ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނަށް ސައުދީ ރަސްގެފާނު ހޫނު މަރުހަބާއެއް ދަންނަވައިފި

Oct 4, 2016
3

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސައުދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ‏ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލްސައުދު ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ‏ރަސްގެފާނުގެ ޝާހީ ގަނޑުވަރުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޝާހީ ގަނޑުވަރަށް ވަޑައިގަތުމުން ‏ސައުދީ ރަސްގެފާނު، ރައީސް ޔާމީނަށް މަރްޙަބާ ވިދާޅުވުމަށްފަހު ދެ ބޭފުޅުން ޑަޔަސްއަށް އަރާވަޑައިގަތެވެ. އަދި އެއަށްފަހު ރާއްޖެއާއި ސައުދީގެ ގައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ރޯޔަލް ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މީގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތައާރުފުކޮށް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، ‏ސައުދީ ރަސްގެފާނު ތައާރަފުކޮށް އެރުވުންވެސް އޮތެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފަހު، އެމަނިކުފާނުގެ ޝަރަފުގައި، ސަޢޫދީ ރަސްގެފާނު ޖާފަތެއް ބޭއްވެވިއެވެ. މި ޖާފަތް އޮތީ މިއަދު މެންދުރުފަހު، ‏ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދު‏ގެ ޝާހީ ގަނޑުވަރުގައެވެ.