ދުނިޔެ

އދ ގެ އާ ސެކެޓްރީ ޖެނަރަލަކަށް ޕޯޗުގަލްގެ ކުރީގެ ބޮޑުވަޒީރު

އދ.ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވާނެ ބޭފުޅަކީ، ޕޯޗުގަލްގެ ކުރީގެ ބޮޑު ވަޒީރު، އަދި އދ ގެ ރެފިއުޖީ އެޖެންސީގެ އިސްވެރިޔާކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އެންޓޯނިއޯ ގުޓްރޭޒް ކަމަށް ގާތްގަނޑަކަށް ޔަގީން ވެއްޖެ އެވެ. މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫންގެ ދައުރު މިއަހަރުގެ ނިޔަލަށް ހަމަވުމުން އެ މަގާމާ ހަވާލުވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ ރަސްމީ ވޯޓުލުން މާދަމާ އދ ގެ ސަލާމަތީ މަޖިލީހުގައި އޮންނާނެ އެވެ.

އުމުރުފުޅުން 66 އަހަރު ފުރިފައިވާ ގުއަޓްރެޒް އދ ގެ އާ ސެކެޓްރީ ޖެނެރަލަށް ހޮވޭނެ ކަމުގެ ޔަގީންކަން ދެމުން، ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅާފައިވާ މަންދޫބު، ވިޓަލީ ޗާކިން ވިދާޅުވީ ސެކްރެޓަރީ ޖެނެރަލަކަށް އައްޔަން ކުރުމަށް ރުހުން ދޭނެ ބޭފުޅުންގެ ނަންތައް ކަނޑައެޅުމަށް އދ ގެ ސަލާމަތީ މަޖިލީހުގައި މިއަދު ނެގި ސިއްރު ވޯޓުގައި، ގުޓްރޭޒް އެ މަގާމަށް އައްޔަން ކުރުމަށް އެ މަޖިލީހުގައި ހިމެނޭ 15 މެންބަރު ގައުމުގެ ތެރެއިން އެއްވެސް ގައުމަކުން ދެކޮޅު ހަދާފައި ނުވާ ކަމަށެވެ.

ޖުމްލަ 10 ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައިވާ އިރު، އެ މަގާމަށް ޝޯޓްލިސްޓް ކުރާނެ ނަންތައް ކަނޑައެޅުމަށް ސަލާމަތީ މަޖިލީހުގައި މިއަދު ނެގި ސިއްރު ވޯޓްގެ ނަތީޖާއިން ދައްކާ ގޮތުން، 13 ގައުމަކުން ވަނީ ގުޓްރޭޒް އަށް ރުހުން ދީފަ އެވެ. އަދި ގުޓްރޭޒް އެ މަގާމަށް ގެނައުމާ މެދު ވަކި ކޮޅަކަށް ވޯޓު ނުލާ ދެ ގައުމަކުން ތިއްބެވެ. އެ މަގާމަށް ކުރިމަތިލީ ނަންތަކުގެ ތެރެއިން އެ ނަމަކަށް އެންމެ ގިނަ ވޯޓުލިބިފައި ވަނީ، ގުޓްރޭޒް އަށެވެ.

"ގުޓްރޭޒް އަށް މެންބަރު ގައުމުތަކުގެ ފުރިހަމަ އަގުލަބިއްޔަތު އެބައޮތް. އޭނާ އަކީ ގައުމުތަކުގެ ފޭވަރިޓެއް،" އދ ގައި ހުންނަވާ ރަޝިޔާގެ އެމްބެސެޑަރު ވޯޓަށް ފަހު ނޫސްވެރިންނަށް ވިދާޅުވި އެވެ.

ފާއިތުވި ދެ ދައުރުގައި އދ. ގެ ސެކެޓްރީ ޖެނަރަލަށް ހުންނެވި ބަން ކީ މޫންގެ ދައުރު ހަމަވުމާއެކު ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ބޭފުޅަކު އިންތިހާބުކުރުމަށް ސަލާމަތީ ނަގާ ރަސްމީ ވޯޓު މާދަމާ ނަގާނެ އެވެ. އެއަށް ފަހު އޭނާގެ ނަން ރަސްމީ ކުރުމަށް، އދ ގެ އާންމު މަޖިލީހަށް ފޮނުވާނެ އެވެ. ގުޓްރޭޒް އަކީ ފާއިތުވި 10 އަހަރު ޔޫއެންގެ ރެފިއުޖީ އޭޖެންސީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ އެވެ.

ބަންކީ މޫން އދ ގެ ސެކްރެޓަރީ ޖެނެރަލް ކަމުން ވަކިވެވަޑައިގަންނަވަނީ 10 އަހަރަށް ފަހު އެވެ.