ބޮލީވުޑް

"ބޭފިކްރޭ" ގެ ޓްރެއިލާ ލޯންޗްކުރުން އެފިލް ޓަވަރުގައި

Oct 4, 2016

މަޝްހޫރު ޕްރޮޑިއުސަރު އަދި ޔާޝް ރާޖް ފިލްމްސްގެ ވެރިޔާ އަދިތްޔަ ޗޯޕްޅާ އަށް އަހަރު ފަހުން ޑައިރެކްޓްކުރާ ފިލްމު "ބޭފިކްރޭ" ގެ ޓްރެއިލާ މިފިލްމުގެ މަންޒަރުތައް ނަގާފައިވާ ޕެރިހުގެ އެފިލް ޓަވަރުގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

މީގެކުރިން ޔާޝް ރާޖްސް އިން އުފައްދާފައިވާ ލޯބީގެ ފިލްމުތަކާ ހިލާފަށް ޒަމާނީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މިފިލްމަކީ ވީހާވެސް ތަފާތު ފިލްމަކަށް ހެދޭތޯ އަދިތްޔަ އަންނަނީ ބުރަ މަސައްކަތްކުރަމުންނެވެ.

އެގޮތުން މުޅި ފިލްމުގެ މަންޒަރުތައް ފްރާންސްގައި ނަގާފައިވާއިރު، ޒުވާން ދެތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ވާނީ ކަޕޫރު ލިޑްރޯލުން ފެނިގެންދާ މިފިލްމަކީ މިހާތަނަށް އުފައްދާ އެންމެ ރިސްކް ބޮޑު އަދި އެންމެ ޒުވާން ފިލްމު ކަމަށް އަދިތްޔަ ވަނީ މިފިލްމު އުފައްދާކަން އިއުލާންކުރި ދުވަހު ބުނެފަ އެވެ.

މިމަހުގެ 10 ވަނަ ދުވަހު މިފިލްމުގެ ޓްރެއިލާ ލޯންޗްކުރުމަށް ހަމަޖެހިފައިވާއިރު، ޓްރެއިލާ ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ އެފިލް ޓަވަރުގައި ކަމަށް ފިލްމު އުފައްދާ ފަރާތުން ވަނީ ބުނެފަ އެވެ. މިފިލްމުގެ ޓްރެއިލާ އެފިލް ޓަވަރުގައި ލޯންޗްކުރަނީ ފްރާންސްގެ އޮތޯރިޓީސްތަކާ ގުޅިގެން ކަމަށް ވެސް ބުނެފައިވާއިރު، މިއީ އެފިލް ޓަވަރުގައި ހިންދީ ފިލްމެއްގެ ޓްރެއިލާ ލޯންޗްކުރާ ފުރަތަމަ ފިލްމެވެ.

"މިއީ ރަންވީރާއި ވާނީ މިފަދަ ޒަމާނީ ލޯބީގެ މަޖާ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރު" ޔާޝް ރާޖްސްއިން ބުނެފައިވެ އެވެ.

"ބޭފިކްރޭ" އަކީ 2008 ވަނަ އަހަރު ނިކުތް ޝާހްރުކް ޚާން އާއި އަނުޝްކާ ޝަރްމާގެ "ރަބްނޭ ބަނާދީ ޖޯޅީ" އަށް ފަހު އަދިތްޔަ ޑައިރެކްޓްކުރާ ފިލްމެކެވެ.

ރަންވީރާއި ވާނީ އަކީ ޔާޝް ރާޖްގެ ކުޑައިގެ ދަށުން ބޮލީވުޑަށް ތައާރަފުވި ދެތަރިންނެވެ. ދެހާސް ދިހަވަނަ އަހަރު އަހަރު ނިކުތް ފިލްމު "ބޭންޑް ބާޖާ ބާރާތް" އިން އަނުޝްކާ އާއެކު ރަންވީރު ބޮލީވުޑަށް ތައާރަފުވެފައިވާއިރު، ވާނީ ބޮލީވުޑަށް ތައާރަފުވެފައިވަނީ އޭގެ ތިން އަހަރު ފަހުން، 2013 ވަނަ އަހަރު ނިކުތް ފިލްމު "ޝުދް ދޭސީ ރޮމޭންސް" އިންނެވެ.

މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.