ހަބަރު

ފްލެޓް ތަކުގެ އަގު ދެ މިލިއަން ރުފިޔާއަށް، ފައިސާދެއްކުން 20 އަހަރަށް ބަހާލަނީ

  • ފްލެޓްތައް 148 ފަރާތަކާ ހަވާލު ކުރާނެ
  • ފްލެޓްތަކުގެ ގުރުނެގުން މާދަމާ ބާއްވަނީ
  • އާ އުސޫލުގެ ދަށުން މަހު ކުލި ވަރަށް ބޮޑަށް ކުޑަ

ސޯޝަލް ހައުސިންގެ ދަށުން ގާ ކޮށީގަ އާއި އަރަބިއްޔާ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން ހެދި ފްލެޓްތަކުގެ އަގު ދެމިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަގެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ. އަދި ފައިސާ ދެއްކުން ބަހާލުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އެޗްޑީސީން އެހެންބުނެފައިވާއިރު މާލޭގައި އެންމެ ފަހުން އާންމުކޮށް ހުޅުވާލައިގެން ވިއްކި ރެހެންދި ފްލެޓްތައް ވެސް ވިއްކާފައިވަނީ ހަތަރު މިލިއަނާއި ފަސް މިލިއަނާ ދެމެދުގަ އެވެ.

އެޗްޑީސީގެ ޑިރެކްޓަ އޮފް ފައިނޭންސް އަލީ ޝަރީފް މިއަދު ވިދާޅުވީ، ޓާޓާ ފްލެޓްތަކުގެ އަގު ކަނޑައެޅުމުގައި ބަލާފައިވަނީ އާންމުކޮށް މާކެޓްގައި ވިއްކާ އަގުތަކަށް ބެލުމަށްފަހު އާންމުންނަށް އެކަށީގެންވާ އަގެއްގައި ފްލެޓް ތައް ދިނުމަށް ކަމަށެވެ. އެގޮތުން ފްލެޓްތަކުގެ އަގު ދެ މިލިއަނަށްވުރެ ބޮޑު ނުވާނެ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރުވެސް މި މަސައްކަތް ކުރަމުންދަނީ ދެ މިލިއަނަށް ވުރެ ފްލެޓްތަކުގެ އަގު ބޮޑު ނުވާނެ ގޮތަކަށް އަގު ހަމަޖައްސަން، އެ ގޮތުން މިހާރު ބެންކް ތަކާ މަޝްވަރާ ކުރަމުން މިދަނީ، އާންމުންނަށް ލޯނު ހަމަޖައްސައިދެވޭނެ ގޮތްތަކާ މެދު ވެސް،" އަލީ ވިދާޅުވި އެވެ.

ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް ހައުސިން މިނިސްޓްރީ އިން މިހާރު ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. މިހާތަނަށް ލިބިފައިވަނީ 148 މީހުންގެ ލިސްޓެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެ ފަރާތްތަކާ އެ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން، މާދަމާގެ ވަގުތެއްގައި އެ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ގުރުއަތުލުން ބާއްވާނެ ކަމަށް އެކުންފުނިން ބުންޏެވެ. ގުރު ނެގުމަށްފަހު ، ފްލެޓަށް ފައިސާ ދައްކާނެ ފަސޭހަ އަދި ލުއި އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން ބޭންކްތަކާއި ޕެންޝަން ފަންޑުގެ ބޭފުޅުންނާއި ފްލެޓް ލިބޭ ފަރާތްތަކާ ދެމެދު މި މަހުގެ 13 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވަން ވަނީ ހަމަ ޖެހިފަ އެވެ.

އަލީ ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓް ކަނޑައެޅޭ ހިސާބުން، އެ ފަރާތްތަކަށް ފްލެޓް ލިބުނު ކަމުގެ ސިޓީ ހަވާލު ކުރާނެ ކަމަށެވެ. އެ ސިޓީ ހިފައިގެން ބެންކަށް ދިއުމުން، ބެންކުން އެފަރާތްތައް ސްކްރީން ކުރުމަށްފަހު ދިގު މުއްދަތުގެ ހައުސިން ލޯނެއް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އެ ލޯނަށް ފައިސާ ދައްކަން ޖެހޭނީ ދިގު މުއްދަތަކަށް ބަހާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެޗްޑީސީގެ ސިޓީއަށް ލޯނު ދޫކުރާ ފަރާތްތަކަށް، 9-10 ޕަސެންޓާ ދެމެދުގެ އިންޓްރެސްޓެއްގައި 20 އަހަރު ދުވަހުގެ މުއްދަތެއްގައި ދައްކަން ޖެހޭ ލޯނެއް ލިބޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

"ދެ މިލިއަނަށް ވުރެ ބޮޑު ނުވާނެ ކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ، އެހެން ކަމަށް ވަންޏާ މިއީ ވަރަށް ކުޑަ އަގެއް. 20 އަހަރުގެ ލޯނެއް ލިބޭ އިރު، މިއަދަދަކީ ދައްކަން އުނދަގޫ އަދަދަކަށް ނުވާނެ. މިހާރު ފްލެޓްތައް މާކެޓްގައި ވިއްކާ އަގަށް ބެލި ނަމަވެސް. ދެން ފައިސާ ދެއްކޭނެގޮތް ހެދުމަށް ބޭންކް ތަކުގެ އިތުރުން ޕެންޝަން ފަންޑާ ވެސް ދަނީ ވާހަކަ ދެކެވެމުން. އެއީ ޕެންޝަނާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ހައުސިން ލޯން ޕެންޝަން ފަންޑް މެދުވެރިކޮށްވެސް ނެގޭ ގޮތް މިހާރު ފަހިވެފައި އޮތަތީވެ،" އަލީ ވިދާޅުވި އެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގަ އާއި ގާކޮށީގައި އެޅި ފްލެޓްތަކަށް ސަރުކާރުން އެއް ފަހަރާ 278 މިލިއަން ރުފިޔާ ދައްކަން ޖެހުމުން، ހައުސިން މިނިސްޓްރީން ކުރިން އެންގީ އެ ފްލެޓްތައް ދޭނީ ފަސް އަހަރުގެ ތެރޭގައި ފްލެޓްގެ އަގު ކަމަށްވާ ދެ މިލިއަން ރުފިޔާ ދެއްކޭނެ މީހުންނަށް ކަމަށެވެ. އެއީ މަހަކު 33،000ރ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރި އެވެ.

ފްލެޓްތަކުގެ ކުލި ދެ މިލިއަނަށްވުރެ ބޮޑު ނުކުރާނަމަ، އެ ފައިސާ ވިހި އަހަރަށް އަހަރަށް ބަހާލުމުން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 15،000-7،000 ރުފިޔާއާ ދެމެދުގެ އަދަދެއްކަމަށް ލަފާކުރެވެ އެވެ.

ޓާޓާ ހައުސިން ފްލެޓްތަކުގެ މަޝްރޫއަކީ ހައުސިން މިނިސްޓްރީން މެނޭޖްކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއު ނިމުމުން ހައުސިން މިނިސްޓްރީން އެޗްޑީސީއާ ހަވާލުކުރީ ފްލެޓް ތަކާ ގުޅޭ ސޭލްސް މަސައްކަތްތައް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ހަމަޖެއްސުމަށެވެ.