ސިނަ މާލެ ބްރިޖް

ސީކްރޮސް ބްރިޖްގެ އެންމެ ބޮޑު ޗެލެންޖު ރާއްޖޭގައި!

މާލެއާ ހުޅުލެ ދެމެދު ބްރިޖު އެޅުމަކީ ހިޔާލެއް ގޮތުގައި ރައްޔިތުން ދެކެމުން އައި ޒަމާނެއް ވެސް ދިޔައެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތް ނުކުރާ ސަރުކާރެއް ރާއްޖޭގައި ވެރިކަންކޮށްފައި ނުވާކަން ކަށަވަރެވެ. އޭރު ކުރި އެ މަސައްކަތަށް ކާމިޔާބެއް ނުލިބުނީވެސް ސަބަބެއް ނެތިއެއް ނޫނެވެ.

އޭގެ މައިގަނޑު އެއް ސަބަބަކީ މާލެއާ ހުޅުލެ ދެމެދު އަޅާ ބްރިޖަކީ، ކޮންމެ ކޮންމެ ކޮންސްޓްރަކްޝަން ކުންފުންޏަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގައި މިހާރުވެސް 500 އާ ގާތް ކުރާ އަދަދަކަށް ބޮޑެތި ބްރިޖު އަޅާފައިވާއިރު ސީކްރޮސް ނުވަތަ ކަނޑު ހުރަސްކޮށް އަޅާފައި ހުރީ އެންމެ 17 ބްރިޖެވެ. އަދި އެކަން ކުރުމަށް ގާބިލް ގިނަ ކުންފުނިތަކެއް ވެސް ނޯވެ އެވެ.

މާލެއާ ހުޅުލެ ދެމެދު ސީ ކްރޮސް ބްރިޖެއް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް އެ މަސައްކަތް މިހާރު ކުރިޔަށްދަނީ އެވެ. ޗައިނާއަކީ ބްރިޖު އެޅުން ފަދަ ސުޕާ ސްޓްރަކްޗާ މަސައްކަތުގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ގުނޭ ބައެކެވެ. ދުނިޔޭގެ އެނެމެ ދިގު ބްރިޖާއި އަދި އެންމެ ތަފާތު ބްރިޖުތައް މިހާތަނަށް އަޅާފައި ވަނީ ޗައިނާއިންނެވެ.

މާލެއާ ހުޅުލެ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައި ވެސް ވަނީ ދުނިޔޭގައިވާ މަދު ސީކްރޮސް ބްރިޖު އެޅުމުގެ ތަޖުރިބާވެސް ލިބިފައިވާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ލިމިޓަޑްއާއެވެ. އެކުންފުނިން މީގެ ކުރިންވެސް ވަނީ ދެ ސީކްރޮސް ބްރިޖު އަޅާފައެވެ. އެހެންކަމުން މިއީ މާލެއާ ހުޅުލެ ދެމެދު ބްރިޖު އަޅަން ގާބިލް ބައެކޭ ބުނެވިދާނެ އެވެ. ނަމަވެސް ސީސީސީސީއިން ބުނާ ގޮތުގައި މިއީ އެކުންފުންޏަށް ވެސް ބޮޑު ޗެލެންޖެކެވެ.

"ޗައިނާ މޯލްޑްވިސް ފްރެންޑްޝިޕް ބްރިޖު އަޅާއިރު ކުރިމަތިވާ އެންމެ ބޮޑު ޗެލެންޖަކީ ނަގާ ރާޅުތައް. އަސްލު މޫސުމަށް ވުރެ ބޮޑަށް ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތައް. އަދި ބްރިޖު އަޅާ ސަރަހައްދަކީ ވަރަށް އޮއިވަރު ގަދަ ސަރަހައްދެއް. އެހެންވެ މި ރާޅުތައް މަޑުވާ ގަޑިއަކާ ބަލާފަ މި ފައުންޑޭޝަން މަސައްކަތް ކުރެވެނީ،" ސީސީސީސީ ކުންފުނީގެ ޕްރޮޖެކްޓު މެނޭޖަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބްރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ ބްރިޖު އެޅުމުގައި ކަޑަތު ކުރަން ޖެހޭ އެންމެ އުނދަގޫ މަރުހަލާއެވެ. އަދި ކަނޑުގެ އަޑިން ތޮރުފާފައި ހުންނަ ތަނަށް ހޮޅިތައް އަމާޒުކޮށް ބޮޑެތި ސީކްރޭން އިން ހޮޅިތައް ޖަހަން ޖެހޭ އިރު ބްރިޖު އަޅަން ޖެހޭ ސަރަހައްދުގެ ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވެ އެވެ. އަދި ރާޅު ގަދަވާ ދުވަސްތަކުގައި މަސައްކަތް މުޅިން ހުއްޓާލައިގެން ތިބެން ޖެހެ އެވެ.

މިފަދަ ބައެއް ގޮންޖެހުންތަކާއެކު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އެޅުން މިވަނީ ބޮޑު ޗެލެންޖަކަށެވެ. މި ދޭތެރެއިން ހުޅަނގު މޫސުމުގެ ވާރޭ ވެހުން ދުވަސްވަރު ބްރިޖުގެ މަސައްކަތް ހުއްޓާލީ ކަމަށްވެސް ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް ހަގީގީ މަންޒަރު ފެންނަނީ މިހާރު އަޅާފައިވާ ވަގުތީ ބްރިޖަށް އަރައި ބިއްދޮށް ބަލައިލުމުންނެވެ.

ހައުސިން މިނިސްޓްރީއިން މިދިޔަ އަންގާރަ ދުވަހު ވަނީ އެ ފުރުސަތު ހުރިހާ ނޫސްވެރިންނަށާއި ބައެއް މިނިސްޓަރުންނާއި މަޖިލީސް މެންބަރުންނަށް ދީފަ އެވެ.

ބްރިޖުގެ މަސައްކަތް ހުރީ ކިހާ ހިސާބެއްގައި؟

މާލޭ ލޮނުޒިޔާރަތް ކޮޅުގައި ހުރެ މިއަދު ބްރިޖަށް ބެލިޔަސް އާ މަންޒަރެއް ނުފެނިދާނެ އެވެ. އޭގެ މާނައަކީ ބްރިޖުގެ މަސައްކަތަށް ކުރިއެރުމެއް ނުލިބެނީކީއެއް ނޫނެވެ. ވަގުތީ ބްރިޖަށް އަރައި ކައިރިން މަންޒަރެއް ބަލާއިރު ބްރިޖުގެ ތަންބުތަކުގެ ކޮޅުމަތީ ހުރީ ފެންމައްޗައް އަރާފައެވެ. އަސްލު ބްރިޖުގެ ފުރިހަމަ ވާނެ ހިސާބާއި ދުވަސްވަރު ދެން ހިތަށް ގެންނާށެވެ.

ކޮންމެއަކަސް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ޑިޒައިންއަށް ބަލާއިރު އެއްގަމުން ފެށިގެން ކުޑަ ތަނބުތަކުން ގުޅެމުން ބްރިޖު އުސްވާ ހިސާބަށް ހުންނަނީ "ވީ" އަކުރުގެ ބައްޓަމަށް ހުންނަ ފަސް ބޮޑު ތަނބުތަކެވެ. އަދި ހުޅުލެ ކޮޅަށް ނިމެން ވެސްހުންނަނީ ކުދި ތަނބުތަކެވެ.

އެއިން ކޮންމެ ކުޑަ ތަނބެއްގައި ފައުންޑޭޝަންއަށް ހަތަރު ނޫނީ ދެ ހޮޅި ޖަހަން ޖެހެ އެވެ. އަދި ކޮންމެ ބޮޑު ތަނބެއްގެ ފައުންޑޭޝަންއަށް ހަތް ހޮޅި ޖަހަން ޖެހެ އެވެ. މި ބްރިޖުގައި މުޅިއަކު 35 ތަނބު ޖަހަން ޖެހޭ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ހޮޅިތައް ޖަހާ ނިމުމަށް ފަހު ދެން އޮންނާނީ ތޮރުފާ ކަނޑުން ވެލި ނެގުމަށް ފަހު ކޮންކްރީޓު އެޅުމުގެ މަސައްކަތެވެ.

އެ މަސައްކަތް މިހާރު ހުރި ގޮތަށް ބަލާއިރު އެއް ބޮޑު ތަނބުގައި ހޮޅި ޖެހުމުގެ މަސައްކަތް ވަނީ ނިންމައި ތޮރުފަން ތައްޔާރުކޮށްފައެވެ. އަދި އިތުރު ތިން ބޮޑު ތަނބަކަށް ވެސް ހޮޅި ޖެހުމުގެ މަސައްކަތް ކުރިޔަށް ދެއެވެ. މުޅިއަކު 13 ހޮޅިއެއް ވަނީ ޖަހާ ނިންމާފައެވެ. އަދި މިމަހު 10 އެއްގައި ކޮންކްރީޓު އެޅުމުގެ މަސައްކަތް ކުރަން ފެށޭނެ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ ދެތިން ދުވަސް ކުރިން މާލެ ފަޅިންވެސް ވަނީ ކުޑަ ތަނބެއްގެ ކޮންކްރީޓު އެޅުމުގެ މަސައްކަތްތައް ފަށާފައެވެ.

"މި ހުރިހާ ކަމެއް ކުރާނީ އެކީ އެކައްޗަކަށް. އެއްވެސް އިރެއްގައި މަސައްކަތް މަޑުކޮށްލައިގެން ނުތިބޭނެ. މިހާރު އެއް ތަނބުގެ ހޮޅިތައް ޖަހާނިމުމުން ހުރީ ބޯހޯލް ތޮރުފުމަށް ތައްޔާރު ކުރެވިފައި. އެހާހިސާބުން ޑްރިލް ކުރުމާއި ކޮންކްރީޓުގެ މަސައްކަތް ވެސް ކުރިޔަށްދާނެ. މިއަހަރު ޑިސެމްބަރު މަސް ތެރޭގައި 35 ހޮޅި ޖެހުމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ،" މުއްތަލިބު ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތް ކުރިޔަށްދާ ގޮތް މާލެއިން ބަލާއިރު ފެންނާނީ ވަގުތީ ބްރިޖު ވަރަށް ދިގުކޮށް ދަމާލާފައި އޮއްވައެވެ. ނަމަވެސް މާލެއާ ހުޅުލެ މުޅިން ގުޅުވާ ނުލާކަން ފާހަގަވާނެ އެވެ.

ސީސީސީސީ ކުންފުނީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ދެ ފަޅު ނުގުޅުވާ އޮތީ ތަނބުތަކަށް ބޭނުންވާ ހޮޅި ޖެހުމަށް ސީ ކްރޭނުތައް ދެ ފަރާތަށް ދަތުރު ކުރަންޖެހޭތީ އެވެ. އަދި ފައުންޑޭޝަނަށް ބޭނުންވާ ހޮޅިތައް ޖަހާ ނިމުމުން ދެން ދެ ފަޅި ގުޅުވާލާ އަށި މަތީ ތިބެގެން މަސައްކަތްތައް ކުރަން ފަށާނެ އެވެ.

ވަގުތީ ބްރިޖު މަތީގައި ކޮޅަށް ހުންނަ އިރު ބޮޑެތި ބިޔަ ރާޅުތައް އައިސް ބްރިޖު މައްޗައް ބިންދާލަ ބިންދާލާ އޮވެއެވެ. ބްރިޖުގެ އެންމެ ޗެލެންޖިން އެއް މަސައްކަތް ކަމަށްވާ ހޮޅި ޖެހުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭ އިރު އޭގެ ފަހުން މަސައްކަތް އިތުރަށް އަވަސް ވެގެންދާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ދަގަނޑު ހޮޅިތައް! ތިމާވެއްޓަށް ކިހާވަރެއްގެ ނުރައްކަލެއް؟

ބްރިޖުގެ މަސައްކަތްތައް ފެށިގެން އައިއިރު އޭގެ ފައިދާ ވާހަކަ ދައްކާ މިންވަރަށް އެކަމުން ލިބޭ ދަތިތަކުގެ ވާހަކަވެސް ދެކެވުނެވެ. އޭގެ އެންމެ ބޮޑުވީ އެއް މައްސަލައަކީ ރާޅާ އަޅާ މީހުންގެ ޝަކުވާތަކެވެ. ދެން ކުރިމަތިވީ ވިކްޓްރީ ރެކް ހަލާކުވެދާނެ ކަމުގެ ބިރެވެ. ނަމަވެސް އެދެ މައްސަލަ ހައްލު ކުރުމުން މިހާރު އުފައްދާ ސުވާލަކީ ދަގަނޑު ހޮޅިތަކުގެ ސަބަބުން ތިމާވެއްޓަށް ކިހާ އަސަރެއް ކުރާނެ ކަމަށެވެ. ބްރިޖު ބަލަންދާ މީހުނަށް ވެސް އެ ސުވާލު ނުއުފެދިއެއް ނުދާނެ އެވެ.

ނަމަވެސް ސީސީސީސީ ކުންފުނިން އަންނަނީ ވަރަށް ފަރުވާ ބަހައްޓައިގެން އެ ކަންތައް ބަލަހައްޓަމުންނެވެ. އެގޮތުން ފުރަތަމަ ކަމަށް ވަގުތީ ބްރިޖަށާއި އަސްލު ބްރިޖަށް ވެސް ބޭނުން ކުރާ ކޮންމެ ދަގަނޑު ހޮޅިއެއް ވަކިވަކިން އަންނަނީ ކެމިކަލް ޓެސްޓު ކުރަމުންނެވެ.

"އަޅުގަނޑުމެން މިކަން ކުރާއިރު ހަމަ އެއްޗެހި މަތި މަތިން ބަލާލަނީކީ ނޫން. ވަކި ވަކިން ހުރިހާ ހޮޅިއެއްގެ ޓެސްޓުތައް ހަދަން. ރަނގަޅަށް ބަލާ ޗެކްކޮށްފައި ނޫނީ އެންމެ ހޮޅިއެއްވެސް ދޫނުކުރާނެ،" މުއްތަލިބު ވިދާޅުވި އެވެ.

މީގެ އިތުރުން ކަނޑުއަޑިޔަށް ހޮޅިތައް ޖަހާ އިރުވެސް އެކި ފުންމިނުން ވެލިތައް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތްވެސް ސީސީސީސީއިން ކުރެއެވެ. އަދި ހޮލިތައް ޖަހަމުން ގެންދަނީ އެ ފުންމިނަކަށް ބަލާފައި ރަނގަޅު ވަރަށް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އެހެން ކަމުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މި ބޮޑު މަޝްރޫ ނިންމާލާއިރު ވެގެންދާނީ މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ރީތި މަސައްކަަތަކަށެވެ. އަދި ސީކްރޮސް ބްރިޖް އެޅުމުގެ ތަޖުރިބާގެ އާސޮފުހާއަކަށެވެ.