ރާއްޖެ ކުޅިވަރު

މަޖިލިސް މެމްބަރުންގެ ތެރެއިން އެފްއޭއެމުން ފުރުސަތު އޮތީ ކުރީގެ ތިން ރައީސުންނަށް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ފަހަކަށް އައިސް ކޮށްފައިވަނީ މުޅީން ވެސް މަޖިލިސް މެމްބަރުންނެވެ. އެންމެ ފުރަތަމަ މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަދި ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަލީ އާޒިމް އެވެ. އެއަށްފަހު އދ. ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ. އޭގެ ފަހުން މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އެވެ. މީގެ ތެރެއިން އާޒިމް މަޖިލިސް މެމްބަރަވީ އެފްއޭއެމުގެ ރައީސްކަމުގައި ހުންނަވައިގެންނެވެ.

ކޯޅުން ބޮޑު ދުވަސްތަކަކަށްފަހު އެކްސްކޯއުވި، އާއާއިންތިހާބަށް މިއަދު ފުރުސަތު ހުޅުވާލިއިރު މިހާރު ވެސް މަޖިލިސް މެމްބަރުންގެ ތެރެއިން ދެ ބޭފުޅަކު ވަނީ އެފްއޭއެމުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުއްލަތީފެވެ. މީގެ ތެރެއިން ލަތީފް މިހާތަނަށްވަނީ ގިނަ ވައުދުތަކެއް ވެސްވެވަޑައިގެންފަ އެވެ. ނަމަވެސް މި ދެ ބޭފުޅުންނަށް ވެސް ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސްކަން ކުރެއްވުމުގެ ފުރުސަތެއްނެތެވެ.

އެފްއޭއެމުގެ އަސާސީ ގަވާއިދު ބުނާގޮތުން އެއިދާރާގެ ރައީސްކަމަށް ނުވަތަ އިންތިހާބުކުރެވޭ ފަރާތަކަށްވާންވާނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރެއިން ދެ އަހަރު ފުޓްބޯޅައިގެ ދާއިރާގައި ހިންގުމުގެ މަގާމެއް ނުވަތަ ހަރަކާތްތަކުގައި މެދުނުކެނޑި އަމަލީގޮތުން ދެ އަހަރު ހަރަކާތްތެރިވެފައިވާ ބޭފުޅަކަށެވެ.

މި މާއްދާގެ ދަށުން ލަތީފާއި ރިޔާޒަށް ފުރުސަތުނެތީ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 77 މެމްބަރުންގެ ތެރެއިން ފުރުސަތު އޮތީ ކުރީގެ ތިން ރައީސުން ކަމަށްވާ ޓޮމް އާއި އިލްހާމް އަދި އާޒިމަށް އެކަންޏެވެ. މި ތިން ބޭފުޅުން ނޫނީ ފުޓްބޯޅައިގައި ޝައްކެތްނެތްމިންވަރަށް އަމަލީގޮތުން އުޅުއްވާފާއިވާ ބޭފުޅަކުނެތެވެ. އެފްއޭއެމުގެ ކުރީގެ އެކްސްކޯގައި ހިމެނިވަޑައިގަތަސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އީގަލްސްގެ ޗެއާމަން ކަމަށް ވަޑައިގަތީ މީގެ އަށް މަސްކުރިންނެވެ. އެފްއޭއެމުގެ ކޮންމެ އިންތިހާބެއްގައި ވެސް މަޖިލިސް މެމްބަރުން މުހިންމު އަދި ނުފޫޒުގަދަ ދައުރެއް އަދާކުރައްވަ އެވެ. ނަމަވެސް މިފަހަރު "ވޯޓު"ދެއްވާނީ ކޮންގޮތަކަށް ހެއްޔެވެ؟