ހަބަރު

ކާޑު ސަބްސިޑީ ކުޑަކުރުމާ ދެކޮޅަށް 10 ރަށެއްގައި އަޑުއުފުލައިފި

ސަރުކާރުން ދެމުން ގެންދިޔަ ކާޑު ސަބްސިޑީ ކޮންޓްރޯލްކުރުމާ ގުޅިގެން ކާޑުގެ އަގު ބޮޑުވެފައި ވާތީ އެކަމާ ނުރުހުން ފާޅުކޮށް 10 ވަރަކަށް ރަށުގައި ބައެއް ރައްޔިތުން މިއަދު ނުކުމެ މިއަދު މުޒާހަރާކޮށްފި އެވެ.

މިއަދު ހަވީރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާޑު ސަބްސިޑީ އަލުން ދިނުމަށް ގޮވާލައި ވަނީ އަޑު އުފުލާފަ އެވެ. ކާޑުގެ އަގު ބޮޑުވުން ރައްޔިތުންނަށް ދަތިވާކަން ސަރުކާރަށް ހާމަކުރުމަށް ޝުއޫރު ލިޔެފައިވާ ބޯޑުތައް ވެސް މުޒާހަރާގައި ވަނީ ގެންގުޅެފަ އެވެ. އެ މުޒާހަރާތައް އިންތިޒާމް ކުރީ އެމްޑީޕީ އިސްވެ، އޮވެ އިދިކޮޅު އިއްތިހާދުގެ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކެވެ.

މުޒާހަރާކުރި ރަށްރަށުގެ ތެރޭގައި އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށި އާއި ގއ. ވިލިނގިލި ފަދަ ބޮޑެތި ރަށްތައް ހިމެނެ އެވެ. މީގެ އިތުރަށް ނ، ވެލިދޫ އާއި ފިޔޮރީ އާއި ބ. ތުޅާދޫ ފިޔޮރީ އަދި ދުވާފަރު ފަދަ ރަށްރަށް ވެސް ހިމެނެ އެވެ. މީގެ ިއތުރުން ވެސް ބައެއް ރަށްރަށުގައި ވެސް ބައެއް މީހުން ނިކުމެ ޝުއޫރުފާޅުކޮށްފަ އެވެ. އިދިކޮޅު އިއްތިހާދުން އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި 10 ވަރަކަށް ރަށުގައި މިއަދު ވަނީ މުޒާހަރާކޮށްފަ އެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 200 އެއްހާ ރަށް އޮވެ އެވެ.

މިކަމާ ނުރުހުން ފާޅުކުރަން ކާނިވާ ސަރަހައްދުގައި މިރޭ އެއްވުމެއް ބާއްވަން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.

ކާޑްގެ ސަބްސިޑީ ކޮންޓްރޯލް ކުރުމާ އެކު، 3.98 ރުފިޔާއަށް ވިއްކާ ހަޑޫ ކިލޯއެއް ދެން ވިއްކާނީ 7.96 ރުފިޔާއަށެވެ. އަދި ފުށް ކިލޯއެއްގެ އަގު، 5.96 ރުފިޔާ ބޮޑުވާނެ އެވެ. ކުރިން ވިއްކީ، 2.98 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއްގެ އަގު ވަނީ ހަތަރު ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި އެ އަދަަދަށް ކާޑުގެ ބާވަތްތައް ނުގަނެވޭ ފަރާތްތަކަށް ސަބްސިޑީގެ ފައިސާ ބޮލަކަށް 40 ރުފިޔާ އެންސްޕާ މެދުވެރިކޮށް ދިނުމަށް ވަނީ ނިންމައިފަ އެވެ.

ކާޑުގެ ބާވަތްތަކަށް މީގެ ކުރިން 70 ޕަސެންޓްގެ ސަބްސިޑީއެއް ދިން ނަމަވެސް ސަރުކާރުން ވަނީ ކާޑުގެ ބާވަތްތައް އިތުރު ކުރަން އެސްޓީއަށް ދޭ ސަބްސިޑީ 40 ޕަސެންޓަށް ކުޑަކޮށްފަ އެވެ.

މި މަހުން ފެށިގެން ސަރުކާރުން ނިންމާފައިވަނީ ކާޑުގެ ސަބްސިޑީ ދޭނީ އެންސްޕާ މެދުވެރިކޮށް، އެންސްޕާގައި ފަގީރުންގެ ގޮތުގައި ރަޖިސްޓާކޮށްފައިވާ ފަރާތްތަކަށެވެ. އެއީ ބޮލަކަށް މަހަކު 40 ރުފިޔާ އެވެ. ގޭބިސީއަކަށް 240 ރުފިޔާ އެވެ.

ސަރުކާރުން ބުނެފައިވަނީ ކާޑު ސަބްސިޑީ ކޮންޓްރޯލްކުރަން ނިންމީ، ބޭރު މާލީ އިދާރާތަކުން އެހީ ހޯދުމަށް އުނދަގޫވާތީ ކަމަށެވެ. ކާޑު ސަބްސިޑީއަށް ބޭނުންވާ ފަރާތަކަށް އެކަމަށް އެދުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފަ އެވެ. މިހާރު ވެސް ގިނަ އަދަދެއްގެ މީހުން ދަނީ އެ ސަބްސިޑީއަށް އެދުމަށް ފޯމު ނަގަމުންނެވެ.