ހަބަރު

ރައީސް ޔާމީން ހޯމަ ދުވަހު ފުވައްމުލަކަށް ވަޑައިގަންނަވަނީ

އަންނަ ހޯމަ ދުވަހު ރައީސް އަބްދުﷲ ޔާމީން ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

އަންނަ ހޯމަ ދުވަހު ރައީސް ޔާމީން ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަނީ އެ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށެވެ. އެ މަޝްރޫއުގެ އިތުރުން އެ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ވެސް ރައީސް ޔާމީން ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދެއްވާފަ އެވެ. އޭގެފަހުން އެ ރަށަށް ރައީސް ވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ.

ސިޓީއެއްގެ ދަރަޖަ ފުވައްމުލަކަށް ދިނުމަށްފަހު ރައީސް ނެރުއްވި ގަރާރުގައި ވަނީ ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަންޖެހޭ ޝަރުތުތައް ފުވައްމުލަކުގައި ފުރިހަމަވެފައިވާ ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވާ ކަމަށެވެ. އެހެންވެ އެ ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަން ކަމާ ބެހޭ މުއައްސަސާތަކަށް އަންގަވާ ކަމަށް ރައީސް ޔާމީން ގަރާރުގައި ވަނީ ވިދާޅުވެފަ އެވެ.

ދެހާސް ސާދަވަނަ އަހަރު ތެރޭގައި ވެސް ފުވައްމުލަކަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި ބޮޑު ޖަލްސާއެއް ބާއްވަވާފަ އެވެ. އަދި މިފަހުން ޕީޕީއެމްގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވެސް އެ ރަށަށް ގޮސް ޖަލްސާއެއް ބޭއްވި އެވެ.