ހަބަރު

ބޭރު ފަރާތްތަކަށް މައުލޫމާތު ދިނުމުގައި ހުރަހެއް ނެތް: އެޗްއާރްސީއެމް

  • ގައިޑްލައިން މާނަކުރުމުގައި އެރި އޮޅުންތައް ވަނީ ފިލާފައި
  • ކޮމިޝަނުން މީގެ ކުރިން ގައިޑްލައިން މާނަކުރީ ގޯސްކޮށް
  • ބޭރަށް މައުލޫމާތު ހިއްސާ ކުރަނީ މިނިވަންކަމާ އެކު

ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ނެރެފައިވާ ގައިޑްލައިންއާ ގުޅިގެން ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިންނަކީ 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން އެ ކޮމިޝަނާ ދެކޮޅަށް ބެލި، ސުމޯޓޯ މައްސަލައެއްގައި ނެރުނު ގައިޑްލައިނެކެވެ. 

އެޗްއާރްސީއެމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ގައިޑްލައިނަކީ އެ ކޮމިޝަނުގެ މަސައްކަތްތަކަށް އޮތް ހުރަހެއް ކަމަށް ބުނެ މި ކޮމިޝަންގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭގޮތަށް ބައެއް ފަރާތްތަކުން މީޑިއާއާއި ތަފާތު އެކި ފޯރަމް ތަކުގައި ވާހަކަ ދައްކަމުންދިޔަ ނަމަވެސް އެކަމުގައި ހަގީގަތެއް ނެތް ކަމަށެވެ.

ކޮމިޝަނުން މިހެން ބުނީ، ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ދިނުމަށް އެޗްއާރްސީއެމް ނުކުޅެދިފައިވާ ކަމަށް ބުނެ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު ތޮލާލް އާއި ޖީހާން މަހްމޫދު އދގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ވެއްދި މައްސަލައަކާ ގުޅިގެންނެވެ.

އެޗްއާރްސީއެމްއިން މިރޭ ބުނި ގޮތުގައި، ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ގުޅިގެން، ކޮމިޝަނުގެ ބައެއް މަސައްކަތްތަކަށް ދަތިތަކެއް ދިމާވެފައިވަނީ އެއިރު އެ ގައިޑްލައިން ކޮމިޝަނަށް ވަކިގޮތަކަށް މާނަކުރެވި، އެ މާނަކުރުމުގެ ތަރަހައިގެ ތެރޭގައި ކޮމިޝަނުން މަސައްކަތް ކޮށްފައި ވާތީ ކަމަށެވެ.

އެހެން ނަމަވެސް، އެ ގައިޑްލައިނާ ގުޅޭ ގޮތުން ގާނޫނީ ލަފާ ހޯދައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު ކޮމިޝަނުން ބޭއްވި ބައްދަލު ވުމަކަށް ފަހު ނިންމާފައި ވަނީ، ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުންނާއި އެހެން ކަންކަމުގައި ތައްޔާރު ކުރާ ރިޕޯޓްތަކާއި ބޭރުގެ ފަރާތްތަކަށް ކޮމިޝަނުން ފޮނުވާ މައުލޫމާތުތައް އިތުރު ފަރާތްތަކާ ހިސާނުކޮށް ސީދާ އެފަދަ ފަރާތްތަކަށް ފޮނުވުމަށް ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.

"ސުޕްރީމްކޯޓުގެ ގައިޑްލައިން އެހެން އޮތުމަކުން މި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށާއި، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާ އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެތެރެއިން މި ކޮމިޝަނަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއި މިނިވަންކަމާއެކު ކުރިޔަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ނިންމުނެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

"އެ ބައްދަލުވުމަށްފަހު ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އދ އާއި އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި މައުލޫމާތުތައް ފޮނުވުމުގައި އިތުރު އެހެންފަރާތެއް ބައިވެރިކޮށް ނުވަތަ އެހެން ފަރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އޭގެކުރިން ކޮމިޝަނުން ކުރަމުންއައި މަސައްކަތްތައް ހުއްޓާލައި، އެއްވެސް އިދާރާއަކަށް ހުށަނާޅައި، ރިޕޯޓްތަކާއި މައުލޫމާތުތައް އދ އާއި އަދި އެހެނިހެން ފަރާތްތަކަށް ހުރަހެއްނެތި ފޮނުވަމުންދެ އެވެ،"

ސުޕްރީމް ކޯޓުގެ ގައިޑްލައިނުގައި ބަޔާން ކޮށްފައިވާ 11 ނުކުތާއަކީ އެ ގައިޑްލައިން ނެތް ނަމަވެސް އެ ކޮމިޝަނުން އަމަލުކުރަމުން ގެންދާ ގޮތް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

"މި ކޮމިޝަނުގެ މަސައްކަތްތައް ހިނގާގޮތް ބެލުމެއްނެތި، މި ކޮމިޝަނުގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ ޒިއްމާދާރުކަންކުޑަ އަމަލެއް ކަމުގައި ދެކެމެވެ." އެޗްއާރްސީއެމްއިން ބުންޏެވެ.

ކުރީގެ ދެ މެންބަރުން އދއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއާއި ބެހޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން، ޖުޑީޝަރީގެ މިނިވަންކަމާއި ސުޕްރީމް ކޯޓަށް ލިބެމުންދާ ބާރުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސުޕްރީމް ކޯޓުން އެޗްއާރުސީއެމްގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައި ވަނީ ރިޕޯޓަކީ ވަކިކޮޅަކަށް ޖެހިފައިވާ ރިޕޯޓެއް ކަމަށާއި އޭގެ ސަބަބުން ޖުޑީޝަރީގެ މިނިވަންކަމަށް އަސަރުކުރާކަމަށް ބުނެފަ އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކީ އެޗްއާރުސީއެމްގެ މަސައްކަތްތައް ހަނިކޮށް އެ އިދާރާގެ ގާނޫނީ ބާރުތައް ހަނިކުރުމަށް ކޮށްފައިވާ އަމުރެއް ކަމަށް ބުނެފައިވެ އެވެ. އަދި، މިހާރު ހުށަހަޅާފައިވާ މައްސަަލައަކީ އެޗްއާރުސީއެމް މިނިވަންކޮށް، މިނިވަންކަމާއެކީ މައުލޫމަތު ހިއްސާކޮށް އެއިދާރާގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުށަހަޅާފައިވާ މައްސަަލައެއް ކަމަށްވެސް ބުނެފައިވެ އެވެ.