ރާއްޖެ ކުޅިވަރު

ކަލާސްގެ ހާއްސަ އެވޯޑް ނުވަ ދަރިވަރަކަށް

ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން މިދިޔަ އަހަރު ކުޅިވަރުގެ ރޮނގުން ކާމިޔަބު ހޯދާ ދަރިވަރުންނަށް ދޭ "މައިލޯ ކަލާސް އެވޯޑް"ގެ ހާއްސަ އެވޯޑް ނުވަ ދަރިވަރުކު ހާސިލު ކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ކަލާސް އެވޯޑް ހަފުލާގައި މި އެވޯޑް ހާސިލު ކުރި ނުވަ ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ، ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލެވެ.

އެވޯޑް ހާސިލުކުރި ދަރިވަރުންގެ ތެރެއިން ބިލަބޯންގް އިންޓަނޭޝަނަލް ސްކޫލްގެ އައިޝަަތު ނައިޝާން ނާޝިދު ވަނީ މިދިޔަ އަހަރު ބޭއްވި އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 13 އަހަރުން ދަށުގެ ބައިން ފަސް ކިލޯ މީޓަރު މެރަތަންއިން އެއް ވަނަ ހޯދާފައެވެ. މީގެ އިތުރުން 25 ވަނަ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހާފު މެރަތަން ޗެމްޕިއަންޝިޕްގައި ވެސް އޭނާ ވަނީ ވާދަ ކޮށްފައެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އައިޝަތު ސަރާ ވަނީ ހަތަރެއް ގުނަ 100 މީޓަރުގެ ދުވުމުން އެއް ވަނަ ހޯދާފައެވެ. އަދި ހަތަރެއް ގުނަ 400 މީޓަރު ދުވުމުން ވެސް އޭނާ ވަނީ އެއް ވަނަ ހޯދާފައެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ 100 މީޓަރު އެއްވަނަ ހޯދާފައިވެއެވެ. ހަމަ އެ ކެޓަގަރީގެ 200 މިޓަރާއި 400 މީޓަރުންވެސް އޭނާ ވަނީ އެއް ވަނަ ހޯދާފައެވެ.

އެވޯޑް ހާސިލުކުރި އިސްކަންދަރު ސްކޫލްގެ ހައްވާ މީކާއީލާ ހަލީމް ވަނީ ތްރީ އޮން ތްރީ ބާސްކެޓްބޯލް މުބާރާތް ކާމިޔާބުކޮށް އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

އިސްކަންދަރު ސްކޫލްގެ ޔޫސުފް އަޒުޔާން ފަރުހަތު އަކީ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމުގައި ހިމެނޭ ކުޅުންތެރިޔެކެވެ. އަދި ކްރިކެޓް ބޯޑުން ހޮވި އެންމެ މޮޅު ޒުވާން ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައިވެއެވެ. އަދި ޓީޓްވެންޓީ މުބާރާތުގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ ތެރޭގައިވެސް އޭނާ ވަނީ ހިމެނިފައެވެ. އަދި އޭނާ ވަނީ ކަލާސް އެވޯޑްގެ 16 އަހަރުން ދަށުގެ ވިނާ އެވޯޑް ހާސިލުކޮށްފައެވެ.

އިސްކަންދަރު ސްކޫލްގެ މާރިޔާ މުހައްމަދު ރިޝްވާން ވަނީ 16 އަހަރުން ދަށުގެ އަންހެން ބްރީސްޓް ސްޓްރޯކް 100 މީޓަރާއި 50 މީޓަރުން އެއް ވަނަ ހޯދާފައެވެ. އަދި 16 އަހަރުން ދަށުގެ ތިން ވަނަ އަށް އެންމެ މޮޅު ފެތުންތެރިޔާގެ އެވޯޑްވެސް އޭނާ ވަނީ ހޯދާފައެވެ.

އިސްކަންދަރު ސްކޫލްގެ އައިޝަތު ރަފާ ނާޒިމް ވަނީ 15 އަހަރުން ދަށާއި 12 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައެވެ. އަދި ދެކުނު އޭޝިޔާގެ ޓޭބަލްޓެނިސް ޗެމްޕިއަންޝިޕް ބްރޯންޒް މެޑްލް ހާސިލުކޮށްފައެވެ. މީގެ އިތުރުން ރަފާ ވަނީ މައިލޯ ކަލާސް އެވޯޑްގެ 16 އަހަރުން ދަށާއި 12 އަހަރުން ދަށުގެ ވިނާ އެވޯޑްވެސް ހާސިލުކޮށްފައެވެ.

ތާޖުއްދީން ސްކޫލްގެ ފާތިމަތު އިރާޝާ ވަނީ މިދިޔަ އަހަރު ބޭއްވި އިންޓަ ސްކޫލް ކެރަމް މުބާރާތުގެ 14 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން ކަމާއި ތީމު އިވެންޓްގެ ތިން ވަނަ ހޯދާފަ އެވެ.

ޖަމާލުއްދީން ސްކޫލްގެ ނިހާޔަ އަހްމަދު ވަނީ އިންޓަ ސްކޫލް ޗެސް ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ އެއް ވަނަ ހޯދާފައެވެ. އަދި ނެޝަނަލް އިންޑަވިޖްއަލް ޗެސް ޗެމްޕިއަންޝިޕްގައި އެއް ވަނަ އަންހެން ކުޅުންތެރިޔާގެ އެވޯޑް ވަނީ ހޯދާފައެވެ.