މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 15 މީހުން ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން މިމަހުގެ ނުވަވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި 21 އަހަރާއި 37 އަހަރާ ދެމެދުގެ ހަ މީހުން ހައްޔަރުކޮށްފައިވެ އެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެ މީހުން ތިބި އެޕާޓްމަންޓް، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓް އަދި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ހަތް ދުވަހަށް، ތިން މީހުން 10 ދުވަހަށް އަދި އެކަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
މީގެއިތުރުން މިމަހުގެ ނުވަވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި 19 އަހަރާއި 28 އަހަރާ ދެމެދުގެ 9 މީހުން ހައްޔަރުކޮށްފައިވެ އެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ. މީގެތެރޭގައި ހިމެނެނީ އަންހެނަކާއި 8 ފިރިހެނުންނެވެ.
މި މީހުން ހައްޔަރުކޮށް މި މީހުން ތިބި އެޕާޓްމަންޓް، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެ އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކަކު ތިން ދުވަހަށް އަދި ހަތް މީހުން ހަތް ދުވަހަށް ބަންދުކުރުމަށްވެސް އަމުރުކޮށްފައިވެ އެވެ. އަނެއް މީހާ ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.