ރާއްޖެ ކުޅިވަރު

އެމްބީއޭގެ އިންތިހާބު މިމަހު 20 ގައި، ކުރިމަތިލާން އަލުން ހުޅުވާލައިފި

ދައުރު ހަމަވީއިރުވެސް އިންތިހާބު ނުބޭއްވިފައިވާ ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބު މިމަހު 20 ގައި ބާއްވަން އިއުލާންކޮށް، ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އެ އިންތިހާބުގެ މައްސަލަތަކެއް ފެންމަތިވެ، އިންތިހާބު ފަސް ކުރީ، ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގުޅިގެން އިންތިހާބު ބޭއްވުމަށް ނެގި ކޮމިޓީއިން، އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަންތައް ފައިނަލްކޮށް މިދިޔަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު އިންތިހާބު ބާއްވަން އިއުލާންކޮށްފައި ވަނިކޮށެވެ.

އިންތިހާބު ފަސްކުރީ، ހޯމް މިނިސްޓްރީ އިން ބުނި ގޮތުގައި، އިންތިހާބުގެ ގަވައިދާ ހިލާފަށް އަމަލު ކުރަމުންދާކަމަށް ބުނެ ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެންނެވެ. އޭރު ބޭއްވަން އުޅުނު އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އެމްއާރްޑީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓާ އަހްމަދު މަމްދޫހް (މަންޑޭ) އެވެ. އެމްބީއޭގެ ދައުރު ހަމަވެފައިވަނީ މި އަހަރު ޖުލައި މަހު 15 ވަނަ ދުވަހުއެވެ.

އެ އިންތިހާބަށް އަލުން ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެމްބީއޭގެ އެކްސްކޯގެ ޖުމްލަ ނުވަ މަގާމަކަށް ކުރިމަތިލުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެމްބީއޭގެ އެކްސްކޯއަށް އިންތިހާބު ކުރާ މަގާމުތައް:

  • ރައީސް
  • ނައިބު ރައީސް
  • ހަޒާންދާރު
  • ފުރިހަމަ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ 5 މެންބަރުން
  • އަމިއްލަ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ 1 މެންބަރު

މި މަގާމުތަކަށް ކުރިމަތިލާން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މިއަންނަ އަންގާރަ ދުވަހެވެ. ފޯމް ކޮންމެ ރަސްމީ ދުވަހެއްގައި ހެނދުނު 8:30 ން 1:30 ހޯމް މިނިސްޓްރީއިން ފޯމް ލިބޭނެ އެވެ.