ހަބަރު

ކާޑުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވައިފި

ސަރުކާރުން ދެމުން ގެންދިޔަ ކާޑުގެ ސަބްސިޑީ ކޮންޓްރޯލްކުރުމާ ގުޅިގެން ކާޑުގެ އަގު ބޮޑުވެފައިވާތީ، އެ އަގުތައް ތިރިކުރަން ދެން މުޒާހަރާ ކުރާނެ ކަމަށް ވައުދުވެ، އެ މައްސަލަގައިގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި އެއްވުން ނިންމާލައިފި އެވެ. އިދިކޮޅު ފަރާތްތަކުން ބުނީ އެ މައްސަލަގައި އަތޮޅުތަކުން މީހުން މާލެއަށް އެއްކޮށް މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށެވެ.

ކާޑުގެ ސަބްސިޑީ މިހާރު ދެމުން އަންނަނީ އެންސްޕާ ރަޖިސްޓާވެފައިވާ ފަގީރުންނަށް އެކަންޏެވެ.

ކާޑު ސަބްސިޑީ ކަނޑާލުމާ ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު އިއްތިހާދުން އިސްވެ އޮވެ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އިއްތިހާދުގެ ޝެޑޯ ކެބިނެޓްގެ ޔޫތް މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، ކާޑު ސަބްސިޑީ ކަނޑާލުމާ ގުޅިގެން ރައްޔިތުންނަށް ދަތިވެފައިވާ ކަމަށާއި މިކަމަށް ހައްލެއް ލިބިންދެން އިދިކޮޅު އިއްތިހާދުން މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންދާނެ ކަމަށެވެ.

"މި މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ ދިވެހި ރައްޔިތުން ނިކުންނަން ޖެހޭ، މިއީ ރައްޔިތުން ނިކުންނަންވީ ވަގުތު، މިއީ ކާޑުގެ އަގު ހެޔޮކުރުމަށް އަޅުގަނޑުމެން ފަށާ ފެށުން،" ޝިފާޒު ވިދާޅުވި އެވެ.

ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ހުއްދައަކާ ނުލައި މުޒާހަރާކުރެވޭނެ ތަނެއްގެ ގޮތުގައި ކާނިވާ ސަރަހައްދު ކަނޑައެޅި ފަހުން އެ ސަރަހައްދުގައި ބޭއްވި ފުރަތަަމަ އެއްވުމުގައި ޝިފާޒު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ ގެނެސް ކާޑުގެ މައްސަލައިގައި ބޮޑު މުޒާހަރާއެއް ކުރާނެކަމަށް ބުނެފަ އެވެ.

"ފުށް ގުދަން ވެސް ހަކުރު ގުދަން ވެސް އަދި ހަނޑޫ ގުދަން ވެސް ހުރީ މި ފުރަ މާލޭގައި، ތިޔަބޭފުޅުން ބޮޑެތި އޮޑި ދޯނިފަހަރު ހޯއްދަވައިގެން މާލެ ވަޑައިގަންނަވަންވީ، މިތަނަށް ވަޑައިގެން މިތަނުގައި ހުރި ކޮއްތު ހޯދުމަށް ތިޔަބޭފުޅުން މަސައްކަތްކުރަންވީ،" ޝިފާޒު ވިދާޅުވި އެވެ.

ރަށްރަށުން މީހުން ގެނެސް މާލޭގެ މަގުތައް ފުރާލައި ބޮޑު މުޒާހަރާއެއް ކުރާނެ ކަމަށް އިދިކޮޅު އިއްތިހާދުން މިރޭ އިއުލާންކޮށްފައިވީ ނަމަވެސް އެ މުޒާހަރާ ކުރާނެ ދުވަހަކާއި މުޒާހަރާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މިރޭ މާލޭގައި ކާޑު މައްސަލާގައި އެއްވުމެއް ބާއްވާފައިވާއިރު މިއަދު ހަވީރު 10 ރަށެއްގައި ވެސް ކާޑު ސަބްސިޑީ ކަނޑާލުމާ ގުޅިގެން ނުރުހުން ފާޅުކޮށް ހިނގާލާފައިވެ އެވެ.

ސަރުކާރުން ބުނެފައިވަނީ ކާޑު ސަބްސިޑީ ކޮންޓްރޯލްކުރަން ނިންމީ، ބޭރު މާލީ އިދާރާތަކުން އެހީ ހޯދުމަށް އުނދަގޫވާތީ ކަމަށެވެ. ކާޑު ސަބްސިޑީއަށް ބޭނުންވާ ފަރާތަކަށް އެކަމަށް އެދުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފަ އެވެ. މިހާރު ވެސް ގިނަ އަދަދެއްގެ މީހުން ދަނީ އެ ސަބްސިޑީއަށް އެދުމަށް ފޯމު ނަގަމުންނެވެ.