމުންނެވެ.

މި މެޗު އެއްވަރުވުމުން ޔުނައިޓެޑް އޮތީ 13 ޕޮއިންޓާއެކު ހަ ވަނާގަ އެވެ. މިއީ އެއްވަނާގައިވާ މެންޗެސްޓާ ސިޓީއަށްވުރެ ފަސް ޕޮއިންޓް މަދުއަދަދެކެވެ.

ޕްރެމިއާ ލީގުގައި ރޭ އާސެނަލް އާއި ބާންލީ ކުޅުނު މެޗު 1-0އިން ކާމިޔާބު ކުރީ އާސެނަލް އެވެ. މެޗުގެ ފަހު މިނިޓްގައި ލަނޑު ޖެހީ ލޯރަންޓް ކޮޝިއެލްނީ އެވެ. ޗެމްޕިއަން ލެސްޓާ ސިޓީ އާއި ސައުތެމްޓަން ކުޅުނު މެޗު ނިމުނީ 0-0އިންނެވެ. އާސެނަލް މިވަގުތު އޮތީ 6 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. ލެސްޓާ އޮތީ އަށް ޕޮއިންޓާއެކު 12 ވަނާގަ އެވެ.