ރާއްޖެ ކުޅިވަރު

ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ޓީރެކްސް

ތިރީސް ފަސް ވަނަ ގައުމީ މުބާރާތުގެ ފައިނަލްގައި ދަ ބައުސްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކުޅުނު ފައިނަލް މެޗްގައި ޓީރެކްސް އިން ކާމިޔާބު ކުރީ 43 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ. އެޓީމުން 103 ޕޮއިންޓް ހޯދިއިރު، ދަ ބައުސް އަށް ހޯދިފައިވަނީ 60 ޕޮއިންޓެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ ރިކިން ޕެތާނީއެވެ. އެކާވިސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ ރިޝްފާން ރަޝީދެވެ. ޓީރެކްސް އަކީ މިއަހަރުގެ ގައުމީ ބާސްކެޓް ލީގްގެވެސް ޗެމްޕިއަން ޓީމެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީރެކްސްގެ އިބްރާހިމް ރަޝްވާން ބުނީ ޖެހިޖެހިގެން ދެ ފަހަރު މުބާރާތް ކާމިޔާބު ކުރެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި، ގައުމީ ފައިނަލެއް ކާމިޔާބު ކުރުމަކީ ފަސޭހަކަ ކަމެއް ނޫން ކަމަށެވެ.

މިއަހަރާއި މިދިޔަ އަހަރު ޓީރެކްސްއިން މުބާރާތް ކާމިޔާބު ކުރިއިރު، 2014 ވަނަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ. އަދި 2013 ވަނަ އަހަރު މުބާރާތް ކާޟިޔާބު ކުރީ އާރްއެލްސީއެވެ.