ރާއްޖެ ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް: ވިކްޓްރީ ހަތަރު ވަނަ އަށް

ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔަ ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް 2-1 ނަތީޖާއަކުން ކުރި ހޯދައި ވިކްޓްރީ ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލައިފިއެވެ.

މެޗަށް ނިކުތް އިރު ހަ ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި ވިކްޓްރީ ހަތަރު ވަނަ އަށް ޖެހިލީ އިއްޔަ ކުޅުނު މެޗުން ހޯދި ތިން ޕޮއިންޓާއެކު ޖުމުލަ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މާޒިޔާއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

އަދި ކުރިން ހަތަރު ވަނަ އިގައި އޮތް ނިއުރޭޑިއަންޓް ވަނީ ފަސް ވަނަ އަށް ވެއްޓިފައެވެ. މިހާރު ތާވަލުގެ ހަ ވަނައިގައި އޮތީ ވެލެންސިއާއެވެ.

ގުރޫޕް ސްތޭޖް ނިމުމަށް ފަހު މުބާރަތުގެ ސެމީ ފައިނަލުން ޖާގަ ލިބެނީ ގަދަ ހަތަރު ޓީމަށެވެ. ސެމީފައިނަލް ޖާގަ ހޯދުމަށް މާޒިޔާ އާއި ވިކްޓްރީއާ އާއި ނިއު އަދި ވެލެންސިއާވެސް ފުރުސަތު އެބަ އޮތެވެ.

ހެންވޭރު ދަނޑުގައި އިއްޔަ ހަވީރު ކުޅުނު މެޗް ގައި ވިކްޓްރީގެ ފުރަތަމަ ލަނޑު ކާމިޔާބު ތިން ވަނަ މިނެޓް ގައި ކުރީ މުހައްމަދު ރިޝްވާން އެވެ. ދެ ވަނަ ލަނޑު 48 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މަޖުދާންއެވެ. ޔުނައިޓަޑް ވިކްޓރީގެ ހަމަ އެކަނި ލަނޑު 85 ވަނަ މިނެޓޤގައި ކާމިޔާބު ކުރީ ހުސައިން އިނާދު އަލީ އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ އެއް ވަނައިގައި އޮތް ޓީސީ އާއި ދެ ވަނައިގައި އޮތް އީގަލްސްއެވެ. ޓީސީ އެއް ވަނައިގައި އޮތީ އެއް ޕޮއިންޓްގެ ލީޑަކާއެކުއެވެ. މާދަމާ އީގަލްސް މޮޅުވެއް ޖެނަމަ އެޓީމަށް ތާވަލުގެ އެއް ވަނަ އަށް އެރޭނެއެވެ. ޓީސީ މޮޅުވެއް ޖެނަމަ އެޓީމަށް ހަތަރު ޕޮއިންޓަށް ލީޑް ފުޅާ ކުރެވޭނެއެވެ.