ރާއްޖެ ކުޅިވަރު

ކަލާސް އެވޯޑް ދެވަނަ ފަހަރަށް ފެތުންތެރިޔާ ނިޝްވާނަށް

ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ކުޅިވަރުގެ ރޮނގުން ކާމިޔާބު ހޯދާ ދަރިވަރުންނަށް ދޭ "މައިލޯ ކަލާސް އެވޯޑް" ޖެހިޖެހިގެން ދެވަނަ ފަހަރަށް ރާއްޖޭގެ އެންމެ ބާރު ފެތުންތެރިޔާ ސީއެޗްއެސްސީގެ ދަރިވަރު ނިޝްވާން އިބްރާހިމް ހޯދައިފިއެވެ.

މިދިޔަ އަހަރު ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ކުޅިވަރުގެ ރޮނގުން އެންމެ މަތީ ކާމިޔާބު ހޯދާ ދަރިވަރަކަށްދޭ އެވޯޑް ނިޝްވާން ޖެހިޖެގެން ދެ ވަނަ ފަހަރަށް ހޯދިއިރު އޭނާ ވަނީ މިދިޔަ އަހަރު ފެތުމުގެ 50 މީޓަރު ބަޓްފްލައި ސްޓްރޯކްގެ ގައުމީ ރެކޯޑް ހަދާފައެވެ. އަދި ބެކްސްޓްރޯކް 50 މީޓަރުގެ ގައުމީ ރެކޯޑްވެސް އޭނާ ވަނީ ހަދާފައެވެ.

އަދި މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ފީނާ ސްވިމިން ޗެމްޕިއަންޝިޕާއި ކޮމަންވެލްތު ގޭމްސްގެ ގައުމީ ސްކޮޑްގައިވެސް އޭނާ ވަނީ ހިމެނިފަ އެވެ.

އަދި އޭނާ ވަނީ މިދިޔަ އޯގަސްޓް މަހު ބްރެޒިލްގެ ރިއޯޑީޖެނީރިއޯގައި ބޭއްވި ރިއޯ އޮލިމްޕިކްސްގައި އޭނާ ފެތި ހީޓްގެ ތިން ވަނަ ހޯދާފައެވެ.

ނިޝްވާން މިހާރު ވެސް ގެންދަނީ އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕެއްގައި ދެކެނު އެފްރިކާގެ ޑާބަންގައި ޓްރެއިނިން ހަދަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ނިޝްވާންގެ އެވޯޑާއި ހަވާލުވީ އޭނާގެ ބައްޕައެވެ. ވީޑިއޯ މެދުވެރިކޮށް ކަލާސް އެވޯޑްގެ ރަސްމިއްޔާޓުގައި ވާހަކަ ދައްކަވަމުން ނިޝްވާން ބުނީ އޭނާގެ ކާމިޔާބުގެ އެންމެ މުހިންމު ބައިވެރިންނަކީ އޭނާގެ މަންމަ އާއި ބައްޕަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ފެތުމުން ގައުމަށް ރީތި ނަން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.