ހަބަރު

ދައުވާކުރި މުވައްޒަފުން ހާޒިރުނުވާތީ "ހަވީރު" މައްސަލަ ބާތިލުކޮށްފި

ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުންކުރި އަމުރާ ހިންހަމަނުޖެހި ހަވީރުގައި މަސައްކަތްކުރި ބައެއް މުވައްޒަފުން ހައިކޯޓަށް ވެއްދި މައްސަލަ އެ ކޯޓުން ބާތިލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެގޮތަށް އެ ކޯޓުން ނިންމާފައިވަނީ މިއަދު ތާވަލުކުރި އެ މައްސަލާގެ އަޑު އެހުމަށް ދައުވާކުރި މުވައްޒަފުންގެ ވަކީލް ހުސްނުއް ސުއޫދު ހާޒިރުވެފައިނުވާތީ އެވެ. މައްސަލަ ބާތިލުކޮށްފައިވާ ކަމަށް ބުނެ ދައުވާ ލިބޭ ފަރާތުގެ ވަކީލަށް ސިޓީއެއް ވެސް ވަނީ ފޮނުވާފަ އެވެ.

ހައިކޯޓު ގަވާއިދުގެ 48 ވަނަ މާއްދާގެ ދަށުން މިއީ ހައިކޯޓަށް ލިބިދޭ ބާރެކެެވެ. އެ މާއްދާގައިވާ ގޮތުން ހައިކޯޓުން ބަލާ ކޮންމެ ޤަޒިއްޔާއެއްގައި ވެސް އެ ގަޒިއްޔާ ބެލުމަށް ހައިކޯޓުން ކަނޑައަޅާ ތާރީހާއި ގަޑިއަށް މަގުބޫލު އުޒުރެއްނެތި ދައުވާ ކުރާ ފަރާތް ނުވަތަ މިގަވާއިދުގައިވާ ގޮތުގެ މަތިން އޭނާގެ ބަދަލުގައި ފޮނުވާ މީހަކު ހާޒިރު ނުވެއްޖެ ނަމަ ދައުވާ ފޯމު ބާތިލު ކުރެވޭނެ އެވެ.

ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރީ ހަވީރުގައި މަސައްކަތްކުރި 33 މުވައްޒަފެއްގެ ފަރާތުންނެވެ. ނަމަވެސް ބައެއް މުވައްޒަފުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ނުގެންގޮސްވަނީ، ހަވީރު ހުއްޓާލުމާ ގުޅިގެން އުފެއްދި މިހާރު ނޫހުގެ އެޑިޓާ އިސްމާއިލް ނަސީރާއި ހަވީރު ނޫހުގެ އެޑިޓާ މޫސާ ލަތީފާއި ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި ރިފްއަތު މުހައްމަދާއި އަހުމަދު އަބްދުﷲ ސައީދާއި އަހުމަދު ހަމްދޫނާއި އަބްދުލް ރަޝީދު ހުސައިނާއި ނިއުމަތުﷲ އިދުރީސް އެވެ.

މި މައްސަލާގައި ހަވީރުގެ ކުރީގެ މުވައްޒަފުްނ ދައުވާކޮށްފައިވަނީ ހަވީރުގެ ތިން ހިއްސާދާރުން ކަމަށްވާ، އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމްއާ ދެކޮޅަށެވެ.

ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

މި މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި، ސުއޫދު ވިދާޅުވީ، ދައުވާކުރި މުވައްޒަފުންގެ ތެރެއިން، ލިޔެފައިވާ އެއްބަސްވުމެއް އޮތީ ހަމައެކަނި އެ ތިން ފަރާތުގެ ކަމަށެވެ. އެހެން ފަރާތްތަކަކީ އަނގަ ބަހުން އެއްބަސްވެ ވަޒީފާ އަދާކުރަމުން ދިޔަ ފަރާތްތަކެއް ކަމަށެވެ. އެއްބަސްވުން ނުހެދި ސަބަބު ނޭނގޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. "ހަވީރު" ނޫހުގެ އެޑިޓަރުކަން ކުރެއްވި މޫސާ ލަތީފްގެ ވަޒީފާގެ އެއްބަސްވުމެއް ލިޔުމުން ހަދާފައިވާނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތިން ހިއްސާދާރުންގެ ވަކީލް ވިދާޅުވީ، ހަވީރުގެ ވިޔަފާރީތަކުގެ 75 ޕަސެންޓަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ތިން ބޭފުޅުންގެ ހައްގެއް ކަމަށެވެ. އިސްތިއުނާފު ކުރި މުވައްޒަފުންނަށް ވަޒީފާ އަދާކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާ ފަދައިން މަސައްކަތް ކުރުމުގެ ހައްގު ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މުދާ ހޯދުމާއި މުދަލުން މުއާމަލާތް ކުރުމާއި މުދާ ނިގުޅައިގަނެވިގެން ނުވުމުގެ ހައްގު ވެސް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން ހިއްސާދާރުންނަށް ލިބިދީފައިވާ މި ހައްގުތައް ވެސް ނިގުޅައިގަނެވިގެން ނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.