- ބޮޑެތި ބޭކަރީތަކުން އަގަށް ބަދަލެއް ނުގެނެ
- އާދައިގެ ހޮޓާތަކުގެ އަގުތަކަށް ބަދަލު އައި
- ޕާން އަގު ބޮޑުވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް
ކާޑުގެ ބާވަތްތަކުން ލިބެމުން ދިޔަ ސަބްސިޑީ ސަރުކާރުން މިވަނީ ކަނޑާލާފަ އެވެ. ބޭނުމަކީ ސަބްސިޑީ އެންމެ ބޭނުންވާ މީހުންނަށް ދިނުމެވެ. މިއާއެކު ސިޔާސީ ޕާޓީތައް މިވަނީ އުތުރި އަރައިގެންފަ އެވެ. ސިޔާސީ ވަރުގަދަ ހަމަލާތައް ފޮނުވާލާފަ އެވެ. މިއާއެކު ދެން އިވެން ފެށީ ބޭކަރީތަކުގައި ވިއްކާ ޕާނުން ފެށިގެން، ކެފޭ/ ރެސްޓޯރެންޓުތަކުގެ މެނޫތަކާއި ހެދިކާގެ އަގުތައް މިހެން ގޭގެ ކުލިތައް ވެސް އުފުލިގެން ދިޔަ ވާހަކަ އެވެ. ހަގީގަތަކީ ސިޔާސީ މީހުން އަބަދުވެސް ވާހަކަ ދައްކާނީ ކަން އޮންނަ ވަރަށް ވުރެ ބޮޑުކޮށްގެންނެވެ.
މީގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ ބާޒާރުގެ އަގުތަކަށް މިވަރުގެ ބޮޑު ބަދަލެއް އައި ހެއްޔެވެ؟ އަދި އަންނާނެ ހެއްޔެވެ؟
"އަޑުގަދަ މި ވާހަކަ" ތަކުގެ ހަގީގަތް ބެލުމަށް "އަވަސް" އިން މާލޭގައި ޕޭސްޓްރީ އާއި ޕާން ފިހާ ބޮޑެތި ހުރިހާ ބޭކަރީތަކުގެ އަގުތައް ބަލައިފީމެވެ. މިގޮތުން ބެލި ބޭކަރީތަކުގެ ތެރޭގައި "އެލްސިއޯން ބޭކަރީ" އާއި "އެންޒީ" އަދި "ސިޓީ ބޭކަރީ" ގެ އަގުތައް ހިމެނެ އެވެ. އަދި ރެސްޓޯރެންޓް މެނޫތަކުގެ އަގުތައް ބޮޑުކޮށްފިކަމަށް އަޑު ފެތުރެމުންދާތީ، "ފުޑް ބޭންކް" އާއި "ލެމަގް ގްރާސްގެ، ސިޓްރޮން" އަދި "ސަލްސާ ރޯޔަލް" ގެ އިތުރުން "އޮކްސިޖަން" އާއި "ޗީބޯ" ގެ އަގުތައް ވެސް ބަލައިލީމެވެ. އަދި ކާނިވަލުގެ ބައެއް ކަނޑަތަކުގެ އަގުތަކަށް އައި ބަދަލުވެސް ބަލައިފީމެވެ. މިކަމުގެ ފެނުނު ހަގީތައް ތިރީގައި އެވަނީ އެވެ.
ޕާން ފިހަނީ ސަބްސިޑީ ދޭ ފުށަކުން ނޫން!
ބޭކަރީ ތަކުން ވިއްކާ، ކެއުމުގެ ބާވަތްތަކުގެ ތެރޭގައި އެންމެ މަގުބޫލު އެއް ބާވަތަކީ ޕާނެވެ. ރާއްޖޭގައި ޕާން އުފައްދައި ބޮޑެތި ބޭކަރީތަކުން ބުނީ ޕާން ފިހުމަށް ބޭނުންކުރަނީ އެސްޓީއޯއިން ވިއްކާ ސަބްސިޑީ ދީފައި ހުންނަ އެންމެ އާދައިގެ ފުށް ނޫން ކަމަށެވެ. ނަމަވެސް ބައެއް ބޭކަރީތަކުން ސަބްސިޑީ ފުށާއި، ޕާން ފިހާ ފުށް އެއްކޮށްގެން ވެސް ބޭނުންކުރެ އެވެ.
ބޭކަރީގެ ވިޔަފާރީގައި ރާއްޖޭގައި އެންމެ ފުޅާކޮށް ކުރަމުން ގެންދާ ސިޓީ ބޭކަރީގެ ވެރިޔާ އަލީ ފަހީމް "އަވަސް" އަށް ވިދާޅުވީ އެބޭކަރީ އިން ޒަމާނުއްސުރެ ވެސް ޕާން ފިހަނީ ބޭރުން އެކަމަށް ހާއްސަ ފުށް ސީދާ ޔޫރަޕުން އިމްޕޯޓްކޮށްގެން ކަމަށެވެ. އަދި ސަބްސިޑީއަށް އައި ބަދަލުގެ ސަބަބުން، އެތަނުގައި ވިއްކާ އެއްވެސް ޕޭސްޓްރީއެއް އުފެއްދުމުގެ އަގު ބޮޑު ނުވާތީ، އެތަނުން ވިއްކާ އެއްވެސް އެއްޗެއްގެ އަގު ބޮޑު ނުކުރާ ކަމަށް ފަހީމް ވިދާޅުވި އެވެ.
"ސަބްސިޑީ ކަނޑާލުމުން އެއްވެސް އެއްޗަކަށް ބަދަލެއް ނުގެންނަން. ސަބަބަކީ ގިނަ އެއްޗިހި ފިހަން ބޭނުންކުރާ އެއްޗިހި މި ގެންނަނީ ބޭރުން. އެހެންވެ މީގައި އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކަކަށް ބަދަލެއް ނާންނާނެ،" ފަހީމް ވިދާޅުވި އެވެ.
އެލްސިއޯން ބޭކަރީން "އަވަސް" އަށް ވާހަކަ ދެއްކި އިސް އޮފިޝަލަކު ވެސް ވަނީ އެތަނުން ވިއްކާ އެއްޗަކަށް މިހާތަނަށް ބަދަލު ގެނެސްފައި ނެތްކަން ޔަގީންކޮށްދީފަ އެވެ. އެތަނުން ވެސް ބުނީ ސަބްސިޑީގެ ސަބަބުން އެތަނުން އުފައްދާ ތަކެތީގެ އަގަށް ބަދަލު އަންނަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެނެ އެވެ.
"އެލްސިއޯންގެ އެއްވެސް އެއްޗެއްގެ އަގަށް މިހާތަނަށް ބަދަލެއް ނުގެންނަން،" އޮފިޝަލް ވިދާޅުވި އެވެ.
"އެންޒީ"ގެ ނަމުގައި ޕާނާއި ޕޭސްޓްރީ އުފައްދަމުން ގެންދާ އެންސިސް ކުންފުނީގެ ސީނިޔަ މެނޭޖަރު ކޯޕަރޭޓް އެފެއާޒް އެންޑް އެޑްމިނިސްޓްރޭޝަން އިބްރާހިމް މަސްހޫދު ވިދާޅުވީ، އެންޒީ ބްރޭންޑުގެ އެއްވެސް އެއްޗެއްގެ އަގު ބޮޑު ކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ބުނީ ސަބްސިޑީއަށް އައި ބަދަލުން ތަކެތި އަގު ބޮޑުވާ ކަމަށް ބުނެ ވާހަކަތައް އުޅޭތީ އެތަނުން އެއްޗިހީގެ އަގު ބޮޑު ނުކުރާކަން މިހާރު ވާނީ ދުރާލާ ކަސްޓަމަރުންނަށް ވެސް އަންގައިފަ އެވެ.
"އަޅުގަނޑުމެން އަގަށް ބަދަލު ނުގެންނަން. ފޭސްބުކްގައި ޕޯސްޓެއް ވެސް އިންނާނެ. މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެ،" މަސްހޫދު ވިދާޅުވި އެވެ.
ހޮޓާ، ރެސްޓޯރަންޓްގެ އަގަށް ކޮން ބަދަލެއް؟
އަގު ބޮޑު، ވިއަސް ހޮޓާ/ ރެސްޓޯރެންޓް/ ކެފޭތަކުން ދިވެހިން ފިލައިގެން ދާތަނެއް ނުފެނެ އެވެ. މިއީ އަހަރެމެންގެ "ލައިފް ސްޓައިލް" އެވެ. ކެއުމުގެ ބާވަތްތައް ވިއްކާ ތަންތަނުގެ ވިޔަފާރި އެހާ ރަނގަޅަކީ ވެސް އެހެންވެ އެވެ. މާލޭގެ ބޮޑެތު ކެފޭތަކުގެ ވެރިން ބުނަނީ ސަބްސިޑީއަށް ގެނައި ބަދަލުގެ ސަބަބުން ވިޔަފާރިއަށް އެއްވެސް އަސަރެއް ނާންނަ ކަމަށެވެ. ހަމަ ދަނީ އެހާ ވެސް ބާރު ބޮޑުކޮށެވެ.
ކާޑުގެ ސަބްސިޑީ ކަނޑާލުމުން ކެއިންބުއިމުގެ ހިދުމަތްދޭ ބައެއް ތަންތަނުގެ އަގުތަކަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވެ އެވެ. އެއީ ކުދި ހޮޓާތައް ފަދަ ތަންތަނުންނެވެ. މިގޮތުން ރޮށި ފަދަ ތަކެތިން ރުފިޔާ އެއް ވަރު މަތިކޮށްފައިވެ އެވެ. އަދި ހެދިކާގެ އަގުތަކަށް ވެސް ބަދަލު ގެނައީ އާދައިގެ ކުދި ހޮޓާތަކުންނެވެ. ނަމަވެސް ބޮޑެތި ރެސްޓޯރެންޓް ތަކުން އަދި މިހާތަނަށް އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.
ކާޑު ސަބްސިޑީގެ އަގުތަކަށް އައި ބަދަލު:
- ހަނޑޫ ކުރީގެ އަގު 3.98ރ: މިހާރުގެ 7.96ރ.
- ހަކުރު ކުރީގެ އަގު 4ރ: މިހާރުގެ އަގު 8ރ.
- ފުށް ކުރީގެ އަގު 2.96: މިހާރު 5.96ރ.
މި ބާވަތްތަކުގެ ތެރެއިން ފުށާއި، ހަކުރަކީ އާއްމުކޮށް ހޮޓާ/ ކެފޭ/ ރެސްޓޯރެންޓްތަކުގައި ބޭނުންކުރާ ބާވަތްތަކެވެ. ނަމަވެސް ރެސްޓޯރެންޓްތަކުގައި ސަބްސިޑީ ހަނޑޫ ބޭނުން ކުރާލެ އެހާ ގިނައެއް ނޫނެވެ. މިގޮތުން އާންމު ގޮތެއްގައި ރެސްޓޯރެންޓްތަކުގައި ބޭނުންކުރަނީ "ތައިލެންޑް މޮޅު ހަނޑު" ލެވެ.
ޒުވާނުންގެ މެދުގައި މަގުބޫލު، އޮކްސިޖަން/ކެފޭ ރެސްޓޯރެންޓް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް "އަވަސް" އަށް ވިދާޅުވީ ސަބްސިޑީއާ ގުޅިގެން އެ ރެސްޓޯރެންޓުގެ އަގުތަކަށް ބަދަލު ނުގެންނަ ކަމަށެވެ. ސަބަބަކަށް އޭނާ ވިދާޅުވީ، އެ ކެފޭފައި ތަކެތި ތައްޔާރު ކުރަން ބޭނުން ކުރަނީ، ސަބްސިޑީ ލިބޭ ކާޑުގެ ބާވަތްތަކަށް ނުވުމެވެ.
"ހިއެއްނުވޭ ބަދަލު ކުރަން ޖެހޭނެ ހެނެއް. އެއްވެސް ބަދަލެއް އަދި ނުގެންނަން. އެކަމަކު ޕޭސްޓްރީ ފަދަ ތަކެތި އުފައްދާ ތަންތަނުން ބަދަލު ގެނެސްފިނަމަ ޖެހޭނީ ބަދަލު ކުރަން،" ފަޒީލް ވިދާޅުވި އެވެ. އެކަމަކު މާލޭގައި ޕޭސްޓްރީ އުފައްދާ ބޮޑެތި ތަންތަނުން އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.
"ލެމަން ގްރާސް" އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އެ ރެސްޓޯރެންޓްގެ އެއްވެސް އެއްޗަކަށް އަދި މިހާތަނަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށެވެ.
ޕާޓީތަކަށް ކެއުމުގެ ބާވަތްތައް ފޮނުވުމުގައި މަޝްހޫރު ސަލްސާ ރެސްޓޯރެންޓްގެ ވެރިޔާ އިބްރާހިމް އާމިރު ވިދާޅުވީ، ސަބްސިޑީގެ ބަދަލުގެ ސަބަބުން އަގު ބޮޑުވާ ނަމަވެސް ބޮޑުވާނީ، ޑިސްއަކުން 8ލ. އާއި 9ލ. އަދަދެއް ކަމަށެވެ. މެނޫތަކުގެ އަގުތައް ހުންނަ ގޮތަށް ބަލާ އިރު އެވަރުގެ ބަދަލެއް އައިސްގެން އެނގުން ވާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ ގިނަ ރެސްޓޯރަންޓް އޯނަރުންގެ ވެސް ވާހަކަ ހުރި ގޮތެވެ.
"ރެމިޓެންސް ޓެކްސް އާއި ކަރަންޓުގެ ސަބްސިޑީ ކުޑަ ކުރުން އަދި ކާޑުގެ ސަބްސިޑީ ކަނޑާލުން އެކުވުން އަގުތަކަށް ބަދަލު އައުން ގާތް. މައްސަލައަކީ ހުރިހާކަމެއް އެއްވުން. މި ހުރިހާކަމެއް އެއްކުރާނަމަ ރުފިޔާއެއް ވަރު ބޮޑު ވެދާނެ. ވަކިން ބަލާނަމަ ގާތްގަނޑަކަށް ޑިސްއަކުން 8ލ. އާއި 9ލ. ވަރު ބޮޑު ވިޔަސް ވާނީ،" އާމިރު ވިދާޅުވި އެވެ.
އެހެން ރެސްޓޯރެންޓެއް ކަމަށްވާ ފުޑް ބޭންކުގެ ވެރިޔާ މުހައްމަދު ޝަރީފު "އަަވަސް" އަށް ވިދާޅުވީ މިވަގުތު އަގުތަކަށް ބަދަލު ގެނެސްފައިނުވާނެ ކަމަށެވެ.
"މީގައި ވާގޮތަކީ ހޮޓާތަކުން ހަދާހެން ހަމަ އަގު ބޮޑުވާއިރަށް އަޅުގަނޑުމެންނަށް ބަދަލެއް ނުގެނެވޭ. އަގަށް ބަދަލެއް އަދި އަޅުގަނޑުމެން ނުގެންނަން. އަގަށް ބަދަލު ގެނަޔަސް އަންނަ ވަރުވާނީ އަންނަ އަހަރު ފެށޭ ހިސާބު،" ޝަރީފު ވިދާޅުވި އެވެ.
ސަބްސިޑީގެ ކަނޑާލުމުން އަގު ބޮޑުވާނެ ކަމަށް ބައެއް ރެސްޓޯރެންޓްތަކުން ބުނިނަމަވެސް، ޗީބޯގެ އެއް ޑައިރެކްޓަރު ރަނޭ ވިދާޅުވީ އެ ރެސްޓޯރެންޓްގެ އެއް ވެސް ކެއުމެއްގެ އަގަށް ބަދަލު ގެނެސްފައި ނުވާ ކަމަށެވެ. އެ ރެސްޓޯރަންޓްގައި އެންމެ ހިނގާ އެއް ބާވަތަކީ ހަވީރު ސައިގެ ހެދިކާ އެވެ. އޭނާ ބުނީ އެތަނުން ވިއްކާ ހެދިކާގެ އަގަށް ބަދަލެއް ނުގެންނަ ކަމަށެވެ.
"އަޅުގަނޑުމެން ވިއްކާ އެއްވެސް އެއްޗެއްގެ، އަގަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް އަދި،" ރަނޭ ވިދާޅުވި އެވެ.
ސަބްސިޑީ ކަނޑާލުމާއެކު އަގު ބޮޑުވެ، ބާޒާރަށް ލޮޅުން އަރަމުންދާ ކަމަށްބުނެ، އަޑުތައް މިދަނީ ފެތުރެމުންނެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިންނާ ވާހަކަ ދައްކާލުމުން ހަގީގީ މަންޒަރު އޮތީ އެހެން ނޫން ކަން ސާފުވެ އެވެ. ސިޔާސީ އަޑުގަދަކޮށް ދައްކާ މަންޒަރާއި ހަގީގީ ބާޒާރުގެ ކުލަވަރު އަސްލުގައި ވެސް ތަފާތެވެ. ދެން އޮތީ އާންމު މީހެއްގެ ކެއިން ބުޔުމުގެ އަގަަށް އަންނާނެ ބަދަލެވެ.
ގެއެއްގެ ކެއިން ބުއިމުގެ ހަރަދަށް ކިހާވަރެއް؟
ބޯހިމެނުމުގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ގޭބިސީއެއްގައި އެވްރެޖްކޮށް އުޅެނީ ގާތްގަނޑަކަށް 6 މީހުންނެވެ. އެ އަދަދަށް މީހުން އުޅޭ ގޭބިސީއެއްގެ ކާޑުގެ ބާވަތްތަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނަ ވިޔަސް މިހާރު ހަރަދު ވާނީ 1363.2 ރުފިޔާ އެވެ. އެއީ މީގެ ކުރިން އަގުތަކުން ބަލާއިރު ހަރަދުވާ ވަރަށް ވުރެ 653.1 ރުފިޔާ އިތުރު އަދަދެކެވެ. ސަބްސިޑީ ދެމުން އައި އިރު ހަ މީހަކު ދިރިއުޅޭ ގެއެއްގެ ކާޑުގެ ބާވަތްތަކަށް އެންމެ ގިނަވެގެން ވެސް ހަރަދު ވާނީ، 710.1 ރުފިޔާ އެވެ.
އާންމު ދިވެހިންގެ ދުވާލެއްގެ ހަރަދުތައް ހުންނަ ގޮތަށް ބަލާއިރު، ކޮފީ ބުޔުމާއި އެހެން ވެސް މަޖާ ކުރުމުގެ ކަންކަމަށް 500ރުފިޔާ އާއި 800 ރުފިޔާއާ ދެމެދުގެ އަދަދެއް އާންމުކޮށް ހަރަދު ކުރާނެ އެވެ.
ދެން ސުވާލަކީ އަސާސީ މުދަލުގެ ބާވަތްތައް ގަންނަން، ރާއްޖޭގައި، އެކަށީގެންވާ އާމްދަނީ ނުލިބެނީ އާބާދީގެ ކިހާ އަދަދެއްގެ މީހުންނަށް ހެއްޔެވެ؟ ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭ ގޮތުން ނެރޭ ރިޕޯޓްތަކަށް ބަލާއިރު އެ އަދަދު ނުލިބޭ ނިކަމެތިންނަކީ ރާއްޖޭގެ އާބާދީގެ 15 ޕަސެންޓެވެ. އެއީ އާބާދީގެ އަދަދަށް ބަލާ ނަމަ 50،000 އެއްހާ މީހުންނެވެ. އެ މީހުންނަށް ސަބްސިޑީ ދިނުމަށް ސަރުކާރުން އޮތީ ނިންމައިފަ އެވެ.
ޖެނެރަލް އާބާދީގެ އާމްދަނީ އާއި ދިރިއުޅުގެ ފެންވަރަށް ބަލާއިރު، އަދި ތަފާސްހިސާބުތަކަށް ބަލާ އިރުވެސް ކާޑުގެ ބާވަތްތަކުގެ އަގަށް އައި ބަދަލަކީ ބޮޑުވެގެން މީހުން "ބަޑަށް ޖެހޭ" ވަރުގެ ބަދަލެއް ކަމަކަށް ނުފެނެ އެވެ. ބަޑަށް ޖެހެނިއެއްޔޭ ގޮހޮރަށް އަތް ކޮތްޕަނިއްޔޭ ބުނެ ކާޑުގެ ބާވަތްތަކަށް ގެނައި ބަދަލަށް ފާޑު ކިޔުމުގެ އޮޔެވަރެއް ސޯޝަލް މީޑިއާގައި ފެތުރިފައި އޮތް އިރު، އެ މީހުންގެ ފޯނު ބިލަށް ކުރަނީ ކިހާވަރެއްގެ ހަރަދެއްތޯ އާއި އެ ހަރަދު ކޮށްފައި ފޮރުވަނީ ކިހާ ފައިސާއެއްތޯ ވިސްނާލުން ކިހިނެތް ވާނެ ހެއްޔެވެ؟ ދެން އޮތް އަނެއް ބަހުސަކީ އެއް ބައި ތަކެތީގެ އަގު ބޮޑުވުމުން މުޅި ބާޒާރުގެ އަގަަށް ބަދަލު އައުމެވެ.
އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ ރާއްޖޭގެ ބާޒާރުގެ އެތުރުން އޮންނަ ގޮތާއި ޑިމާންޑް އެންޑް ސަޕްލައިއަށް ބަލާއިރު، އާންމު ކާޑުގެ ބާވަތްތަކާއި ފިހާރަތަކުގައި ދެން ވިއްކާ ކާބޯތަކެއްޗާ ގުޅުން ކުޑަވުމެވެ. ސަބްސިޑީ ދެނީ އެސްޓީއޯ މެދުވެރިކޮށް އެތެރެ ކުރާ ކާޑުގެ ބާވަތްތަކަށް ވާއިރު، ދެން ހުރި އެކި ބާވަތްތަކުގެ ތަކެތި އެތެރެ ކުރަނީ އާންމު ވިޔަފާރިވެރިންނެވެ. ސަބްސިޑީ ކަޑާލައިގެން އާންމު ވިޔަފާރި ވެރިންގެ ނޫނީ ތަކެތި އިމްޕޯޓް ކުރާ މީހުންގެ ވިޔަފާރި ހިންގުމުގެ ހަރަދު ނޫނީ ކޮސްޓް އޮފް ސޭލްސްއަށް އެކަމުން އަންނާނެ ބަދަލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މާކެޓް އިކޮނޮމީއެއްގައި ވިއްކާ އެއްޗިހިގެ އަގު ބޮޑުވުން ބިނާ ވަނީ، ވިޔަފާރި ކުރުމަށް ހިނގާ ހަރަދާއި ޑިމާންޑް އަދި ސަޕްލައި އަށެވެ. އާދައިގެ ހަޑޫ، ހަކުރު ފުށް އެތެރެ ކުރަނީ ސަރުކާރުން މޮނޮޕޮލައިޒްކޮށްގެން ކަމަށްވާ އިރު ހަޑޫ ހަކުރު އަދި ފުށުގެ ސަޕްލައިއަށް ބަދަލެއް އައުމުގެ ފުރުސަތެއް ނެތެވެ.
އަނެއް ގޮތަށް ބަލާއިރު ގިނަ ކެފޭތަކުގެ އަގުތައް ބޮޑު ނުވާއިރު، މީހުންގެ ދިރިއުޅުގެ އަގުތަކަށް ސަބްސިޑީ ކަނޑާލައިގެން އަންނާނެ އިމްޕެކްޓެއް ވަރަށް ވެސް ކުޑަ އެވެ.
"ގޭގެ ކުލި ބޮޑުވެގެން ދާވަރުގެ އިމްޕެކްޓެއް ބާޒާރަށް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެއީ ކާޑުގެ އަގުތަކަށް މިއައި ބަދަލުން ދިރިއުޅުގެ އަގު ބޮޑުވެގެން ދާތަން އަސްލު ހިސާބު އަދަދަކުން ނުދައްކާ. އެހެން ވީމާ، އެހެން ހިދުމަތްތަކުގެ އަގު ބޮޑުވާކަށް ނުޖެހޭ،" އިގްތިސާދީ ދާއިރާގެ އެބޭފުޅާ ވިދާޅުވި އެވެ. މިސާލަކަށް އޭނާ ނެންގެވީ ކޮންމެ މުދަލެއްގެ އަގުގެ ފަސް ޕަސެންޓް ޖީއެސްޓީގެ ގޮތުގައި ނަގަން ފެށުމުން ވެސް ހިދުމަތާއި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔަތަން އޭރު ވެސް ބޮޑުވެގެން ނުދިޔުމެވެ.
"ޖީއެސްޓީ ނަގަން ފެށީމައި ކޮސްޓް އޮފް ސޭލްސް ވެސް ބޮޑުވި ދެއްތޯ އޭރުގައި. ފިހާރަތަކުން ސިސްޓަމް ވެސް ގަންނަން ޖެހުނު އޭރު. ސްޓޮކް ބެލެހެއްޓުން ވެސް ވިޔަފާރިތަކުން ހަރުދަނާ ކުރަން ޖެހުނު ދެއްތޯ؟ އޭރު ވަރަށް ބޮޑު ހަރަދުތަކެއް ހިނގި ވިޔަފާރިތަކުން އެ ކަންކަމަށް. އެކަމަކު އޭރު ވެސް އިންތިހާޔަށް އަގުތައް މަތިވި ތަނެއް ނުފެނުނުނު. އެހެން ވީމާ އަދި ކާޑުގެ ސަބްސިޑީ އިން މާކެޓް އިކޮނޮމީގައި އިމްޕެކްޓެއް ނިކުމެގެން ނުވާނެ،" އިގްތިސާދީ ދާއިރާގެ ބޭފުޅާ ވިދާޅުވި އެވެ.
އިއްޔެގެ މަޖިލީހުގައި ވެސް އެންމެ ގިނަ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވީ ކުއްލިއަކަށް ސަބްސިޑީއަށް ގެނައި ބަދަލެވެ. އިގްތިސާދީ ނަޒަރިއްޔާއަކުން ބަލާ ނަމަ އެޔަށް ވެސް ވަރަށް ޓެކްނިކަލް ވިސްނުމެއް އެބަ އޮތެވެ. އެގޮތް މުޅިން ރަނގަޅު ކަމަކަށް އަޅުގަނޑު ނިންމަނީއެއް ނޫނެވެ. އެކަމަކު ކާޑުގެ އަގަށް ގެންނަ ބަދަލު ކުރީބައިގައި އިއުލާންކުރި ނަމަ، ބާޒާރަށް ވަރަށް ބޮޑު ލޮޅުމެއް ކުރިމަތިވީހެވެ. އެއީ، ވިޔަފާރިވެރިންނަށް އޭގެން ނެގޭނެ ފައިދާ ބޮޑުވާނެތީ އެވެ. އެ މީހުން ހެޔޮ އަގުގައި ކާޑުގެ ބާވަތްތައް ގަނެ ފޮރުވަން ފެށުމެވެ. އޭގެ ސަބަބުން ސަޕްލައި އެކީ ހުސްވެ، މުޅި ބާޒާރު ކާޑަށް ޖެހޭނެ އެވެ. އެސްޓީއޯގައި އެ ވަރަކަށް ސްޓޯރޭޖް ފެސިލިޓީއެއް ނެތްކަން އެއީ ހަގީގަތެވެ. އެކަމަކު މިފަހަރު ބާޒާރުން އެ އިމްޕެކްޓް ފެނުނު ހެއްޔެވެ؟ އެކަމަކު އެ ބަދަލުގެ ވާހަކަ ދުރާލައި އިޝްތިހާރުކޮށް އެކަމަށް ހޭލެއްވި ނަމަ، ބާޒާރު ފެންނާނީ ފުޑިފައި އޮތްތަނެވެ.
ސަބްސިޑީ ކުޑަކުރުމާއި ކާޑުގެ އަގުގެ މައްސަލައިގައި ދައްކާ ސިޔާސީ ވާހަކަތަކަކީ ގިނަ ފަހަރަށް ރައްޔިތުން ޖަޒުބާރުގައި ޖައްސައި އުތުރި އަރުވައި ހަލަބޮލިކުރުމަށް ދައްކާ ވާހަކަތަކެވެ. މީގެ ކުރިން ރައީސް ނަޝީދުގެ ސަރުކާރުގައި ހަނާވަނީ މުޒާހަރާތަކަކީ ވެސް ހަމަ އެ ޒާތުގެ މުޒާހަރާ ތަކެކެވެ. އެކަހަލަ ކަންކަން ކޮންމެ ކުލަ އެއްގެ ސިޔާސީ ބަޔަކު ވެސް ކުރާނެ އެވެ. އަސްލު ޖީއެސްޓީގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގަށް ކިހާ ވަރެއްގެ ބޮޑުވުމެއް އަންނަކަން ހަނދާން ހުރި މީހަކު އެބަ ހުރި ހެއްޔެވެ؟