ހަބަރު

ސައުދީން ދިން ކާރާ ގުޅޭ އަމުރާމެދު ފަނޑިޔާރުންގެ ރައުޔު ތަފާތު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުން ކުރެއްވުމަށް ސައުދީ ސަރުކާރުން ހަދިޔާ ކުރި މާސެޑީޒް ބެންޒް ކާރަކީ އަމިއްލަ ފަރާތެއްގެ ނަން މަތީ އެތެރެ ކޮށްފައިވާ ކާރެއް ކަމަށް ދެއްކުމަށް ކަސްޓަމްސްގެ ޑިކްލަރޭޝަން ފޯމްތައް ޕްރޮސެސް ކޮށްފައިވާ އެއާޕޯޓް ޑިވިޝަން ހެޑްގެ ފޯނުތައް ހުޅުވުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ރައުޔު ތަފާތުވެއްޖެ އެވެ.

އެއާޕޯޓްސް ޑިވިޝަންގެ ހެޑް މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިފައިވަނީ ހެކި ހޯދުމަށް އޭނާގެ ފޯނު ހިފަހައްޓައި އެޕްލިކޭޝަންތައް ހުޅުވުމަށް ލޮކް ކޯޑާއި ފިންގަޕްރިންޓް ނުވަތަ ފޭސް ރިކޮގްނިޝަން ބޭނުންވާނަމަ އެ ދިނުމަށް އަމުރުކޮށް ދިނުމަށެވެ. އެ އަމުރު ކުރިމިނަލް ކޯޓުން ނެރެދިނެވެ.

ކުރިމިނަލް ކޯޓުން އަމުރު ނެރެދީފައިވަނީ އެއާޕޯޓްސް ޑިވިޝަން ހެޑްގެ ފޯނުތަކާއި ސިމް ކާޑުތައް އަދި ލޮކް ކޯޑްތައް ޕޮލިސްއާ ހަވާލު ކުރުމަށެވެ. އެ އަމުރު ނެރެފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އޭސީސީއިން އެދުނީ 12 ދުވަހުގެ މުއްދަތަކަށް އަމުރު ނެރެދިނުމަށެވެ.

މި އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ނެރެފައިވާ ގޯސް އަމުރެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ފަރާތުން ހައިކޯޓުގައި އެދުނެވެ. މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. މި އަމުރާމެދު މި ތިން ފަނޑިޔާރުންނަށް އިއްތިފާގުވެވިފައެއް ނުވެ އެވެ. އެގޮތުން ފަނޑިޔާރު ނިޔާޒުގެ ރައުޔު އަނެއް ދެ ފަނޑިޔާރުންނާ ތަފާތެވެ.

އިސްތިއުނާފު ނުކުތާގައި ބުނެފައިވަނީ އެދުނު 12 ދުވަހަށްވުރެ އިތުރަށް 30 ދުވަހުގެ މުއްދަތަށް ފޯނު ހިފެހެއްޓުމުގެ އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުގެ 2010 ވަނަ އަހަރުގެ 19 ވަނަ ގަޒިއްޔާގައި ބަޔާން ކޮށްފައިވާ ޟަރޫރަތުގެ ގައިދާގެ ދަށުން ހުއްދަވާ އެއްވެސް ކަމަކީ އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ ފުޅާ ނުކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވާ އުސޫލާ ހިލާފު ނިންމުމެއް ކަމަށެވެ.

އެ ނުކުތާއާ ގުޅޭ ގޮތުން ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ލިޔުއްވާފައިވާ ގޮތުގައި އިސްތިއުނާފުކޮށްފައިވާ އަމުރަކީ ޝަރޫރަތުގެ ދަށުން ނެރެފައިވާ އަމުރެއް ނޫނެވެ. ގާނޫނުގައި ވަކި ގޮތަކަށް ކުރުމަށް އަންގާފައިވާ ކަންކަން ޝަރޫރަތުގެ ތެރެއަށް ވަދެގެން ނުދާނެ ކަމާއި އެ ހާލަތުގައި އެކަމެއް ކުރަން ޖެހޭނީ ގާނޫނުގައި ބަޔާންކުރާ ގޮތަށް ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މުއްދަތާ ގުޅޭ ދެ މާއްދާއެއް ދެއްކެވި އެވެ.

އެއީ އެ ގާނޫނުގެ 32 (ޅ) ވަނަ މާއްދާ އާއި 36 (ވ) ވަނަ މާއްދާ އެވެ. އެގޮތުން 32 (ޅ)ގައި ބުނަނީ އެކަށީގެންވާ މުއްދަތެއް ފަނޑިޔާރުންނަށް ދެވޭނެ ކަމަށެވެ. އަނެއް މާއްދާގައި ބުނަނީ ހިފެހެއްޓިފައިވާ އެއްޗެއް ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރު ކުރުމަށް ކަމާބެހޭ ކޯޓަށް ލިބިދޭ އެއްވެސް ބާރަކަަށް އުނިކަމެއް ނާންނާނެ ކަމަށެވެ.

"އެހެންކަމުން ބަލައި ފާސްކޮށް މުދާ ހިފެހެއްޓުމަށް ނެރޭ އަމުރު ފަނޑިޔާރުން ނެރުމުގައި ގާނޫނުގައި ވަކި މުއްދަތެއް ސާފުކޮށް ބަޔާންކޮށްފައި ނުވާ ހާލަތްތަކުގައި ގާނޫނު ތަންފީޒު ކުރާ އިދާރާއިން އެދޭ މުއްދަތަށްވުރެ އިތުރަށް މުއްދަތު ދިނުމަކީ އޭގެ ޒާތުގައި އެ އަމުރު ބާތިލްވން ޖެހޭ އިޖުރާއީ ސަބަބެއް ނޫން،" ފަނޑިޔާރު ނިޔާޒުގެ ރައުޔުގައިވެ އެވެ.

ނަމަވެސް ގާނޫނު ތަންފީޒު ކުރާ އިދާރާއިން ވަކި މުއްދަތެއް ބަޔާންކޮށް އަމުރަކަށް އެދުމުން އެ ނޫން މުއްދަތެއް ދިނުމުގައި ފަނޑިޔާރަށް އެގޮތް ހިޔާރު ކުރެވުނު، ބަލައި ފާސްކުރަން ޖެހޭ ތަނާއި ފާސްކުރަން ޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް ބަޔާންކޮށް ދިނުމަކީ ރަނގަޅު ގޮތް ކަމަށް ބުރެވެވޭ ކަމަށް ލިޔުއްވާފައިވެ އެވެ.

ނަމަވެސް ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ޝަހީދު އަދި އަގުލަބިއްޔަތު ލިބުނު ރައުޔުގައި ބުނެފައިވަނީ ޟަރޫރަތު ހުއްދަވާ މިންވަރަށްވުރެ އިތުރަށް އެ މުއްދަތު އިތުރު ކުރުމުގެ ބާރަކީ ފަނޑިޔާރަށް ލިބިގެންވާ ތަގުދީރީ ބާރެއް ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެހެންކަމުން އޭސީސީއިން އެދުނު 12 ދުވަހުގެ ބަދަލުގައި 30 ދުވަސް ދީފައިވަނީ ގޯސްކޮށް ކަމަށް ނިންމާފައިވެ އެވެ.

އެހެން އިތުރު މައްސަލަތަކެއް ވެސް ފާހަގަކޮށް ފަނޑިޔާރު ނިޔާޒު ރައުޔު ނެރުއްވާފައިވަނީ އަމުރު ސައްހަ ކަމަށެވެ. އަނެއް ދެ ފަނޑިޔާރުން ރައުޔު ނެރުއްވާފައިވަނީ އަމުރު ގޯސް ކަމަށެވެ.

އަމުރު ގޯސް ކަމަށް ކަނޑައެޅި އެއް ސަބަބުގެ ތެރޭގައި އެ އަމުރު ތަންފީޒު ކުރުމުގައި އޭސީސީއިން އަމަލު ކޮށްފައިވާ ގޮތް ވެސް ހިމެނެ އެވެ. އެގޮތުން އަމުރު ކުރިމިނަލް ކޯޓުން ނެރެފައިވަނިކޮށް އެއާޕޯޓްސް ޑިވިޝަން ހެޑަށް އޭސީސީއިން ގުޅައި ތަހުގީގަށް ހާޒިރުވުމަށް އެންގި އެވެ. ނަމަވެސް އޭނާ ހާޒިރުވުމުން ތަހުގީގުގެ ބަދަލުގައި އަމުރު ތަންފީޒު ކުރީ އެވެ.

ދެ ފަނޑިޔާރުންގެ ރައުޔުގައި ލިޔުއްވާފައިވަނީ އަމުރު ތަންފީޒު ކުރުމަކީ އޭސީސީއަށް އޮތް ބާރެއް ނަމަވެސް ތަންފީޒުކޮށްފައިވާ ގޮތް ގޯސް ކަމަށެވެ. އަމުރު ތަންފީޒުކުރުމަށް އޭނާ ގެނެސްފައިވަނީ އޮޅުވާލައިގެން ކަމަށާއި އަމުރު ތަންފީޒުކުރުމަށް ހާޒިރު ކުރަނީ ކަމަށް ވެސް ބުނަން ޖެހޭނެ ކަމަށެވެ.