ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ހުނަރުވެރިކަމުގެ ވާހަކަ އޭނާގެ އުމުރުން އެންމެ 16 އަހަރުގައިވެސް ދެކެވެން ފެށިއެވެ. އެއީ ދިވެހި ފުޓްބޯޅައިގައި ތަރިއަކަށް ވެދާނެ ކަމަށް ދިވެހި ފުޓްބޯޅައިގެ ޓެކްނިކަލް އެނަލިސްޓުންނާއި ރާއްޖެއާ ކުރިމަތިލި ބޭރުގެ ކޮންމެ ކޯޗަކުވެސް ހިސާބު ޖަހައި އަންދާޒާ ކުރިއެވެ. ކަންވީވެސް އެހެންނެވެ. އެހުރިހާ ހިސާބުތަކާއި އަންދާޒާތަކެއް ދިމާވެ އެންމެންގެ ލޯ ކުރިމައްޗަށް ފެންނަން އެބަ ހުއްޓެވެ. މިއަދު އަޝްފާގަކީ ދިވެހި ފުޓްބޯޅައިގެ އިތުރުން ދިވެހި ކުޅިވަރުގައިވެސް އެންމެ އަރާ ހުރި ނަމެވެ. އެކަމަކު މިއުޅެނީ އޭނާގެ ވާހަކަ ދައްކާކަށް ނޫނެވެ.
އަޝްފާގްގެ އުމުރުން ޅަ އިރު، އޭނާ އަށް އުންމީދު ކުރިހެން އެހެން ކުޅިވަރުތަކުގައިވެސް މެޑަލްތައް ޖަހައި، ގައުމަށް ރީތި ނަން ގެންނާނެ އެތައް އުންމީދީ އެތްލީޓުންތަކެއް ކުޅިވަރުން މިއަދު އެބަފެނެ އެވެ. ޖޫނިއާ އެތުލީޓުންގެ ތެރެއިން އެންމެ ހާއްސަ ނަމަކީ ނިމިގެން ދިޔަ 35 ވަނަ ގައުމީ ޓީޓީ މުބާރާތުގައި 13 އަހަރުގެ ގައުމީ ޗެމްޕިއަން މުއީނާ ބަލިކޮށް އެންމެން ސިއްސުވާލި، އުމުރުން 13 އަހަރުގެ ރަފާ ނާޒިމް އެވެ.
ރަފާ ޓީޓީ ކެރިއަރުގެ ފެށުން އަންނަނީވެސް އޭނާގެ ބައްޕަ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއާ ހަމައިންނެވެ. ނާޒިމު ވެސް ކުރިން ޓީޓީ ކުޅުއްވި އެވެ. ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އެ ބޭފުޅާ ވަނީ ވާދަކުރައްވާފަ އެވެ. އެހެންކަމުން ބައްޕަ އަކީ ރަފާގެ ފުރަތަމަ ކޯޗްވެސް މެއެވެ.
މައިންބައިންގެ ދައްކާ މިސާލަކީ ދަރިންނަށް އެކަން ވަރަށް ފަސޭހައިން ދަސްވާ ކަންކަމެވެ. އިސްކަންދަރު ސްކޫލްގައި ކިޔަވަމުންދާ ރަފާގެ ފެށުމަކީވެސް އެއީ އެވެ.
"ބައްޕަ އަކީ ކެރިއާގައި ވަރަށް މުހިންމު މީހެއް. އަޅުގަނޑުގެ އެންމެ ފުރަތަމަ ކޯޗަކީވެސް ބައްޕަ. ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ބައްޕަ މިކަމަށް ސަޕޯޓް ދެއްވާތީ،" އަވަސްއަށް ރަފާ ބުންޏެވެ.
ޓީޓީ އެސޯސިއޭޝަނުން ވެސް ބުނަނީ ރަފާގެ ކުރިއެރުމަކީ އޭނާގެ އާއިލާއިން ދޭ ބޮޑު ސަޕޯޓެވެ.
"ޕްރެކްޓިހަކަށް އަޔަސް ރަފާގެ މަންމަ ނޫނީ ބައްޕަ އަންނާނެ،" ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވި އެވެ.
ރަފާގެ މަންމަ ދީބާ މޫސާ ބުނީ ރަފާގެ ޓީޓީ ކެރިއަރަށް އާއިލާއިން ބޮޑު އިސްކަމެއް ދޭ ކަމަށެވެ. ދުވަހުން ދުވަހަށް ކަންކަން ރާވަނީ ވެސް އެކަމަށް ބުރޫ ނާރާ ގޮތަށް ވިސްނައިގެން ކަމަށް، ރަފާގެ މަންމަ، ދީބާ މޫސާ ބުންޏެވެ. ރަފާގެ އުންމީދާ ވެސް އެއްގޮތަށް އެ އާއިލާގެ އުންމީދަކީ ވެސް ރަފާ އޮލިމްޕިކްސް ގޭމްސްއަށް ކޮލިފައިވާ ވަރަށް މަސައްކަތް ކުރުމެވެ. އެ އުންމީދު ހާސިލް ކުރުމަށް ރަފާގެ އިތުރުން އާއިލާ ވެސް މި ވަނީ އޭނާޔާ އަތުގުޅާލައިގަ އެވެ.
"ފެމެލީގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ރަފާއާ މެދު. ރަފާ ދާން ބޭނުންވާ ހިސާބަށް ގެންދިއުމުގައި ފެމިލީއިން އެހީ ތެރި ވެދޭނެ،" ރަފާގެ މަންމަ ބުންޏެވެ. "އެއީ ރަފާގެ ވަރަށް ބޮޑު ހުވަފެނެއް އޮލިމްޕިކްސް އަށް ކޮލިފައިވުން،"
މިއީ މަންމައަކު ދަރިއަކާ މެދު ކުރާ އުންމީދެވެ. މަންމަގެ އުންމީދަކީ ދަރިފުޅާ މެދު އޮތް ބޮޑު ހިތްވަރެކެވެ. ރަފާގެ ލަނޑުދަނޑި ތައް ހާސިލު ކުރުމުގައި އޭނާގެ އާއިލާއިން ވާ ގުރުބާނީ އަކީ ކުޅިވަރު އާއިލާގެ ކޮންމެ ފަރުދަކަށް އޮތް މިސާލެކެވެ. އެ އާއިލާއިން އިސްނަގައިގެން ބޭރުގެ ކޯޗެއް މެދުވެރިކޮށް ރަފާގެ ޓްރެއިނިން ޕްރޮގްރާމްތައް މިހާރު ކުރިއަށް ގެންދެ އެވެ.
"ދޭތެރެ ދޭތެރެއިން އާއިލާގެ ހަރަދުގައި ބޭރުން ކޯޗުން ގެނެސް ރަފާގެ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދަން، ނިމިދިޔަ ގައުމީ މުބާރާތުގެ ކުރިންވެސް 10 ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ލަންކާގެ ކޯޗެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔައިން،" ރަފާގެ މަންމަ ބުންޏެވެ.
މިއީ ހަމައެކަނި އެ އާއިލާއިން ރަފާއަށް އެކަނި ކޮށްދޭ ކަމެއް ނޫނެވެ. މިއީ ކުޅިވަރަށް ލޯބިކުރާ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތްހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ. ރަފާވެސް ހުރީ އޭނާގެ މަންމަ އާއި ބައްޕަގެ އުންމީދު ގެ އިތުރުން ދިވެހި ގައުމަށް ރީތި ނަން ހޯދައިދިނުމުގައި މަތިވެރި އުންމީދުގައި ކުރިއަށް ދިއުމަށެވެ.
މިއަދު ރަފާ އަކީ ރާއްޖޭގެ ޓީޓީގެ ގައުމީ ޗެމްޕިއަންއެވެ. ވާދަވެރި ފައިނަލެއްގައި އޭނާ މި ޝަރަފުވެރި ކާމިޔާބު ހޯދީ ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު ބަލި ކުރުމަށްފަހު އެވެ. އެއީ ވޭތުވެދިޔަ 13 އަހަރުގެ ގައުމީ ޗެމްޕިއަނެވެ.
"ފައިނަލްގައި މުއިނާއާ ވާދަ ކުރަން ޖެހުމުންވެސް މޯޓިވޭޝަނެއް ލިބުނު، ބައެއް ސެޓް ގެއްލުނު ނަމަވެސް އެ މޯޓިވޭޝަންގެ ސަބަބުން ކުރި ލިބުނީ" ރަފާ ބުންޏެވެ.
ރަފާއަކީ ރާއްޖޭގެ ޓީޓީގައި އަދި ޖޫނިއާ ކުޅުންތެރިޔެކެވެ. ނަމަވެސް މުއިނާ ފަދަ ވަރުގަދަ ކުޅުންތެރިޔަކު ގައުމީ ފައިނަލްގައި ބަލިކުރެވުމަކީ ރަފާއަށް ކުރިއަށް ދިޔުމަށް ހުޅުވުނު ދޮރެކެވެ. އުމުރުން ކިތަންމެ، ހަގު ނަމަވެސް ހުނަރު ހުރިކަން ރަފާ މި ވަނީ މުޅި ގައުމަށް ސާބިތުކޮށްދީފަ އެވެ. ރަފާގެ ކާމިޔާބާއެކު ޓީޓީގެ ވާދަވެރިކަން ބޮޑުވީއެވެ. ހުނަރުގެ ގޮތުން ގިނަ ތަރިންތަކެއް ތިބިކަން ފާހަގަ ވެގެން ދިޔައީއެވެ.
ޓީޓީ އެސޯސިއޭޝަނުންވެސް ރަފާއާ މެދު އުންމީދުތަކެއް އެބަހުއްޓެވެ. ޓީޓީގައި ސަރަހައްދީ ފެންވަރުގައި ރާއްޖެއިން ލޯ މެޑަލް އަދި ރިހި މެޑަލްވެސް ހޯދައިފި އެވެ. އެ ކާމިޔާބުގައި ރަފާގެ ހިއްސާ އެބައޮތެވެ. އެއީ މިއަހަރު ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރިހި މެޑްލަ ގެނައި ޓީމުގެ މުހިންމު ކުޅުންތެރި އަކީ ވެސް ރަފާ އެވެ.
ޓީޓީގައި ސަރަހައްދީ ލެވަލްގައި ރާއްޖެ އަށް ނުލިބި އޮތީ ރަން މެޑްލް އެކަންޏެވެ. އެކަން ހާސިލު ކުރުމަށް ޓީޓީ އެސޯސިއޭޝްންގެ ޕްލޭންގައި އޮތީ ދުރު ރާސްތާ ރޭވުންތެރި ވިސްނުމެކެވެ. މިހާރު ތިބި ޖޫނިއާ ކުޅުންތެރިން ޓްރެއިންވެ ސީނިއާ ސްޓޭޖަށް އެޅުމުން ރަން މެޑަލް ރާއްޖެއަށްވެސް ހާސިލު ކުރެވޭނެ ކަމުގެ އުންމީދުވަރަށް ވެސް ބޮޑެވެ.
"އަޅުގަނޑުމެން ބޮޑު އިސްކަމެއް ދެން ޒުވާން ކުޅުންތެރިންނަށް. ބައެއް ކުދިންނަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދަން. އޭގެ ތެރެއިން އެއް ކުޅުންތެރިޔެއް ރަފާ އެއީ. އެކުޅުންތެރިން ސީނިއާ ވާއިރު އިރާދަ ކުރެއްވިއްޔާ މިކަން ހާސިލު ވެގެންދާނެ،" ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވިއެވެ.
ރަފާގެ ޓްރެއިނިން އާއި އޭނާގެ ކޮމިޓްމެންޓް ފެނި ޖަޕާން ކޮން މޭޖީ ޔުނިވަސިޓީއިން އޭނާގެ ޓްރެއިނިން ޕްރޮގްރާމަށް ފަންޑުކޮށް ދިނުމުގެ ޝައުވެރިކަން ފާޅުކޮށްފައިވާ ކަމަށް އަލީ ވިދާޅުވި އެވެ. ރަފާގެ ކޮމިޓްމެންޓާއި އޭނާ ސާބިތުކޮށްދެމުންދާ ނަތީޖާތަކުން ގިނަ ބައެއް އުންމީދުތައް އޭނާއާ ވަނީ ގުޅިފަ އެވެ. މާދަމާ ރާއްޖެ ހިނިތުންކޮށްދޭނެ އެތުލީޓަކަށް އޭނާ ވެގެން ދިއުމަކީ އެންމެންގެ އުންމީދެވެ.