ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސައޫދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މިދަތުރުފުޅަކީ، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައުދާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށް ކުރަންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް، ބައިނަލްއަގްވާމީ މުހިންމު އެކިއެކި މައްސަލަތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެގޮތުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތައިލުމުގައި ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެ ގައުމުން ސާބިތުކަމާއެކު މަސައްކަތް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ރާއްޖެ އާއި ސައުދީ އިން އެއްބާރުލުން ދީގެން މަސައްކަތް ކުރަން މަޝްވަރާ ކުރެއްވި އެވެ.
މި ދަތުރުފުޅުގައި އެމަނިކުފާން ވަނީ ސައޫދީގެ ފޮރިން މިނިސްޓަރާވެސް ބައްދަލުކުރައްވައި ދެގައުމާ ގުޅޭ މަޝްވަރާތައް ކުރައްވާފަ އެވެ.
އެމަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު އަހުމަދު އާސިމާއި، އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުރުން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރު މުޙަންމަދު އާސިމާއި، މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހަންމަދު ސައީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑޮކްޓަރު މުހަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް، މުހަންމަދު ނަސީރާއި، ރާއްޖެއިން ސައޫދީ އަރަބިއްޔާ އަށް ކަނޑައަޅުއްވާފައިވާ ސަފީރު އަބްދުﷲ ހަމީދު ބައިވެރިވެވަޑައިގެންނެވި އެވެ.