ދުނިޔެ

ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް މިސްރުން ކަނޑައަޅައިފި

ފަލަސްތީނުގެ މިނިވަންކަމަށް، އިޒްރޭލާ ދެކޮޅަށް ޖިހާދުކުރާ ހަމާސް ޖަމާއަތް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ މިސްރުގެ ވެރިރަށް ގާހިރާގެ ކޯޓަކުންނެވެ. މި ނިޔާ ކަނޑައެޅި ކޯޓަކީ ގާހިރާގެ ކުއްލި މައްސަލަތަކާ ބެހޭ ކޯޓެވެ.

މި މައްސަލައިގެ އިތުރު ތަފުސީލު މިސްރުން އާންމުކޮށްފައެއް ނުވެ އެވެ.

މިސްރުގެ ކޯޓަކުން ވަނީ މިދިޔަ މަހު ހަމާސްގެ ހަތިޔާރު އެޅި ގޮފި، އިއްޒައްދީން އަލް ގައްސާމް ބްރިގޭޑްސް ވެސް މަނާކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލްކޮށްފަ އެވެ.

ހަމާސްއާ ދެކޮޅަށް މިސްރުން މިފަހުން ނިންމުންތަކެއް ނިންމަމުންދާއިރު ހަމާސްއާ ގާތްގުޅުމެއް ބޭއްވި މިސްރުގެ މުސްލިމް ބްރަދަހުޑް ވެސް ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ހަދައި ސިޔާސީ މައިދާނުން ފައްސާލައިފަ އެވެ.

ހަމާސްއާ ދެކޮޅު ފިކުރު މިސްރު ސަރުކާރުގައި ގަދަވެފައި ވަނީ މުސްލިމް ބްރަދަހުޑްގެ ވެރިކަން ވައްޓާލެއްވި އަސްކަރީ ވެރިޔާ އަބްދުލް ފައްތާހު އަލް ސީސީ ވެރިކަމަށް ވަޑައިގެންނެވި ހިސާބުންނެވެ. އޭނާގެ ސަރުކާރުން ވަނީ ގާޒާ އަށް ހަމާސް އިން ކާބޯތަކެއްޗާއި އެހެނިހެން މުދާތައް އެތެރެކުރަމުން ގެންދިޔަ ބިންގަރާސް މަގުތަކާއި ބޯޑަރުގެ މަގުތައް ވެސް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

ހަމާސް އިން އާންމުކޮށް ބިންގަރާސް މަގުތައް ބޭނުންކުރަނީ އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ކާބޯތަކެއްޗާއި މުދާ އެތެރެކުރާނެ އެހެން މަގެއް ގާޒާ އާއި ބައިނަލްއަގުވާމީ މުޖުތަމައާ ދެމެދު ނެތީމަ އެވެ.

ކޮންމެއަކަސް މިސްރުން ހަމާސް ޖަމާއަތް ޓެރަރިސްޓް ޖަމާއަތަކަށް ހަދާފައިވާއިރު އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެކެވެ.