ރިޕޯޓް

ޕީޕީއެމްގެ ކޯޅުން މަޝްވަރާގެ ހުރަހަކަށް! ހައްލު ހޯދޭނެތަ؟

  • ކައުންސިލް ބޭއްވުމަށް މައުމޫންގެ ޝަރުތެއް
  • މެންބަރުން ތިއްބެވީ ގޮތްދޫކުރާކަން ނޫން
  • ޕީޕީއެމް މިހާރު ކުޅެނީ އިދިކޮޅު ޕާޓީއެއްގެ ދައުރު

ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކޮށް ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމަށް ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް، ސީމެގްގެ ފަރާތުން ހަ ކަމެއް ހުށަހެޅި އިރު، އެކަންތައް ތަންފީޒު ކުރުމަށް ސަރުކާރަށް އޭރު އޮތް ބޮޑު ހުރަހަކީ އެމްޑީޕީ އިން ގޮތް ދޫނުކުރުމެވެ. މަޝްވަރާތަކަށް ފަހި މާހައުލެއް ގާއިމް ކުރުމަށްޓަކައި ސަރުކާރުން އެމްޑީޕީއަށް އެތަށް ކަމެއް ހުށަހެޅި އެވެ. ނަމަވެސް އެ ޕާޓީއިން އޭރު ދިޔައީ ހުރިހާ ކަމަކަށް އިންކާރު ކުރަމުންނެވެ. އެގޮތުން ސީމެގުން ކަނޑައެޅި ތާރީހު ފަހަނައަޅާ ގޮސް އެ ޖަމިއްޔާގެ ބައްދަލުވުމާ ހަމަޔަށް އައި އިރުވެސް ދިވެހި ސަރުކާރަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ކުރިޔަށް ގެންދެވޭ ގޮތް ނުވި އެވެ. އޭގެ ނަތީޖާއަކަށް ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނުމެވެ.

ނަމަވެސް ރާއްޖެ ކޮމަންވެލްތުން ސަސްޕެންޑު ނުކޮށް ފަހުގެ އިންޒާރުދީ ރާއްޖެ އަލުން އިސްލާހު ކުރުމަށް އަނެއްކާވެސް ހަ ކަންތަކެއް ހުށަހެޅިއެވެ. އެ ހުރިހާ ކަމެއްވެސް ތަންފީޒު ކުރެވެން އޮތީ އެންމެ ގޮތަކަށެވެ. އެއީ ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާގެ މޭޒަށް އަރާ ވާހަކަދައްކައިގެނެވެ. އެހެންކަމުން މިފަހަރު މަޝްވަރާތައް ކުރުމަކީ ސަރުކާރަށް ކޮންމެހެންވެސް ކުރަން މަޖުބޫރުވެފައިވާ ކަމެކެވެ.

އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީއިން ވަނީ ޕާޓީ ޓޯކްސްގައި ބައިވެރިވާނެ ކަމުގެ ފެހި ސިގްނަލް ދީ އެކަމުގައި ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް ރައީސް އޮފީހަށް ހުށަހާފަ އެވެ. ނަމަވެސް ޕާޓީ ޓޯކްސްގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވާނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމެވުމާ އެކު، ސަރުކާރުން އެންގީ މަޝްވަރާތަކުގައި ބައިވެރިވެވޭނީ އެޕާޓީއެއްގެ ކައުންސިލުން ކަނޑައަޅާ މެންބަރަކު ކަމަށެވެ.

އެކަމަށް ސަރުކާރުން ދައްކާ ސަބަބެއް ވެސް އެބަ އޮތެވެ. މިކަމާ ހުރެ މަޝްވަރާތަކަށް ހުއްޓުން އައިސްފާނެ ކަމުގެ ބިރު މި ވަނީ ބޮޑުވެފަ އެވެ. މިފަހަރު މަޝްވަރާތައް ކުރިއަށް ގެންދަން އޮތް ބޮޑު ހުރަހަކަށް މި ވަނީ ޕީޕީއެމްގެ ތެރޭގައި އޮތް ބޮޑު ކޯޅުމާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޮޑެތި ޝަރުތުތަކެކެވެ.

"އަޅުގަނޑުމެން އެބަޖެހޭ ޔަގީންކުރަން އެއީ އެ ޕާޓީއެއް ތަމްސީލުކުރައްވާ ބޭފުޅެއްތޯ، އެހެންކަމުން ޕާޓީތަކުގެ ކައުންސިލުން ކަނޑައަޅާ މަންދޫބުންނާއެކު އަޅުގަނޑުމެން މަޝްވަރާތަކުގައި އިށީންނާނީ، ނޫނިމިއްޔާމު ހުރިހާ ކަމެއް ނިމި އެންމެ ފަހު ވަގުތު އެ ބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ނުނިމުމުން ތިޔައީ އެމްޑީޕީ ތަމްސީލު ކުރާ މީހެއް ނޫނޭ ނުވަތަ އަދާލަތު ޕާޓީ ތަމްސީލްކުރާ މީހެއް ނޫނޭ ބުނުމުގެ ފުރުސަތު އޮންނާނެ،" ޕާޓީ ޓޯކްސްގައި ސަރުކާރުން ފަރާތުން އެންމެ އިސްކޮށް އުޅުންވާ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވި އެވެ.

ނަމަވެސް ރައީސް މައުމޫން ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. އަދި ޕީޕީއެމްގެ އެތެރޭގެ ކޯޅުންތަކެއް ހައްލު ކުރަން ބާއްވަން މަސައްކަތް ކުރި ކައުންސިލް ބައްދަލުވުމުގެ ކޯރަމް ގެއްލުވާލައި އެ ބައްދަލުވުން ދޫކޮށް ވަޑައިގެން މެންބަރުންނާއި، އެމަނިކުފާނާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅި މެންބަރުން މާފަށް އެދުމުން ނޫނީ މަޝްވަރާގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅަން ކައުންސިލް ބައްދަލުވުން ނުބާއްވޭނެ ކަމަށް މައުމޫން ގެންދަވަނީ ޝަރުތު ކުރިމަތިކުރައްވަމުންނެވެ.

ކޮންމެއަކަސް ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރުން ނޫން އެހެން ޗޮއިސްއެއް ސަރުކާރަށް ނެތިފައިވާ މި ދަނޑިވަޅުގައި ޕާޓީ ޓޯކްސް ފެށުމަށް ބޮޑު ހުރަހަކަށް ވެފައި މިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ފަރާތުންނެވެ.

ޕާޓީ ޓޯކްސް އިސްކުރެވޭނެތަ؟

ސިޔާސީ މަސްރަހަށް ބަލާއިރު ސަރުކާރަށް މިވަނީ ޕާޓީ އެތެރޭ ކޯޅުންގަނޑު ބޮޑު ކުރުމަމަށް ވުރެއް މަޝްވަރާތަކަށް އިސްކަމެއް ދޭން ކޮންމެހެންވެސް މަޖުބޫރުވެފަ އެވެ. ނަމަވެސް އެކަން ކުރެވެން އޮތް ހުރިހާ ދޮރެއްގެ ކުރިމަތީގައި މިހާރުވަނީ ރައީސް މައުމޫންގެ ޝަރުތުތަކެކެވެ. އެ ދޮރުތައް މި ފަހަރު ހުޅުވޭނެ ތަޅުދަނޑިއަކީ މައުމޫންގެ ހުރަސްތައް ގިރާ ކުރުން ނޫނީ އެ ކަންކަމަށް ބޯލުނބުމެވެ. ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ހިޔާލަކީ އެ މައްސަލައަށް ޑިމޮކްރަސީގެ ތެރެއިން ހައްލު ހޯދިދާނެ ކަމަށެވެ.

"ޕާޓީ ޓޯކްސް އަކީ މިއަދު ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެންނަކީ ވެރިކަން ކުރާ ޕާޓީއަށް ވެފައި އަޅުގަނޑުމެން ޖެހޭނެ މިކަންތައް އެންމެ ހަލުވިކޮށް ގެންދިޔުމަށް ޓަކާ އެންމެ ބޮޑަށް ބާރު އަޅަން ޖެހޭ އެއް ޕާޓީއަކަށް. ނަމަވެސް މިވަގުތު މި ވެގެން އުޅޭ ގޮތަކީ ޕާޓީ ޓޯކްސް ފެށުމުގައި ޕީޕީއެމް ތަމްސީލު ކުރާނެ ފަރާތެއް ސީދާ ހަމަނުޖެހިގެން މި އުޅެނީ. ރައީސް އޮފީހަށްވެސް ގަބޫލު ނުކުރެވޭ ބައެއްކަންކަން ވެސް ޕީޕީއެމް ފަރާތުންވެސް ހުށަހެޅިގެން އެބަ އުޅޭ. އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް ޑިމޮކްރަޓިކް ޕާޓީއެއް އެންމެ ބޭފުޅެއްގެ ވިސްނުމެއްގެ މައްޗަކަށް ބިނާވުމަކީ އަޅުގަނޑުމެންގެ ސިފައެއް ނޫން. އަޅުގަނޑުމެންގެ ކަންތައްތައްވެސް ނިންމަން ގައުމީ މަޖިލީހެއް ނޫނީ ކައުންސިލެއް އޮންނާނެ،" ރައްޔިތުން މަޖިލީހުގައި ޕީޕީއެމްއަށް ނިސްބަތްވާ މެންބަރެއް ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ ގޮތުގައި މަޝްވަރާތަކަށް ދާނެ ފަރާތްތައް ރައީސް މައުމޫން ކަނޑައެޅުއްވި އިރު މީގެ ކުރިންވެސް ޕާޓީގެ ކައުންސިލުން ވާނީ މަޝްވަރާގައި ބައިވެރިވުމަށް ޕާޓީގެ ނައިބު ރައީސް އަބްދު ރަހީމް އަބްދުﷲ އަދި ޕީޖީ ގްރޫޕުގެ ޕީޑަރު އަހުމަދު ނިހާން ހަމަޖައްސަވާފައި ކަމަށެވެ. އަދި ކައުންސިލްގެ ބަހެއް ނެތި އެދެބޭފުޅުން ބަދަލު ކުރެވޭނެ ކަން ގަބޫލު ނުކުރައްވާ ކަމަށް މެންބަރު ވިދާޅުވި އެވެ. ކައުންސިލްގެ ނިންމުމެއް އޮއްވާ ޕާޓީގެ ރައީސް ބޭނުންފުޅުވާ ގޮތަކަށް އަމިއްލައަށް ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް އެ މެންބަރު ވިދާޅުވި އެވެ. އަދި ނިހާން އާއި އަބްދުއްރަހީމް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޭއްވި ޕާޓީ ޓޯކްސްގައި ޕީޕީއެމް ތަމްސީލް ކުރެއްވި އިރުވެސް މައުމޫން އެކަމާ ދެކޮޅު ހައްދަވާފައެއް ނުވެ އެވެ.

އެހެން ނަމަވެސް މަޝްވަރާގައި ބައިވެރިވުމަށް ރައީސް މައުމޫން ކަނޑައެޅުއްވި މެންބަރު މުހައްމަދު ވަހީދު "އަވަސް"އަށް ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވުމަށް އަބްދުއްރަހީމްއާއި ނިހާންގެ ނަން ހުށަހެޅުއްވީ އެއީ ކުރީގެ ޕާޓީޓޯކްސްއަށް ކަމަށެވެ. އަދި ސީމެގުން މިފަހަރު ގޮވާލި ގޮވާލުމަށް އެއްވެސް ފަރާތަަކުން ކަނޑައަޅާފައި ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި މިހާރު ރައީސް މައުމޫން ކަނޑައަޅާފައިވާ ނަންތަކުން ޕާޓީ ޓޯކްސް ކުރިޔަށް ގެންދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ ރައީސްއަށް އިހްތިޔާރުތަކެއް އޮވޭ. ކޮންމެކަމަކީ ކައުންސިލުން ނިންމަން ޖެހޭ ކަމެއް ނޫން. މިކަން ކައުންސިލުން ނިންމަން ވެއްޖެއާ ޕާޓީ ޓޯކްސްގައި ސަރުކާރުން ފަރާތުން ބައިވެރިވާނެ ފަރާތެއްވެސް ކަނޑައަޅަން ޖެހެނީ ކެބިނެޓުން ނިންމަވާ ގޮތަކަށް. އަދި އދ އިން އަންނަ މަންދޫބަކީ ޖެނަރަލް އެސެމްބްލީ ނުވަތަ އާންމު ޖަލްސާއަކުން ފާސްކޮށްފަތޯވެސް ބަލަން ޖެހޭނެ. މިއީ ރައީސް މައުމޫން ވަކި ގޮތެއް ކަނޑައެޅުމުން އެކަން ގަބޫލު ނުކުރަން ކުރިމަތި ކުރާ ބަހަނާއެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" ވަހީދު ވިދާޅުވި އެވެ.

މި މައްސަލަގަނޑަށް ހައްލެއް އެބައޮތްތަ؟

މަޝަވްރާތަކުގައި ބައިވެރިވެވޭނެ ފަރާތެއް ކަނޑައެޅުމުގައި ޕީޕީއެމް އިން ދެބަސްވުންތަކެއް އުފެދޭ ހިސާބަކީ މަޝްވަރާގައި ފާރިސް ބައިވެރި ކުރުމެވެ. އެއީ މަޖިލީހުގައި ވިޕަކާއި ދެކޮޅަށް ފާރިސް ލީ ވޯޓަކާއި ގުޅިގެން ޕީޕީއެމް ތެރޭގައި އުފެދިފައިވާ ކޯޅުންތަކާ ހެދި އެވެ. އަދި މަޝްވަރާ ކުރަން ބަޔަކު ކަނޑައެޅުމަށް ކައުންސިލް ބައްދަލުވުމެއް ބޭއްވޭނީ ރައީސް މައުމޫން ގޮވައިގެން ކޯޓަށް ދިޔަ ތިން މެންބަރުން، މާފަށް އެދުމުން ކަމަށް ވަނީ އެމަނިކްފާނު ޝަރުތު ކަނޑައަޅާފައެވެ. -- އެ ތިން މެންބަރުންނަކީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު އެވެ. --

އެކަމާ ގުޅިގެން "އަވަސް"އާ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ތިން މެންބަރުން ގުޅިގެން ކޯޓަށް ދިޔައީ ރައީސް މައުމޫން އަށް އަމުރެއް ނެރުއްވުމަކަށް ނޫން ކަމަށެވެ. އޭގެ ބަދަލަށް އެ ދުވަސްވަރު ޕާޓީގެ އޮނގަނޑު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރި ކަމެއް ކަމަށާއި މާފަށް އެދެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެއީ ޕާޓީގެ ލަސްލަހަތަށް ޓަކައި ޕީޕީއެމްގެ މެންބަރުންގެ ހައްގުގައި ކުރެއްވި ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރެވޭ މާފަށް އެދޭވަރު ކަމެއް ކުރެވުން ކަމަށް. އަދި ރައީސް މައުމޫން ގޮވައިގެން ނޫން އަޅުގަނޑުމެން ކޯޓަށް ދިޔައީ. އަޅުގަނޑުމެން ދިޔައީ ޕާޓީގެ އޮނިގަނޑު ހުއްޓުވާލާފައި އޮތީމައި އެކަން ކުރިން އޮތް ހެން ބޭއްވުމަށް ކޯޓުގެ އަމުރެއް ހޯދުމަށް،" ޝީޔާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ މަޖިލީހުގައިވެސް ޕީޕީއެމް ތަމްސީލު ކުރައްވާ ފަރާތްތަކަށް ވާއިރު އަޅުގަނޑުމެން ބޭނުންވޭ ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީ ގޮތުގައި ބާއްވަން. މެންބަރުން މި ތިބެނީވެސް ޑިމޮކްރަސީގެ ހަމަތަކުން ކަންތައް ކުރިޔަށްދާތީ. އެހެންވެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ގުނަވަންތައް ހުއްޓުވާފައި އޮތް އޮތުމަކީ ޕާޓީ ހިނގުމަށް އޮތް ވަރަށް ބޮޑު ދައްޗަކަށް. އެހެންވެ އެކަންތައް ހުއްޓުވެން އޮތް މަގަކަށް ވާތީ އެކަން ކުރީ. އެއީ ޕާޓީގެ މެންބަރުންގެ ހައްގުގައި ކުރެއްވި ކަމެއް،"

ޕީޕީއެމްގެ ތެރޭގައި އޮތް މައްސަލަތަކުގައި އެބޭފުޅުން ތިއްބެވީ މައުމޫންގެ ޝަރުތުތަކަށް ދޫކުރައްވާ ގޮތަކަށް ނޫނެވެ. އެހެން ކަމަށްވާ ނަމަ، ޕީޕީއެމްގެ ފަރާތުން މަޝްވަރާތަކުގައި ކުރިއަށް ދާނެ މަންދޫބުން ކަނޑައެޅުން ވާނީ ބޮޑު ހުރަހަކަށެވެ. އަދި މަޝްވަރާތަކަށް އަންނަ މަންދޫބުންގެ ޝަރުތަކަށް ކައުންސިލުން އެ ނަންތައް ފާސްކުރުން ހިމަނާފައިވާ އިރު މައުމޫން އެ ހުންނެވީ ސީދާ އެކަމާ ދެކޮޅު ހައްދަވައިގެންނެވެ. އެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ކައުންސިލްގެ މެންބަރަކު ޕާޓީގެ މައްސަލައެއްގައި ކޯޓަށް ދިޔުމަކީ އެ މެންބަރަކަށް ލިބިގެންވާ ގާނޫނީ ހައްގެކެވެ. އަދި އެ ހައްގުގެ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ކައުންސިލް ނުބޭއްވުމަކީ އަސާސީ ގަވާއިދުން އެއްވެސް މިންވަރަކަށް ބާރު ލިބިގެން މައުމޫން ކުރައްވާ ކަމެއް ނޫން ކަމަށް ބައެއް ކައުންސިލް މެންބަރު ވިދާޅުވެ އެވެ.

މި ހުރިހާ ސަބަބުތަކެއް މިހެން ހުރި އިރު، މަޝްވަރާ ފެށުމުގެ ކުރިން ބޮޑު ހާޖާނުގަނޑެއް މިހާރު ވެސް މި ވަނީ އުފެދިފަ އެވެ. މިފަހަރު މި ކުރިމަތިވީ ވެރިކަން ކުރާ ޕީޕީއެމްގެ ތެރެއިންނެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުންނެވެ. ބައެއް މެންބަރުންގެ ނަޒަރުގައި ރައީސް މައުމޫން ޕީޕީއެމް ހައްދަވާފައި ވަނީ އިދިކޮޅު ޕާޓީއެއް ގޮތަށެވެ. އެހެން ނަމަވެސް އެއީ ވެރިކަން ކުރާ ޕާޓީގެ ރައީސްއެއްގެ ގޮތުގައި ހުންނަވައިގެން މައުމޫންއަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވާ މެންބަރުން އެބަ ތިއްބެވި އެވެ.

"މައުމޫން އެ ކުޅުއްވަނީ މިހާރު ޗާޓުން ބޭރުން،" ކައުންސިލްގެ މެންބަރަކު ވިދާޅުވި އެވެ.

ކޮންމެ ގޮތަކަށް ކޮންމެ ކަމެއް އޮތަސް މަޝްވަރާގެ ކުރިން ޕީޕީއެމްގެ އެތެރޭގެ މައްސަލަ ހައްލު ކުރުން މި ވަނީ ކޮންމެހެން މުހިންމުވެފަ އެވެ. އެހެން ނޫން ނަމަ، މަޝްވަރާތައް އަނެއްކާ ވެސް ޑެޑްލޮކެއްގެ ތެރެއަށް ދާނެ އެވެ. އަދި ބޮޑު އިންތިހާބެއް ބޯމަތިވަމުން އަންނަ އިރު، ޕީޕީއެމް ވެސް މި އޮތީ މި ކޯޅުމަކާ ހުރެ ޑެޑްލޮކެއްގެ ތެރޭގަ އެވެ. މި މައްސަލަ ކޮންމެ ގޮތަކަށް ނަމަވެސް ހައްލު ކުރަން މި އޮތީ ޖެހިފަ އެވެ. އެކަމަށް ވެސް ފުރަތަމަ އޮތީ މަޝްވަރާގެ ހައްލަކަށް މަސައްކަތް ކުރުމެވެ.