ރާއްޖެ ކުޅިވަރު

ޗެމްޕިއަން އަފާއަށް ވުރެ ނަޝާގެ ދުވެލި ބާރުވެއްޖެ

މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އަދި ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލް ފަހަތަށް ޖައްސާލުމަށްފަހު މިހާރު ކުރިއަށްދާ 24 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންހެނުގެ 100 މީޓަރު ދުވުމުން އެއް ވަނަ ނަޝާ ނިޒާރު ހޯދައިފިއެވެ.

ކަސްޓަމް ރެކްރިއޭޝަން ކުލަބުން ވާދަ ކުރި ނަޝާ ރޭސް ނިންމީ 13.18 ސިކުންތުންނެވެ. އަފާއަށް ލިބުނީ ދެ ވަނަ އެވެ. 13.21 ސިކުންތުންނެވެ.

ތިން ވަނަ އަށް ދިޔައީ ކުލަބު ޒިފިއަސް އިން ވާދަ ކުރި މިރުފަތު އަހްމަދެވެ. 13.38 ސިކުންތުންނެވެ.

ނަޝާ ވަނީ މިދިޔަ މަހު ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓެވެ. އަދި އޭނާ ވަނީ އެގޭމްސްގައި 26.17 ސިކުންތުން ރޭސް ނިންމައި އޭނާ ވަނީ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 200 މީޓަރު ދުވުމުން ރެކޯޑް އާކޮށްފައެވެ. މީގެ ކުރިން އެ ރެކޯޑް އޮންނަނީ އަފާ އަތުގައެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ދިވެހި ސިފައިންގެ ކުލަބުން ވާދަ ކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ. އޭނާ ރޭސް ނިންމީ 11.00 ސިކުންތުންނެވެ. ދެ ވަނަ ހޯދީ ތިނަދޫ ޒުވާނުންގެ ޖަމްއިއްޔާއިން ވާދަ ކުރި ސަރީސް އަހްމަދެވެ. އޭނާ ރޭސް ނިންމީ 11.38 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔައީ ތިނަދޫ ޓީމުން ވާދަ ކުރި ދުވުންތެރިޔާ އަޒްނީމް އަހްމަދެވެ. އޭނާ ރޭސް ނިންމީ 11.45 ސިކުންތުންނެވެ.