ހަބަރު

ކަޅުއޮއްފުންމިއާއެކު ސިޓީ ޕާކް 10 ދުވަސްތެރޭ ހުޅުވާނީ

ސިޓީ ޕާކްގައި ހޯމް މިނިސްޓްރީން ތަރައްގީ ކުރަމުންދާ ހުޅުދާން ބަގީޗާގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަސް ތެރޭ މަސައްކަތް ނިމި ޕާކް ހުޅުވާލާނެ ކަމަށް ޑެޕިއުޓީ ހޯމް މިނިސްޓަރު މުހައްމަދު ސަލީމް (މާޒް) ވިދާޅުވެއްޖެ އެވެ.

ހުޅުދާން ބަގީޗާ ތަރައްގީކުރަނީ، މިނިވަން ފަންސާހާ ގުޅުވައިގެން އެ މިނިސްޓްރީން ބަން ނަމޫނާ ކަޅުއޮއްފުންމި އާންމުންނަށް ފެންނަ ގޮތަށް ރައްކާތެރިކޮށް ބާއްވާނެ ތަނަކާވެސް އެކު އެވެ.

ސަލީމް މިއަދު ވިދާޅުވީ، ސިޓީ ޕާކްގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ، ބަގީޗާގެ ބައެއް މަސައްކަތްތަކަށް ބޭނުންވާ ސާމާނު ޗައިނާއިން ގެންނަން ޖެހުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އެތަކެތި ލިބި މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ބަން ކަޅުއޮއްފުންމި އެ ޕާކުގައި ބާއްވާފައިވަނީ އާންމުންނަށް ދުރުގައި ތިބެގެން ބެލޭނެ ގޮތަށެވެ. ކަޅުއޮއްފުންމި ބަލަން ތިބޭނެ ޕްލެޓްފޯމެއް ވެސް އެ ޕާކުގައި މިހާރު ދަނީ ހަދަމުންނެވެ.

"ގާތްގަނޑަކަށް މުޅި މަސައްކަތް މިހާރު މިވަނީ ނިމިފަ، މަދު މަސައްކަތްތަކެއް ދެން ހުރީ ކުރިއަށް. ކަޅުއޮއްފުންމި ބަލާ ޕްލެޓްފޯމް ވެސް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރަނީ. އެހެންވީމަ ކުރިއަށް އޮތް ދިހަ ދުވަސް ތެރޭ މަސައްކަތްތައް އެއްކޮށް ނިމި ޕާކް ހުޅުވާލެވޭ ވަރު ވާނެ،" ސަލީމް ވިދާޅުވި އެވެ.

ކުރިން ރެސްޓޯރަންޓެއް ހިންގަމުން އައި ސިޓީ ޕާކުގައި ހުޅުދާން ބަގީޗާއެއް ހެދުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފެށީ، މިދިޔަ އަހަރު ފާހަގަކުރި މިނިވަން ފަންސާހަށް އެ މިނިސްޓްރީން ބަން ކަޅުއޮއްފުއްމި އާއި ސަލްޓަން ޕާކުގައި ހެދި ހުޅުދާން ބަގީޗާ އެހެން ތަނަކަށް ބަދަލުކުރަންޖެހުމާއި ގުޅިގެންނެވެ. އެއީ މީގެ ހަތަރުވަރަކަށް މަސް ކުރިންނެވެ.

ސަލްޓަން ޕާކުގައި ކުރިން ހުރި ހުޅުދާން ބަގީޗާ ސިޓީ ޕާކަށް ބަދަލުކޮށް އެތަން ހުޅުވުމަށް ހޯމް މިނިސްޓްރީން މަސައްކަތް ފަށާފައިވާއިރު، ކުޑަކުދިންނަސް ހާއްސަ ކަންތައްތަކަކާއެކު ސަލްޓަންޕާކު މިއަހަރުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.