ރިޕޯޓް

ޓޫރިޒަމަށް 44 އަހަރު: އޭރު ކާންދިނީ ކުއްޅަފިލާ ފަތް، މިހާރު މިއީ ސުވަރުގެއެއް!

  • ފުރަތަމަ ރިސޯޓެއް ހުޅުވީ 1972 ގައި
  • ފުރަތަމަ ހުޅުވީ ކުރުނބާ ވިލެޖު
  • ޓޫރިޒަމް މިއަދު ދަނީ ރާއްޖެ ބިނާ ކުރަމުން

ރާއްޖޭގެ ޓޫރިޒަމްގައި އިއްޔެ އަކީ ބޮޑު ދުވަހެކެވެ. އެއީ ރާއްޖޭގައި ފުރަަތަމަ ރިސޯޓު ހުޅުވުނުތާ 44 އަހަރުވީ އެވެ. ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވީ 3 އޮކްޓޫބަރު، 1972 ވަނަ އަހަރު އެވެ. އެއީ މިހާރުގެ ކުރުނބާ މޯލްޑިވްސް، އޭރުގެ ނަމުންނަމަ "ވިހަމަނާ ފުށި" ނުވަތަ ކުރުނބާ ވިލެޖެވެ.

ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި، އެއް ބޭފުޅެއް ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވާ ގޮތުގައި އެ ދުވަހާ މިއަދާ އަޅާ ކިޔާނަމަ 40 އަހަރުގެ ފަރަގެއް އެބަ ހުއްޓެވެ. އޭރު އެއްވެސް ވަސީލަތެއް ނެތެވެ.

"އޭރުގެ ވާހަކަ ވަރަށް ގިނައިން ދެއްކިއްޖެ. ކީކޭ ބުނާނީ؟ އޭރު ޓްރާންސްޕޯޓެއް ނޯވެ، ވަރަށް ތަފާތު އޭރު،" އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އަފީފު ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ރިސޯޓުގެ ގޮތުގައި ކުރުނބާ ހުޅުވައި ރާއްޖެ އަށް ޒިޔާރަތް ކުރި ފުރަތަމަ ބޭރުގެ ޓްރެވަލް އެޖެންޓަކީ އިޓަލީވިލާތުގެ "ޖޯޖް ކޯބިން" އެވެ. ކުރީގެ ފޮރިން މިނިސްޓަރު ކެރަފާ ނަސީމުއާއެކު ސްރީލަންކާ އިން ކަނޑު ބޯޓެއްގައި ރާއްޖެ އައި ކޯބިން އައީ ޓްރެވަލް ފޮޓޯގްރަފަރެއް ކަމަށްވާ ފްރެންސިސްކޯ ބިނީނީއާއެކުގަ އެވެ. މި ގޮތުން ރާއްޖެ އަށް ޒިޔާރަތް ކުރި އެ ޓޫރިސްޓުން މާލޭގައި ބެހެއްޓުމަށްފަހު ކުރުނބާ އަށް ގެންގޮސް ދިނުމުގައި އެންމެ އިސްކޮށް ހަަރަކާތްތެރިވި ދެ ބޭފުޅުންނަކީ ކުރުނބާ މޯލްޑިވްސް ހިންގަމުން ގެންދާ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (ކޮލި އުމަރު މަނިކު) އާއި ޗަމްޕާ ގްރޫޕުގެ ޗެއާމަން ހުސެއިން އަފީފު (ޗަމްޕާ އަފީފު) އެވެ.

އަފީފު ވިދާޅުވީ އެ ދުވަސްވަރު ރާއްޖޭގައި ފާޑުފާޑުގެ ތަރުކާރީ ނުހުންނަ ކަމަށާއި، އެހެންކަމުން ތަރުކާރީގެ ގޮތުގައި ދެނީ ކުއްޅަފިލާފަތުގެ ސަޓަނި ކަމަށެވެ.

"ވަރަށް ސިމްޕަލްކޮށް އޭރު ދިޔައީ. އޭރު ގިނައިން އަންނަނީ ޑައިވް ކުރަން. އެހާރާއި މިހާރު ބަލާއިރު މިހާރު މުޅިން އެހެން ޓޫރިޒަމެއް މިއޮތީ،" ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދުގެ ޓޫރިޒަމް ފެނުމުގެ އެއް ސިއްރަކީ އޭރު ޓޫރިޒަމްގެ އެޅުނު ބިންގާ ރަނގަޅުވުން ކަމަށެވެ.

"އޭރު އައި ގެސްޓުން ވަރަށް ހިތްހަމަ ޖައްސައި ދެވުނު. މީހުންނަށް ކަމޭހިތާ. އަޅުގަނޑާއި މުހައްމަދު މަނިކާއި ނަސީމުމެން. މިތަނުންދާ ގެސްޓަކީ ވަރަށް ހިތްހަމަ ޖެހިގެން ދާނެ ގޮތަށް ހިދުމަތް ދިނުން މިއީ އެންމެ ބޮޑު ބިންގާއަކީ،" އަފީފު ވިދާޅުވި އެވެ.

ކުރުނބާ މޯލްޑިވްސްގެ ވެބްސައިޓަށް ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ އޭރު މުޅި ދުނިޔެ ވެސް ބުނަމުން ދިޔައީ ރާއްޖޭގެ ޓޫރިޒަމް ކާމިޔާބު ނުވާނެ ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ވަސީލަތްތައް ނެތުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އޭރު ޔޫއެންޑީޕީގެ މާހިރު ވެސް ވިދާޅުވީ އުމްރާނީ ވަސީލަތްތައް ނެތީމަ ރާއްޖޭގައި ޓޫރިޒަމް ކާމިޔާބެއް ނުވާނެ ކަމަށް،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

ކޮންމެއަކަސް ޓޫރިޒަމަށް 44 އަހަރު ފުރުނު އިރު، ރާއްޖޭގައި މިހާރު 30،000 އަށްވުރެ ގިނަ އެނދު އެބަހުއްޓެވެ. އޭރު ރާއްޖެ އަންނަ ޓޫރިސްޓަށް ތަރުކާރީއެއް ނުދެވުނު ނަމަވެސް، މިހާރު ދުނިޔޭގައި ވިއްކާ އެންމެ އަގު ބޮޑު ތަކެތި ފޯރުކޮށްދެވެ އެވެ. ރާއްޖޭގައި މިހާރު ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑަކުން މިވަނީ އިންވެސްޓްކޮށްފަ އެވެ. އަދި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ދުނިޔެއަށް ވަނީ މަގުބޫލުކަން ހޯދާފައ އެވެ.