ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވެން ނެތް ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ ޕާޓީ މަޝްވަރާތަކުގައި ޕާޓީތަކުން ބައިވެރިވާނެ ބޭފުޅުން ޕާޓީތަކުގެ ކައުންސިލުން ފާސް ކުރުމަށްފަހު އަންގަވައި ދެއްވުމަށް އެދި ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވި ސިޓީއާ ގުޅިގެން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެ ސިޓީއެއްގައި އެންމެ ފަހުން ބޭއްވި ކައުންސިލްގެ ޖަލްސާއިން ކައުންސިލްގެ ބައެއް މެންބަރުން އިހްތިޖާޖްކޮށް ނުކުމެ ވަޑައިގެން ކޯރަމް ނަގާލައި ބައެއް މެންބަރުން ޕާޓީގެ ރައީސާ ދެކޮޅަށް ކޯޓްގައި ދައުވާއެއް ކޮށްފައިވާތީ ކައުންސިލްގެ ޖަލްސާއެއް މިވަގުތުން ބޭއްވެން ނެތް ކަމަށް ދަންނަވާފައިވާ ކަމަށެވެ.
އެ ސިޓީގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވާނީ މަޖިލިސް މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ފާރިސް މައުމޫން ކަމަށް ވެސް ދަންނަވާފައިވާ ކަމަށާއި އެކަން އެގޮތަށް ނިންމީ ޕާޓީ ހިންގުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތަކަށްވެފައި ޕާޓީގެ ރައީސަށް ލިބި ވަޑައިގަންނަވާ އިހްތިހާރުގެ ދަށުން ކަމަށް ވެސް ދަންނަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައީސް އިސްނަންގަވައި ރައްޔިތުންގެ ހެވާއި ލާބަޔަށާއި ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް އެ ޕާޓީއަކުން މަޝްވަރާތަކުގައި ބައިވެރިވާނޭ ބޭފުޅުންގެ ނަންތައް ޕާޓީގެ ކައުންސިލުން ނިންމައި ރައީސް އޮފީހަށް ފޮނުވަން އެދޭ ކަމަށެވެ.
ކައުންސިލް ނުބާއްވާ ޕީޕީއެމް މަންދޫބުން ކަނޑައަޅާފައިވާއިރު، މީގެ ކުރިން މަޝްވަރާތަކުގައި ބައިވެރިނުވެ، އޮތް ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އަދި އަދާލަތު ޕާޓީން ވަނީ މަޝްވަރާތަކުގައި ބައިވެރިވުމަށް ނިންމާފަ އެވެ. އޭގެއިތުރަށް ޖުމްހޫރީ ޕާޓީން ވެސް ވަނީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަން އިއުލާންކޮށްފަ އެވެ. ޖޭޕީން ބައިވެރިވެވަޑައިގަންނަވާނީ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒާއި މަޖިލިސް މެމްބަރު އަލީ ހުސައިނެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުން ހާމަކޮށްފައެއް ނުވެއެވެ.