ހަބަރު

އދ ގެ ނިންމުމާ އެކު ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެ: ވަކީލުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ސިޔާސީ އަދި މަދަނީ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ، ޔޫއެންއެޗްއާރުސީއަށް ހުށަހަޅާފައިވާ މައްސަލާގައި ރައީސް ނަޝީދާ އެއްކޮޅަށް މައްސަލަ ނިމިގެން ދިޔުން ވަރަށް ކައިރި ކަމަށް އެމަނިކުފާނު ގާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ވިދާޅުވީ، ނަޝީދާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އދ.ގެ ކޮމެޓީއަށް ވަކީލުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދައުވާކޮށް ޝަރީއަތް ހިންގީ އެންމެހައި އިޖުރާއަތްތަކާ ހިލާފަށް އެންމެ 19 ދުވަހުގެ ތެރޭގައި އަވަސް އަރުވާލައިގެން ކަމަށެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ވެސް ބަލައި ނުގަތް ހައިކޯޓްގެ ހުކުމް ވެސް ދަމަހައްޓާފައިވާކަން އެ މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ. ޝަރީއަތް ނިންމައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ހުކުުމް ކުރުމާ ގުޅިގެން އެމަނިކުފާނުގެ ސިޔާސީ ހައްގުތަށް ގާނޫނާ ގަވާއިދާ ހިލާފަށް ނިގުޅައިގެންފައިވާތީ އެކަން ހައްލުކޮށްދެއްވައި އެ ހައްގުތައް އަނބުރާ ހޯދައިދިނުމަށް އެދޭ ކަމަށެވެ.

އެ މައްސަލާގައި 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެއްވުމުގެ ހައްގުވެސް އަނބުރާ ހޯއްދަވައިދެއްވުމަށް ވަނީ އެދިފަ އެވެ.

ވަކީލުން ވިދާޅުވީ އެ މައްސަލަ ނަޝީދުގެ ފަރާތްޕުޅުން އދ އަށް ހުށަހެޅީ، މަދަނީ އަދި ސިޔާސީ ހައްގުތަކާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާގައި ރާއްޖެ ބައިވެރިވެ ތަސްދީގްކޮށްފައިވާތީ އާއި އެ މުއާހަދާގެ 25 އަދި 22 ވަނަ މާއްދާގައި އެއްވެސް ހުރަހެއް ނެތި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ މިނިވަންކަން ލިބިދޭކަމަށްވާތީ އެ ހައްގުން މަހްރޫމްވެއްޖެ ހާލަތްތަކުގައި އެ ހައްގު އަނބުރާ ހޯދުމަށް ވަކި ފަރުދުންނަށް މައްސަލަ ހުށަހެޅެން އޮންނާތީ ކަމަށެވެ.

އެ މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފް ބަލައިގެންފައިނުވާ ކަމަށާއި، އަދަބު ލުއިކުރުމާއި މާފުކުރުމުގެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ސިޔާސީ ޕާޓީގެ ލީޑަަޝިޕް މަގާމެއް ވެސް ނަޝީދަށް ނުފުރުއްވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ނަޝީދު ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން ނިންމާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ވަކީލުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް ހަސަން ލަތީފް ވިދާޅުވީ، އދ.ގެ ކޮމެޓީން މިހާރު މައްސަލަ ބަލައިގެންފައިވާ ކަމަށާއި އެ މައްސަލާގައި ޖަވާބުދާރީވުމަށް ސަރުކާރަށް ފުރުސަތު ދޭނެ ކަމަށެވެ. ހަ މަސް ދުވަހުގެ ތެރޭގައި އެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުން ޖަވާބުދާރީވުމުން، އެކަމާ ވާހަކަ ދެއްކުމުގެ ފުރުސަތު ރައީސް ނަޝީދަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިފައިވާ ކަންކަން ހާސިލުވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ރައީސް ނަޝީދަށް އެކޮޅަށް މައްސަލަ ނިމިއްޖެނަމަ އދ.އިން އަންގާ ގޮތަށް ސަރުކާރުން އަމަލުކުރަން ޖެހޭނެ ކަމަށާއި ނޫންނަމަ ނަތީޖާ ގޯސްވެގެންދާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަގީންކަން އެބަ އޮތް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް މި ހުށަހަޅާފައިވާ ގޮތަށް މި މައްސަލަ ނިމިގެންދާނެ ކަމުގެ. އެހެންވީމަ އދ.ގެ މެންބަރެއްގެ ގޮތުގައި މުއާހަދާތަކުގައި ބައިވެރިވެގެން ރާއްޖެ މަސައްކަތްކުރައްމުންދާއިރު މިކަންކަމަށް ސަރުކާރުން އަމަލުނުކުރާނަމަ ދެން އޭގެ ފަހުން ބާއްވާ އިންތިހާބެއްގެ ސައްހަކަމާމެދު އދ.އިން ސުވާލު އުފައްދާނެ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، މި މައްސަލަ 2018 ގެ އިންތިހާބު ކުރިން ނުވަތަ އޭގެ ކުރިން ވެސް އިންތިހާބެއް ބާއްވާނަމަ އެ އިންތިހާބެއް ކުރިން ބަލައި ނިންމާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމް ހިމެނިވަޑައިގަންނަވާ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، މި މައްސަލާގައި ކޮމެޓީން އަންގާ އެންގުމަށް އަމަލުކުރަން ސަރުކާރަށް ލާޒިވާނެ ކަމަށް ގަބޫލު ކުރައްވަ އެވެ. އެހެން ނޫން ނަމަ ރާއްޖެއަށް ފިޔަވަޅުތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ހިސާން ވިދާޅުވި އެވެ.

"ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ވަރަށް ގާތުން މޮނިޓާކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި މި މައްސަލަތައް އދ.ގެ ކޮމެޓީއަށް ހުށަހެޅި އެ ފަރާތްތަކުން ވަކި ގޮތަކަށް އަމަލުކުރުމަށް އެންގުމުން އެ ގޮތަށް އަމަލުނުކުރުމުން އެއީ ވަރަށް ސީރިއަސް ކަމެއް ކަމުގައި އެ ބޭފުޅުން ދެކޭނެ،" ހިސާން ވިދާޅުވި އެވެ.