ބޮލީވުޑް

ކުރިއަށް އޮތް ފިލްމަށް އަކްޝޭ ކުމާރު އަރަބި ދަސްކުރަނީ

Feb 28, 2015

"އެއާލިފްޓް" އަކީ ބޮލީވުޑްގެ އެކްޝަން ތަރި އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމެވެ. މި ފިލްމުގައި އޭނާ ކުޅެނީ އިންޑިއާ ދަރިކޮޅުގެ އަރަބި މަހުޖަނެއްގެ ރޯލެވެ.

އެހެންވެ މި ދުވަސްކޮޅު އަކްޝޭ އުޅެނީ އަރަބި ބަސް ދަސްކުރާ ކްލާސްތަކެއްގައި ވަރަށް ވެސް އަވަދިނެތި އެވެ. ފިލްމުގައި އަކްޝޭ ކުޅެން ޖެހޭ ރޯލުތަކުގެ ބޮޑު ބައެއްގައި އަރަބި ބަހުން ވެސް ވާހަކަ ދައްކަން ޖެހޭއިރު އެކަމަށް ފަރިތަވުމަށް ފާއިތުވި ތިން ހަފުތާގައި ވެސް އޭނާ އުޅުނީ އަރަބި ބަސް ދަސްކުރާ ކްލާސްތަކެއްގަ އެވެ.

"އެއާލިފްޓް" އަކީ ސައްދާމް ހުސެއިންގެ ވެރިކަމުގައި އިރާގުން 1990 ވަނަ އަހަރު ކުވައިތު ހިފި ހަނގުރާމައާ ގުޅިފައިވާ ފިލްމެކެވެ. ފިލްމުގައި ދައްކުވައި ދޭނީ ހަނގުރާމާގައި ސުންނާފަތިވެފައި އޮތް ކުވައިތުގައި ތާށިވެފައި ތިބި އިންޑިއާގެ ދެ ލައްކައެއްހާ މީހުން ރައްކާތެރިކަމާ އެކު އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމަށް އިންޑިއާގެ މަހުޖަނުންގެ ޓީމަކުން ކުރާ މަސައްކަތެވެ.

އަކްޝޭ އަކީ ވެސް މީހުން ސަލާމަތްކުރުމަށް ނުކުންނަ މަހުޖަނުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް ނުކުންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އެންމެފަހުން ނެރުނު އެކްޝަން ތްރިލާ "ބޭބީ" ގެ ކާމިޔާބީއާ އެކު އަކްޝޭގެ މަގްބޫލުކަން ބޮލީވުޑްގައި ގަދަވެފައިވާއިރު އޭނާ އަށް ދަނީ މި ދުވަސްކޮޅު ގިނަ ފިލްމުތަކެއް ވެސް ލިބެމުންނެވެ.

އަކްޝޭގެ "ބޭބީ" އަކީ ބޮލީވުޑުން މިފަހުން ނެރުނު އެންމެ މޮޅު އެކްޝަން ފިލްމު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.