ހަބަރު

ފާރިހާ ދަރިފުޅު މަރާލިކަން ސާބިތުކުރުމަށް އޭނާގެ މަންމަ ހެއްކަކަށް

ވިހެއުމަށްފަހު ދަރިފުޅު މަރާލިކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ ބ. ތުޅާދޫ ހުދުއަސުރުމާގޭ، ފާރިހާ އަބްދުއްރަހްމާންގެ މައްޗަށް ކުށް ސާބިތުކުރުމަށް އޭނާގެ މަންމަ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅައިފި އެވެ. ފާރިހާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ.

ވިހެއުމަށްފަހު ފާހަނާގެ ފެން ހިންދާ ވަޅު ތެރެއަށް ލާފައި އޮތްވާ ފެނުނު ކުއްޖާގެ މަންމަގެ މައްޗަށް އުފުލާފައިވަނީ، އިންސާނާގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައި ދޭ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެދާ ފަދަ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި، ދަރިން ބެލެއްހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާ ނުލާ ދޫކޮށްލުމުގެ ދައުވާ އެވެ.

ވިހެއުމަށްފަހު ދަރިފުޅު މަރާލި މައްސަލާގައި ފާރިހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ފާރިހާ ވިހޭއިރު އޭނާގެ އުމުރަކީ 18 އަހަރެވެ. ކައިވެނީގެ ބޭރުން ލިބުނު ދަރިފުޅު އޭނާ ވިހާފައިވަނީ ހަތް މަހުގަ އެވެ.

ވިހެއުމަށްފަހު ދަރިފުޅު އެއްލާލާފައިވަނިކޮށް ފެނިފައިވަނީ އެ ކުއްޖާގެ މާމައަށެވެ. ތުޅާދޫ ސިއްހީ މަރުކަޒަށް އެ ކުއްޖާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. މި މައްސަލާގެ ތަހުގީގަށް އެ ކުއްޖާ މާލެ ގެނެސްފައިވެ އެވެ. ކުއްޖާ ވަޅުލީ ވެސް މާލެގަ އެވެ.

މި މައްސަލާގެ އަޑުންއެހުންތައް ކުރިން ހުޅުވާލައިގެން ގެންދިޔަ ނަމަވެސް މިހާރު ވަނީ ދައުލަތުގެ އެދުމުގެ މަތިން ސިއްރުކޮށްފަ އެވެ. އެގޮތުން މިއަދު ކުރިއަށް ދިޔަ މި މައްސަލާގެ އަޑުއެހުން ވެސް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.

ދައުލަތުން ފާރިހާއާ ދެކޮޅަށް ޖުމްލަ 10 ހެއްކެއް ހުށަހަޅާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި ފާރިހާގެ މަންމަ އައިމިނަތު ހުސައިން ވެސް ހިމެނެ އެވެ. މަންމަގެ އިތުރަށް ފާރިހާގެ ބޮޑު ދައިތަގެ ނަން ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.

އެނގިފައިވާ ގޮތުގައި މިއަދު ވަނީ މި މައްސަލާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުހެއްގެ ހެކި ބަސް ނަގާފަ އެވެ.

ފާރިހާގެ ނަފްސާނީ މައްސަލައެއް ހުންނަކަން އޭނާގެ ފަރާތުން ހުށަހެޅި ރިޕޯޓަކުން ދައްކަ އެވެ. އެހެންކަމުން ދައުލަތުންނާއި ފާރިހާގެ ފަރާތުން ވަނީ ނަފްސާނީ ޑޮކްޓަރެއް ޝަރީއަތަށް ހާޒިރުކުރުމަށް އެދިފަ އެވެ.