ވިޔަފާރި

"މިފްކޯގެ ސަބަބުން އެސްޓީއޯ ހިއްސާދާރުންނަށް ގެއްލުމެއް ނެތް"

  • މިފްކޯ ފައިދާ ހުރި ކުންފުންޏަކަށް ހެދޭނެ
  • ހިއްސާދާރުންނަށް ލިބޭ އެއްޗެއް މަދެއް ނުވާނެ
  • އެސްޓީއޯއަށް ޑޮލަރު ލިބުން އިތުރުވާނެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތަށް ބަދަލުކޮށް އެސްޓީއޯ އިން އެ ކުންފުނި ހިންގި، ނަމަވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން އެމްޑީ އަހުމަދު ޝަހީރު ދެއްވައިފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީ ޝަހީރު ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ ހިންގަން ފެށިނަމަވެސް، ހިއްސާދާރުންނަށް ގެއްލުމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ބަދަލުގައި އެސްޓީއޯއަށް ލިބޭނީ ފައިދާ ކަމަށް ޝަހީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިފްކޯއާ އެސްޓީއޯ އިން ހަވާލު ވަނީ ބޯޑުން ވެސް ނިންމައިގެން އަދި ގާނޫނީ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.

"މީގެން ދެ ކުންފުންޏަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭނެތީ ދެ ކުންފުނި އެއްކޮށްލީ. އެސްޓީއޯގެ ބޯޑުން ނިންމާފައި އޮތީ ހަމައެހެން އެސްޓީއޯގެ ސަބްސިޑަރީތަކެއްގެ ގޮތުގައި ހިންގަން. މިކަން ކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުން ދަނީ. މި ހަފުތާގައި ނިންމާލާނީ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯ އާއި މިފްކޯއަކީ ވެސް ވަކި ދެ ކުންފުނި ކަމަށާއި، އެހެންކަމުން ކުންފުންޏަށް ލިބޭ އެއްޗަކުން އުނި ނުވާނެ ކަމަށެވެ. ނަމަވެސް މިއީ ޗެލެންޖެއް ކަމަށާއި މަހުގެ ވިޔަފާރި ވެސް އެސްޓީއޯއަށް ރަނގަޅަށް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެސްޓީއޯގެ ދަށުން މިފްކޯ ހިންގަން ފެށުމުން މިފްކޯގެ ވިޔަފާރިތައް ކުރިއަށް ދާނެ ގޮތެއް ރާވާނެ ކަމަށެވެ.

"މިފްކޯއަކީ ގިނަ އަދަދެއްގެ މަސްވެރިންނާ ރައްޔިތުންނާ ގުޅިފައިވާ ކުންފުންޏެއް. އެހެންކަމުން އަޅުގަނޑު ދެކެނީ މިއީ އެސްޓީއޯ ކަހަލަ ޒިންމާދާރު ރާއްޖޭގެ އެންމެ ބޮޑު ސަރުކާރު ކުންފުނީގެ ހައިސިއްޔަތުން ކުރަން ޖެހޭނެ ކަމަށް. އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި މިފްކޯގެ ހާލަތު ދެނެގަނެ ކުންފުނި ރަނގަޅު ކުރަން ވަރަށް ގިނަ މަސައްކަތް ކުރާނަން. ނަމަވެސް ކޮންކަހަލަ ބިޒްނަސް މޮޑިއުލްތަކެއްތޯ؟ އެނގޭނީ އިލެވުއޭޝަން ހަދާފަ. މިހާރު މިދަނީ ސްޓަޑީ ކުރަމުން،" ޝަހީރު ވިދާޅުވި އެވެ.

"އެސްޓީއޯއަށް ބޭރު ފައިސާ ލިބުމުގެ ފަސޭހަކަން ލިބޭނެ"

ޝަހީރު ވިދާޅުވީ މިފްކޯއަކީ އެސްޓީއޯގެ އެންމެ ފުރަތަމަ އެކްސްޕޯޓް ޑިޕާޓްމަންޓް ކަމަށާއި، އެ ދުވަސްވަރު ވަރަށް ފައިދާވި ކަމަށެވެ.

"އޭރު ރާއްޖޭން ބޭރުކުރާ މަހަށް ވަރަަށް ގިނަ އަދަދަކަށް ޑޮލަރު ލިބުނު. އެސްޓީއޯއަކީ ރާއްޖޭގެ އެންމެ ބޮޑު އިމްޕޯޓަރު. އެންމެ ގިނައިން ތެޔޮ އެތެރެ ކުރަން ބޭނުންވާ ކުންފުނި ކަމަށްވާއިރު، އެސްޓީއޯ ސަބްސިޑަރީއަކަށް ބަދަލުވުމުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

"މި ބަދަލުގެ ސަބަބުން އެސްޓީއޯއަށް ފޮރިން ކަރެންސީގެ ފަސޭހަތަކެއް ލިބިގެންދާނެ. މިއާއެކު މިފްކޯއިން ބޭނުންވޭ ހުރިހާ މަސްވެރިންނަށް ތެޔޮ ވިއްކަން. މިކަން ކުރެވޭނެ. މިފްކޯގެ އުޅަނދު ފަހަރު ބޭނުންކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދެވޭނެ. ނަމަވެސް މިކަހަލަ ހާލަތެއްގައި އޮންނަ ކުންފުންޏެއް ރަނގަޅު ކުރުމަކީ ޗެލެންޖެއް. ނަމަވެސް އެކްސްޕީރިއަސް ޓީމެއް މިއޮތީ،" ޝަހީރު ވިދާޅުވި އެވެ.

މިފްކޯ، އެސްޓީއޯގެ ދަށަށް ގެންނަން ސަރުކާރުން ނިންމާފައިވަނީ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވުމާއި، ގުޅިގެން އެ ކުންފުނި ވިޔަފާރި އުސޫލުން ހިންގުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ކުންފުނީގައި 300 މިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތެވެ.