ހަބަރު

ސައުދީ އާއި ރާއްޖޭގެ ގުޅުން ވަނީ ކުރިން ނުވާހާ ވަރުގަދަވެފައި: ރައީސް

ސައުދި އަރަބިއްޔާ އާއި ރާއްޖޭގެ ގުޅުން މިހާރު ވަނީ ކުރިން ނުވާހާ ވަރުގަދަވެފައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރަސްގެފާނު ސަލްމާންއާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގެ ތެރޭގަ އެވެ.

މިއަދު ޝާހީ ގަނޑުވަރުގައި ބޭއްވި ރަސްމީ ވާހަކަފުޅުތަކުގައި، ސައުދީ‏ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި، ‏ސައުދީއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް އަހުވަންތަ ގުޅުމުގެ މައްޗައް އަލިއަޅުއްވާލަވަމުން، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ‏ސައުދީ‏ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީއަށް އަބަދުވެސް އެހީތެރިވަމުން އަންނަ ބައިވެރިއެއްކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ސައުދި‏ އަރަބިއްޔާއަށް ވަޑައިގަތުމުން ދެންނެވި ހޫނު މަރުހަބާއަށާއި، ދެއްވި މެހެމާންދާރީއަށް ސައުދީ‏ ރަސްގެފާނަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވިއެވެ. މީގެ އިތުރުން، ރައީސް ވަނީ ބައިނަލްއަގްވާމީ ދުނިޔެއިން ޓެރަރިޒަމް ނައްތާލުމައްޓަކައި، ސައުދީ އަރަބިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރާއްޖޭގެ ފަރާތުން ފުރިހަމަޔަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސައުދީ އަރަބިއްޔާގައި މިއަދު ކުރިޔައްދިޔަ ރަސްމީ ވާހަކަފުޅުތަކުގައި، ރައީސް ވަނީ ރާއްޖެއާއި، ސައުދީ‏ އަރަބިއްޔާއާ ދެ ގައުމުގެ ގުޅުން ކުރިން ނުވާހާ ވަރުގަދަވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، ރާއްޖޭގެ ހައްޖު ކޯޓާ އިތުރުކޮށްދެއްވި ކަމަށްޓަކައި ސަލްމާން ރަސްގެފާނަށް، ރައީސް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ސައުދީ‏ ރަސްގެފާނު ފާހަގަކުރެއްވި ގޮތުގައި، ސައުދި އަރަބިއްޔާއިން ބަލަހައްޓަމުންގެންދާ މާތް ދެ މިސްކިތް ބެލެހެއްޓުމުގެ މަތިވެރި ޒިންމާއަކީ އެ ގައުމަށް ލިބިފައިވާ މަތިވެރި ޝަރަފެއް ކަމަށް ވިދާޅުވިއެވެ.

މި މަޝްވަރާތަކުގައި ރައީސް ވަނީ ރަސްގެފާނަށް ރާއްޖެ އައުމަށް ދައުވަތު ދެއްވާފައެވެ. އަދި، ސަލްމާން ރަސްގެފާނު ވަނީ ރައީސްގެ ދައުވަތު ގަބޫލުފުޅުކުރައްވާ، ދެ ގައުމަށް ފަސޭހަ ވަގުތަކު ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައެވެ.