ހަބަރު

މެންބަރުންގެ ބަސް: މައުމޫން ކިބައިން މާފަށް އެދެންޖެހޭ ސަބަބެއް ނެތް

ޕީޕީއެމްގެ ކައުންސިލްގެ ޖަލްސާއެއް ބޭއްވޭނީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގޮވައިގެން ސިވިލް ކޯޓަށް ދިޔަ މެންބަރުން މާފަށް އެދުމުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވަނިކޮށް އެ މެންބަރުން ވަރުގަދަ ރައްދެއް ރައީސް މައުމޫނަށް ދެއްވައިފި އެވެ. މެންބަރުން ވިދާޅުވީ، މާފަށް އެދެންޖެހޭ ވަރުގެ ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ތެރޭގައި އަނެއްކާ ވެސް މައްސަލަ ހޫނުވެފައި މި ވަނީ، ސަރުކާރުން އިސް ނަގައިގެން ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ކައުންސިލްގެ ބަހެއް ނެތި، ޕީޕީއެމްގެ ފަރާތުންދެ މަންދޫބަކު ރައީސް މައުމޫން އަމިއްލައަށް ކަނޑައެޅުއްވުމުންނެވެ. އެމަނިކުފާނު ވިދާޅުވަނީ ކައުންސިލް ބައްދަލުވުން ބޭއްވެން ނެތް ކަމަށާއި ދައުވާ ކުރެއްވި މެންބަރުން މާފަށް ނޭދޭ ނަމަ، ކައުންސިލް ނުބޭއްވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން "އަވަސް"އާ ވާހަކަދައްކަވަމުން ރައީސް މައުމޫންއާ ގުޅޭ މައްސަލަ ކޯޓަށް ވެއްދި އެއް މެންބަރު ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ތިން މެންބަރުން ގުޅިގެން ކޯޓަށް ދިޔައީ ރައީސް މައުމޫންގެ މައްޗަށް އަމުރެއް ނެރުއްވުމަކަށް ނޫން ކަމަށެވެ. އެއީ އެ ދުވަސްވަރު ޕާޓީގެ އޮނގަނޑު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރި ކަމެއް ކަމަށާއި މާފަށް އެދެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެއީ ޕާޓީގެ މަސްލަހަތަށް ޓަކައި ޕީޕީއެމްގެ މެންބަރުންގެ ހައްގުގައި ކުރެއްވި ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރެވޭ މާފަށް އެދޭވަރު ކަމެއް ކުރެވުން ކަމަށް. އަދި ރައީސް މައުމޫން ގޮވައިގެން ނޫން އަޅުގަނޑުމެން ކޯޓަށް ދިޔައީ. އަޅުގަނޑުމެން ދިޔައީ ޕާޓީގެ އޮނިގަނޑު ހުއްޓުވާލާފައި އޮތީމައި އެކަން ކުރިން އޮތް ހެން ބޭއްވުމަށް ކޯޓުގެ އަމުރެއް ހޯދުމަށް،" ޝީޔާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ މަޖިލީހުގައިވެސް ޕީޕީއެމް ތަމްސީލު ކުރައްވާ ފަރާތްތަކަށް ވާއިރު އަޅުގަނޑުމެން ބޭނުންވޭ ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީ ގޮތުގައި ބާއްވަން. މެންބަރުން މި ތިބެނީވެސް ޑިމޮކްރަސީގެ ހަމަތަކުން ކަންތައް ކުރިޔަށްދާތީ. އެހެންވެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ގުނަވަންތައް ހުއްޓުވާފައި އޮތް އޮތުމަކީ ޕާޓީ ހިނގުމަށް އޮތް ވަރަށް ބޮޑު ދައްޗަކަށް. އެހެންވެ އެކަންތައް ހުއްޓުވެން އޮތް މަގަކަށް ވާތީ އެކަން ކުރީ. އެއީ ޕާޓީގެ މެންބަރުންގެ ހައްގުގައި ކުރެއްވި ކަމެއް،"

އެންމެ ފުރަތަމަ ކޯޓަށް މައްސަލަ ވެއްދުމުގައި ބައިވެރިވި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު ވެސް ވިދާޅުވީ، މާފަށް އެދޭވަރުގެ ކަމެއް ކުރެވިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މެންބަރު ވިދާޅުވީ، ޑިމޮކްރަސީގައި އޮންނާނީ މެޖޯރިޓީއަށް ތަބާވުން ކަމަށާއި އެ ރޭ ކައުންސިލް ޖަލްސާގެ ކޯރަމް ގެއްލުނީ ވެސް އެކަމަށް މެޖޯރިޓީ އޮތުމުން ކަމަށެވެ. އެހެންކަމުން އެކަމަށް ކޮންމެ ބޭފުޅަކު ވެސް އިހުތިރާމްކުރައްވަން ޖެހޭނެ ކަމަށް އައްސަދު ވިދާޅުވި އެވެ.

"މާފަށް އެދެން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަން، އެކަމަކު އަޅުގަނޑުމެންގެ ޕާޓީއަކީ ވެރިކަމުގައި އޮތް ޕާޓީއަށްވެފައި ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކެއް އުނިވަމުންދާ ކަމަށްވާނަމަ އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް އެ ހިދުމަތް ލިބުމަށް މަގުފަހިކޮށްދޭން، އެގޮތަށް ކުރަންޖެހުނު ކަމެއް ކުރާނަން،" މެންބަރު ވިދާޅުވި އެވެ. އައްސަދުގެ ނަން ޕީޕީއެމްގެ ދަފްތަރުގައި ނެތް ކަމަށް ޕާޓީގެ އޮފީހުން އެންގުމުން އައްސަދު ފަހުން ވަނީ އެ މައްސަލައިގެ ތެރެއިން ނިކުންނަވައިފަ އެވެ.

އައްސަދު ވިދާޅުވީ އެކަމުން ވެސް ދޭހަވަނީ ޕާޓީ ހިންގަވަން ހަވާލުވެ ތިއްބެވި ބޭފުޅުން ޕާޓީގެ އިދާރީ ކަންކަން ކުރުމުގައި ވެސް އިހުމާލުވެފައިވުން ކަމަށެވެ.

ދެން ތިއްބެވި މެންބަރުންނާ ގުޅޭތޯ މަސައްކަތް ކުރި ނަމަވެސް އެބޭފުޅުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެރޭ ކައުންސިލުން ނިކުންނެވި، މެންބަރުންގެ ތެރެއިން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ވަނީ އަސާސީ ގަވާއިދާ ހިލާފުކަމެއް ކުރެވިފައިވާ ނަމަ މާފަށް އެދިވަޑައިގަންނަވާ ކަމަށް ކައުންސިލްގެ ވައިބާ ގްރޫޕްގައި މައުމޫންއަށް ދަންނަވައިފަ އެވެ.

ރައީސް މައުމޫން މަންދޫބުންގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ ހޫނުވީ ވެސް، ޕީޕީއެމްގެ ޕީޖީ ވިޕާ ހިލާފަށް ފާރިޝް ވޯޓު ދެއްވުމުން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުމުންނެވެ.

މަޝްވަރާތަކަށް ދާނެ ފަރާތްތައް ރައީސް މައުމޫން ކަނޑައެޅުއްވި އިރު މީގެ ކުރިންވެސް ޕާޓީގެ ކައުންސިލުން ވަނީ މަޝްވަރާގައި ބައިވެރިވުމަށް ޕާޓީގެ ނައިބު ރައީސް އަބްދު ރަހީމް އަބްދުﷲ އަދި ޕީޖީ ގްރޫޕުގެ ޕީޑަރު އަހުމަދު ނިހާން ހަމަޖައްސަން ނިންމުމެއް ނިންމައިފަ އެވެ. ކުރީގެ މަޝްވަރާތަކުގައި އެ ދެ މެންބަރުން ބައިވެރިވަޑައިގެންފައިވެސްވެ އެވެ.

ޕީޕީއެމް ކައުންސިލްގެ ޖަލްސާއެއް ބޭއްވުމަށް ރައީސް މައުމޫން ޝަރުތުތަކެއް ކުރިމަތިކުރައްވާފައިވާއިރު، ސަރުކާރުން ވަނީ ކައުންސިލުން ފާސްކޮށްފައިވާ ފޮނުވާ މަންދޫބުންނާއެކު ނޫނީ މަޝްވަރާގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ. އެހެންކަމުން ރައީސް މައުމޫން ނުވަތަ މެންބަރުން މިކަމުގައި ދޫނުދެއްވައިފިނަމަ، ޕާޓީތަކުގެ މަޝްވަރާއަށް އެޅޭ ބޮޑު ހުރަހަކަށް މިކަން ވެގެންދާނެ އެވެ.