ހަބަރު

ރަސްގެފާނު ސަލްމާން ރާއްޖެ ވަޑައިގަންނަވަނީ

ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައަދަށް ރާއްޖެ ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ދައުވަތު ދެއްވައިފި އެވެ. ރަސްގެފާނު ވަނީ ރައީސްގެ ދައުވަތު ގަބޫލުފުޅުކުރައްވާފަ އެވެ. ރަސްގެފާނު ސަލްމާން މީގެކުރިން ވެސް ރާއްޖެ ވަޑައިގެންފައިވެ އެވެ.

ރަސްގެފާނަށް ރައީސް މި ދައުވަތު މިއަދު ދެއްވާފައިވާއިރު ރަސްގެފާނު ވަނީ ދެ ގައުމަށް ފަސޭހަ ވަގުތަކު ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައެވެ.

ރައީސް މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރަސްގެފާނާއެކު ރަސްމީ ބައްދަލުކުރެއްވުން ބާއްވާފައިވާއިރު އެމަނިކުފާނު ވަނީ ސައުދީގެ ގިނަ މިނިސްޓަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ދެ ގައުމު ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

ރައީސް މިއަދު ވިދާޅުވެފައިވަނީ، ސައުދީއަކީ އަބަދުވެސް ރާއްޖެއަށް މުހިންމު ގައުމެއް ކަމަށާއި ދެ ގައުމުގެ ގުޅުން މިހާރު މީގެކުރިން ނުވާހާ ވަރުގަދަވެފައިވާ ކަމަށެވެ.

ސައުދީއަށް ރައީސް ވަޑައިގަތުމުން ވެސް ހޫނު މަރުހަބާއެއް ދަންނަވާފައިވެ އެވެ. ރައީސްއާއެކު މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވަނީ ސައުދީ ބައިވެރިވަޑައިގަންނަވަ އެވެ.

ސައުދީއަށް ރައީސް ދަތުރުފުޅެއް ރައީސް ކުރައްވާ އިރު، އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއަށް ސައުދީ ޑިވަލޮޕްމަންޓް ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި އެއާޕޯޓްގެ އާ ޓާމިނަލް މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، ބިންލާދިން ގްރޫޕްއާ އެވެ.