ޣައްސާން މައުމޫން

"އުންމީދު ކުރަނީ އިންސާފުވެރި ހުކުމަކަށް"

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު ސަރީއަތުގެ ހުކުމް އިއްވުން ފަސްކުރި ނަމަވެސް ނުފޫޒުން އެއްކިބާވެފައިވާ އިންޒާރު ހުކުމަކަށް އުންމީދު ކުރައްވާ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފުގެ ނިމި ހުކުމް ކުރުމުގެ މަޖިލީސް އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކުރުމަށް ފަހު ހައިކޯޓުން މިއަދު ވަނީ ފަސް ކޮށްފަ އެވެ. ހައިކޯޓުން ބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން ޖެނުއަރީ މަހުގެ 14 އަށް ތާވަލު ކުރި ނަމަވެސް އެ އަޑުއެހުން މި މަހުގެ 21 އަށް ފަސްކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތް ނުނިމި ދިގުލައިގެން ދާތީ އެމަނިކުފާނުގެ ވަކީލުންނާއި އާއިލާއިން އަދި އެމަނިކުފާނު ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިކޯޓުން ރައީސް ޔާމީނަށް ކަފާލާތުގެ ފުރުސަތު ދެއްވަން ނުފެންނަ ކަމަށް ނިންމެވުމުގެ އެއް ރައުޔަކީ މައްސަލަ ލަސްނުވެ ނިމުން ކަމަށެވެ. ހައިކޯޓްގެ އިސްތިއުނާފު މިހާރުވެސް އަހަރު ދުވަހަށް ދިގު ދެމިގެން ގޮސްފައިވާއިރު އެކަން ޣައްސާން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ ހައިކޯޓް މަރުހަލާ ދިގު ދެމިގެން ދިޔަ ނަމަވެސް ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ހުކުމަކަށް އުންމީދު ކުރައްވާ ކަމަށެވެ.

ޣައްސާންގެ ޓްވީޓްގައި ވަނީ ރައީސް ޔާމީނަށް ދަށު ކޯޓުން ހުކުމް އިއްވަން އޮތް ދުވަހު އަމަލު ކުރި ގޮތް ހަނދާން ކުރައްވާފައެވެ. އެ ފަހަރު މައްސަލަ ބެއްލެވި ގާޒީ ސަސްޕެންޑްކޮށް އެހެން ގާޒީއަކާއި މައްސަލަ ހަވާލު ކުރެއްވީ ހުކުމާއި ހަމާގައި އޮއްވަ އެވެ.

މިހާރުވެސް ރައީސް ޔާމީންގެ ދެ ޝަރީއަތެއް ދަށު ކޯޓްގައި ކުރިއަށް ދެއެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.