ހަބަރު

ފައިސާ ދައްކަން ހުރީ ތައްޔާރަށް، އެކަމަށް ބޭންކުން މުއްދަތެއް ނުދޭ: ޔޫއްޕެ

ވިސާ ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެ، ސިވިލް ކޯޓަށް ދިޔައިރު ވެސް އެ ބޭންކުން ބުނި އަދަދަށް ވާނީ ފައިސާ ދައްކާފައި ކަމަށް މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފި އެވެ. އެހެން ނަމަވެސް ބޭންކުން ވަނީ ޔޫއްޕެގެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ސިވިލް ކޯޓުން ވަނީ ހަ މަސް ދުވަހުގެ ތެރޭގައި 10778 ރުފިޔާ، ބީއެމްއެލްއަށް ދައްކަން އޭނާގެ މައްޗަށް ހުކުމްކޮށްފަ އެވެ.

މިކަމާ ގުޅިގެން "އަވަސް"އާ ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ، ބީއެމްއެލްގެ އެކައުންޓް އޭނާ ބޭނުންނުކުރާތާ މިހާރު ދޮޅު އަހަރެއްވަރުވެފައިވާ ކަމަށާއި ކާޑު ބޭނުންކުރިއިރު ގަވާއިދުން ފައިސާ ދައްކާފައިވާނެ ކަމަށެވެ. ޔޫއްޕެ ބުނީ، ނުދައްކާ ބައެއް ފައިސާ ހުރި ކަމަށް ބުނީ ބީއެމްއެލްގެ މުވައްޒަފަކު ގުޅުމަށް ފަހުގައި ކަމަށާއި ވަގުތުން އެ ފައިސާތައް ދައްކާނެ ކަމަށް ބުނިން ކަމަށެވެ.

ޔޫއްޕެ ބުނި ގޮތުގައި އެ މުވައްޒަފު ބުނި ފައިސާތައް ނުދައްކާ އޮތުމުން ކޯޓަށް އެ މައްސަލަ ވައްދާފައިވާނެ ކަމަށް ބީއެމްއެލް އިން އޭނާއަށް އެންގި ކަމަށެވެ. އޭގެކުރިން ފައިސާތަކެއް ދެއްކުމަށް ވެސް އަދި އެކަމަށް މުއްދަތެއް ވެސް ބޭންކުން ނުދޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބުނިން ކުރީގައި ނެތޭ ފައިސާއެއް ދެއްކުމަށް އަންގާފައެއް، އެ ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ނުދެއްކީމަ ނޫންހޭ ކޯޓު ކޭސްއަކަށް ދާނީ، ބުނީމަ ބުނީ އެއީ ބޭންކްގަ އިންނަ ޕްރޮސީޖާ ކަމަށް، ވަކި މުއްދަތެއްްގެ ތެރޭގައި ފޮނުވާނެ ކަމަށް، އޭގެ ކުރިން ނެތް ފައިސާއެއް ދައްކާކަށް އަންގާފައެއް،" ޔޫއްޕެ ބުންޏެވެ. "ބޭންކުން އަހަރެންނަށް މުއްދަތެއް ދީފައެއް ނުވޭ، އަދި ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ކޯޓަށް ދާނެކަން ވެސް އަންގާފައެެއް ނުވޭ،

ޔޫއްޕެ ބުނީ ކާޑު ކެންސަލްކުރުމަށް ވެސް ވަރަށް ކުރިން ބޭންކްގައި އެދިފައިވާނެ ކަމަށެވެ. އެހެންނަމަވެސް ކާޑު އޮތީ ކެންސަލްނުކޮށް ކަމަށެވެ.

"އަހަރެން ވަރަށް ކުރިން އެދިފައިވަނީ ކާޑު ކެންސަލްކުރަން، އެކަމަކު އެމީހުން ބުނީ އެނގިފައެއް ނެތޭ، އެމީހުންގެ ފޯނުގެ ޒަރިއްޔާއިން ފޯނުން މުއާމަލާތް ކުރީ، އެހެންވީމަ އަހަރެން ފޯނުން ސީދާ އެދުނީމަ ކެންސަލްކުރަން ޖެހޭނެތާ،" ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ ބުނީ އޭރު ބޭންކުން ބުނި ވަރަށް ފައިސާ ދައްކާފައި ކޯޓު ކޭސް ނަގައިދިނުމަށް އެދުނު ކަމަށެވެ. އަދި އެ ފައިސާ ދެއްކުމުން އިންޓަރެސްޓަށް އިތުރު ފައިސާ ދައްކަން ޖެހޭނެ ކަމަށް ބުނި ކަމަށް ވެސް ޔޫއްޕެ ބުންޏެވެ. އެއީ ވަރަށް ކުޑަ އަދަދެއްގެ ފައިސާ ކަމަށެވެ.

"ބޭންކުން ބުނި އެ އަދަދު ސާފުކޮށްފައި ގުޅާނެ ކަމަށް، އެކަމަކު އޭގެ ފަހަކުން ނުގުޅާ، ދެން އައީ ކޯޓުން ޗިޓް، ދެން ހަމަ ދިޔައީ، ވަކީލު ކައިރިން ބުނީ ފައިސާއެއް ދައްކަން ބޭންކުން ނާންގާ ކަމާއި ވަކި މުއްދަތެއްގެ ތެރޭގައި ނުދައްކައިފިނަމަތާއޭ ކޯޓަށް ދާންވާނީ، ހަގީގަތުގައި އެއީތާ އުސޫލު އޮންނަންވާނެ ގޮތަކީ، އެކަމަކު ބޭންކްގެ އުސޫލަކީ އެއީ ކަމަށްވާތީ އެގޮތަށް އަމަލުކުރުމަކުން އަހަރެންގެ ޝަކުވާއެއް ނެތް،" ޔޫއްޕެ ބުންޏެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން ބީއެމްއެލްއިން ލިޔުމުން ހިއްސާކުރި ޖަވާބުގައި ބުނެފައި ވަނީ ބޭންކުން ކްރެޑިޓް ކާޑު ދޫކުރަނީ ކަސްޓަމަރާއެކު ވެވޭ ހާއްސަ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ބޭންކަށް ދައްކަންވާ ފައިސާ ކަސްޓަމަރަކު ގަވާއިދުން ދައްކަމުން ނުދާނަމަ ބޭންކުން އެ މައުލޫމާތު އަބަދުވެސް ކަސްޓަމަރާ ހިއްސާކުރާ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން ބުނި ގޮތުގައި، ފައިސާ ދެއްކުމަށް އެކަށީގެންވާ މުއްދަތެއް ކަސްޓަމަރަށް ދޭނެ ކަމަށާއި ބޭންކުން ކޯޓަށް މިފަދަ މައްސަލަ ހުށަހަޅަނީ އެންމެ ފަހު މަރުހަލާއެއްގެ ގޮތުގަ ކަމަށެވެ. އަދި ކޯޓު މަރުހަލާގައިވެސް، ކަސްޓަމަރަކު ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައިފިނަމަ ބޭންކުން އެ މައްސަލަ އަނބުރާ ގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ޔޫއްޕެ އަދި ބުނީ ބޭންކުން އެދުމުން އޭނާ ފައިސާ ދެއްކިކަމަށް ބޭންކްގެ ވަކީލް ވެސް ކޯޓުގައި އެއްބަސްވި އެވެ. އަދި އިތުރަށް އަރާ 10778 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ވަކީލް ކޯޓުގައި ބުނުމުން އެ ފައިސާ ދައްކަން އޭނާ އިއުތިރާޒް ނުކުރާ ކަމަށް ވެސް ޔޫއްޕެ ބުންޏެވެ.

"ދެން ވަކީލް ބުނީ އިންނާނެ ހަ މަސް ދުވަސް، ބޭންކުން ދެމޭ ޑިއުރޭޝަނެއް، އެއީ ފުރަތަމަ ޑިއުރޭޝަނެއް ދިން ދުވަސް ވެސް، ވަކީލް ހުކުމަކަށް އަންނާނީ އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފިނަމައޭ،" ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ ބުނީ ހަ މަސް ދުވަސް ތެރޭގައި ފައިސާ ދައްކާނެ ކަމަށް ވެސް އެއްބަސްވީ ވަކީލް އެގޮތަށް ބުނުމުން ކަމަށާއި އެހެން ނޫންނަމަ އެ އަދަދު އެއް ފަހަރާ އެ ވަގުތު ދެއްކީސް ކަމަށެވެ.

މި މައްސަލާގައި ހުކުމްކޮށްފައިވަނީ ޝަރީއަތަށް މައްސަލަ ނުގެންގޮސް ޑިސްޕިއުޓް މަރުހަލާގަ އެވެ. ޔޫއްޕެ ވަނީ ބޭންކުން އެދުނު ފައިސާ ދައްކާނެ ކަމަށާއި އެ ފައިސާތައް ދައްކަންޖެހޭ ކަމަށް އެއްބަސްވެފަ އެވެ. އެކަން ހުކުމްގައި ވެސް ފާހަގަކޮށްފައިވެ އެވެ.

ޔޫއްޕެ ބުނީ މިހާރު ބޭންކުން އެދިފައިވާ ފައިސާތައް ވެސް ދައްކާނެ ކަމަށާއި ބޭންކުން އަންގާ ކޮންމެ އަދަދެއްގެ ފައިސާ ވެސް ދައްކަން ތައްޔާރަށް ހުރި ކަމަށެވެ.