ހަބަރު

ވޯލްޑް ބޭންކުން ރާއްޖެއަށް ދޭ އެހީ އިތުރުކުރަން އެއްބަސްވެއްޖެ: ޒުހޫރު

  • އެ ބޭންކުން ކޮންސެޝަން ލޯނު ހޯދަން މަޝްވަރާކުރި
  • ސަބްސިޑީތަކަށް ގެނައި ބަދަލުގެ މައުލޫމާތު ހިއްސާކުރި
  • އިގްތިސާދީ ފިޔަވަޅުތަކަށް ވޯލްޑް ބޭންކްގެ ތާއީދު ލިބޭނެ

ވޯލްޑް ބޭންކުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖެއަށް ދެމުންގެންދާ އެހީ އިތުރުކުރާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފި، ކަމަށް އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައިވާ އެ ބޭންކްގެ ނައިބު ރައީސް އެނެޓް ޑިކްސަން އާއެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން، ޒުހޫރު މިއަދު "އަވަސް" އަށް ވިދާޅުވީ، ވޯލްޑް ބޭންކާ އެކު އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ، ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއު ތަކަށް ވޯލްޑް ބޭންކްގެ ކޮންސެޝަން ލޯނުތައް ހޯދުމާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން، ވޯލްޑް ބޭންކުން ކޮންސެޝަން ލޯނުތަކެއް ރާއްޖެއަށް ދޭ ނަމަ، މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ހިނގާ ހަރަދު ކުޑަކުރެވޭނެ ކަމަށް ވޯލްޑް ބޭންކްގައި ދެންނެވި ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް ވޯލްޑް ބޭންކުން އެކި ގޮތުން ދޭ އެހީތައް އިތުރު ކުރުމަށް އެބޭފުޅާ އެއްބަސްވެ ވަޑައިގެން ކަމަށް ޒުހޫރު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ކޮންސެޝަނަލް ލޯނުތަކެއް ދިނުމަށް މަގުފަހި ކުރުމަށް ވޯލްޑް ބޭންކުން މަސައްކަތްތަ ކުރާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޮޝިންޓަންގައި ހުންނަ ވޯލްޑް ބޭންކްގެ މައި އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ޒުހޫރު ވިދާޅުވީ، އައިއެމްއެފް އާއި ވޯލްޑް ބޭންކުން ބޭނުންވާ އިގްތިސޯދީ ބަދަލުތަކަކަށް މަގުފަހި ކުރުމުގެ ގޮތުން އެ ޖަމާއަތްތަކުން އެންމެ ބޮޑަށް ރާއްޖެ އަށް ބާރުއަޅަމުން އަންނަ، ކަރަންޓާއި ކާޑުގެ ސަބްސިޑީ ކުޑަ ކުރުމަށް މި ސަރުކާރުން އެޅިފިޔަވަޅު ތަކުގެ މައުލޫމާތު އެ ބޭންކަށް ދެއްވި ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ. އަދި އެބަދަލުތަކަށް ވޯލްޑް ބޭންކްގެ ތާއީދު އޮތްކަން އެބޭފުޅާ ހާމަކުރެއްވި ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޒުހޫރު ވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ބިޔަ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އިގްތިސޯދީ އެޖެންޑާ އާއި އުމްރާނީ ތަރައްގީ ރާއްޖެއަށް ގެނައުމަށްކުރަމުންދާ މަސަކަތްޕުޅާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރެއްވި އެވެ. އެގޮތުން އެއާޕޯޓު ތަރައްގީގެ މަޝްރޫއާއި ބްރިޖް އަދި ޔޫތް ސިޓީ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރި އެވެ.

ޒުހޫރު ވިދާޅުވީ، ސަބްސިޑީ ކަނޑާލުމަކީ ސަރުކާރުން ނިންމި ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި އެހެންނަމަވެސް އެއީ އިގްތިސޯދު ހަރުދަނާކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ދެންނެވި ކަމަށެވެ. އޭގެ ސަބަބުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކަށް ތަރައްގީ ގެނެވި، އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ބައްދަލުވުމުގައި ޒުހޫރު ވިދާޅުވި އެވެ.

މިނިސްޓަރު ޒުހޫރު މީގެކުރިން ވިދާޅުވެފައިވާ ގޮތުން ސަރުކާރުން ދެމުންގެންދިޔަ ކާޑުގެ ސަބްސިޑީ ކޮންޓްރޯލްކޮށް، އެ ހައްގުވާ ފަރާތަތަކަށް އެކަނި ދޫކުރަން ނިންމީ، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުން އެކަމަށް އެދޭތީ އެވެ. އަދި ސަބްސިޑީގެ ސަބަބުން އެ އިދާރާތަކުން ރާއްޖެއަށް ލޯނު އެހީ ދިނުމަށް ފަސްޖެހޭތީ އެވެ.