ފައިނަލްގައި ޑީ ބާސްކެޓްބޯޅަ ކްލަބުގެ މައްޗަށް ކާމިޔާބު ހޯދައި 35 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޗެމްޕިއަންކަން ސައިކްލޯ ހޯދައިފިއެވެ.
ފައިނަލް މެޗް ސައިކްލޯން ކާމިޔާބު ކުރީ ސާދަ ޕޮއިންޓްގެ ތަފާތަކުންނެވެ. ސައިކްލޯއިން 52 ޕޮއިންޓް ހޯދިއިރު، ޑީ ބާސްކެޓް ކުލަބަށް ހޯދިފައިވަނީ 38 ޕޮއިންޓެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ސައިކްލޯންގެ ނަޓާސާ މިޖަޓޮވިޗްއެވެ. އޭނާ ވަނީ 33 ޕޮއިންޓް ހޯދާފައެވެ.
މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ކާމިޔާބު ކުރީ 94 ޕޮއިންޓް ކާމިޔާބު ކުރި ޔޫތު ސްޕޯޓްސް ކުލަބުގެ ފާތިމަތު ރިޝްމާއެވެ. މުބާރާތުގެ އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާ އެވެ. އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ހޮވުނީ ޑީ ބާސްކެޓްބޯޅަ ކުލަބުގެ ނަޝްފާ އާމިރާ އެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ހޮވުނީ ޑީގެ ޕްރިމީލާ ފެނާންޑޯ އެވެ.
އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހައްވާ ޔޫތު ސްޕޯޓްސް ކުލަބުގެ މިކައީލާ ހަލީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސައިކްލޯންގެ ފާތިމަތު ޝައިލާން އަފުޒަލްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ސައިކްލޯންގެ ކޯޗް މުހައްމަދު ނަޒީފެވެ.