ހަބަރު

ފަސް ދުވަސް ތެރޭ ކޯޓުތަކުން 654 މައްސަލަ ނިންމައިފި

މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކޯޓުތަކުން 654 މައްސަލައެއް ނިންމާފައިވާކަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ހާމަކޮށްފި އެވެ. އެއީ މީގެކުރީ ހަފުތާއާ އަޅާބަލާއިރު އިތުރުވުމެކެވެ.

އެ ޑިޕާޓްމެންޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މެޖިސްޓްރޭޓު ކޯޓުތަކުން 290 މައްސަލަ ވަނީ ނިންމާފަ އެވެ. އެއީ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 81 މައްސަލަ އިތުރުވުމެކެވެ. އޭގެ ކުރީ ހަފްތާގައި ނިންމާފައިވަނީ 209 މައްސަލައެވެ.

ހައިކޯޓު އަދި މާލޭގެ ސުޕީރިއާ ކޯޓުތަކުން މިދިޔަ ހަފްތާގައި 364 މައްސަލަ ނިންމާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތައް ދައްކަ އެވެ.

އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މެޖިސްޓްރޭޓު ކޯޓުތަކުގައި ޖުމުލަ 137 މެޖިސްޓްރޭޓުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިދިޔަ ހަފްތާގައި ހުރިހާ ދުވަހެއްގައި ކޯޓުތަކަށް ހާޒިރު ވެފައިވަނީ 107 މެޖިސްޓްރޭޓުންނެވެ. މިދިޔަ ހަފްތާގައި ސަލާމުގައި 16 އަދި ޗުއްޓީގައި 14 މެޖިސްޓްރޭޓުން ތިއްބެވިއެވެ.

މިދިޔަ ހަފްތާގައި މެޖިސްޓްރޭޓު ކޯޓުތަކުގައި މައްސަލަތަށް ހިންގައި މައްސަލަތައް ނިންމުމަށްޓަކައި ޖުމުލަ 573 އަޑުއެހުން ބާއްވާފައިވެއެވެ. އެހެންކަމުން މިދިޔަ ހަފްތާގެ މައްސަލަތަކުގެ ކޭސް ކްލިއަރެންސް ރޭޓް 86 ޕަސެންޓް އިން 139 ޕަސެންޓަށް ވަނީ މަތިވެގެން ގޮސްފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.